އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ރާއްޖެއިން މިވަނީ މީހަކު ނިޔާވެފައެވެ. އެނގިފައިވާގޮތުގައި އެ އީ ދާދިފަހުން މެލޭޝިޔާ އަށް ދަތުރުކޮށްފައިވާ ޒުވާނެކެވެ.
ރާއްޖެއިން މި ބަލީގެ ކޭހެއް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކަމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފަށައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ފަށާފައެވެ.
ރާއްޖެއިން މި ބަލި ފެނިފައިވުމާއެކު މި ބައްޔާބެހޭ މައުލޫމާތު އެނގިތިބުން މުހިންމެވެ. ރައްކާތެރި ވާން އެނގޭނީ އެއިރުންނެވެ.
އިންވޭސިވް މެނިންގޯކޮކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ، ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އެއް ގެއެއްގައި އުޅޭ މީހުން، އެއް ކޮޓަރިއެއްގައި ނިދި މީހުން، ބަލި މީހާގެ ކުޅުން އަދި ބަލި މީހާގެ އަރިދަފުސް ގައި ޖެހުން ފަދަ ހާލަތްތައް ހިމެނެއެވެ.
އެފަދަ މީހުންނަށް އެންޓިބަޔޮޓިކް ކީމޯޕްރޮފިލެކްސިސް ދޭން ޖެހެނީ އިމިއުނައިޒޭޝަން ހާލަތަށް ބެލުމެއް ނެތިއެވެ. އެންމެ ރަނގަޅީ އިންޑެކްސް ބަލި މީހާ ދެނެގަނެވޭތާ 24 ގަޑިއިރު ފަހުންނެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.
މި ބަލީގެ އަލާމާތްތަކާއި ނިޝާންތަކުގެ ތެރޭގައި ހިމެނެނީ ހުންއައުން، ބޮލުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ހަށިގަނޑުގައި ނުވަތަ ގުނަވަންތަކުގައި ރިއްސުން، ހަށިގަނޑުގައި ރަތްބިހި ނުވަތަ ލަށްތަކެއް ނެގުން، ވާނުވާ ނޭނގޭ ގޮތްވުން، ވަރުދެރަވުން، ނޭވާ އަވަސްވުމުގެ އިތުރުން އަލިގަދަވުމުން އުނދަގޫވުން ހިމެނެއެވެ.
މި ބަލީން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން، ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް އެފަދަ ތަންތަނަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ނުދިއުން، ރޯގާޖެހިފައި ހުރިނަމަ ކުޑަކުދީންނާއި ކައިރިވެ ނޫޅުމާއި އެ ކުދީން އުރާ ނުހެދުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!