ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި ދިމާވި މައްސަލައަކާއި ގުޅިގެން މެދުކަނޑާލުމަށް ފަހު މައްސަލަ ހައްލުކޮށް، މުބާރާތުގެ ބާކީބައިގެ ކުޅުން މިއަދު ފަށަން ނިންމައިފިއެވެ.

ހއ.އަތޮޅުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް މި އަހަރު ކުރިއަށް ދަނީ ހޯރަފުށީގައެވެ. މި އަހަރު މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ހޯރަފުށި، މުރައިދޫ، ދިއްދޫ، މޮޅަދޫ އަދި އިހަވަންދޫއެވެ.

Ad
rt

މުބާރާތް ފަށާފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ. މިމުބާރާތުގައި މައްސަލަ ދިމާވީ މުބާރާތުގައި ބައިވެރިވި ދިއްދޫޓީމްގައި މުބާރާތުގެ ގަވާއިދާއި ހިލާފަށް ކުޅުންތެރިޔަކު ޖައްސާފައިވާ ކަމަށްބުނާ މައްސަލަ ފެންމަތިވި ހިސާބުންނެވެ.

މި މައްސަލަ ފެންމަތިވުމާއިއެކު މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން މި މައްސަލަބަލައި ވަނީ ފިޔަވަޅު އަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމައްސަލާގައި ޑިސްޕްލިނަރީ ކޮމިޓީއިން ނިންމާފައިވަނީ އެކުޅުންތެރިޔާ ހިމަނައިގެން ދިއްދޫއިން ކުޅެފައިވާ މެޗްތައް އިދިކޮޅުން ކުޅުނު ޓީމަށް ދިނުމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި އެ ކުޅުންތެރިޔާއަށް ދިއްދޫ ޓީމަށް ނުކުޅެވޭނެ ކަމަށެވެ.

ދިއްދޫއިން މައްސަލަ ޖެހުނު ކުޅުންތެރިޔާ ހިމަނައިގެން މުބާރާތުގައި ދެ މެޗެއް ކުޅުނެވެ. އެއީ މުރައިދޫއަތުން 3-0 ބަލިވި މެޗާއި ހޯރަފުށި އަތުން 3-1 މޮޅުވިމެޗެވެ.

އެނިންމުމާއިމެދު އިހްތިޖާޖްކޮށް ދިއްދޫއިންވަނީ އެކުޅުންތެރިޔާނުލާ އެޓީމުން މޮޅަދޫއާ ދެކޮޅަށްކުޅެންޖެހޭ މެޗް ކުޅުމަށް ދެކޮޅު ހަދައިފައެވެ. އެހެންކަމުން އެމެޗުން މޮޅަދޫ 3-0 އިން މޮޅުވީކަމަށްވަނީ ނިންމައިފައެވެ. މުބާރާތުގައި ދިއްދޫ އާއި އިހަވަންދޫ ބައްދަލުކުރާ މެޗަށް ދެޓީމްވެސް ދަނޑަށް ހާޒިރުވިއެވެ. ދިއްދޫޓިމުން ދަނޑަށް ހާޒިރުވީ މައްސަލަ ބޮޑުވެފައިވާ ކުޅުންތެރިޔާވެސް ޓީމްގައި ހިމަނައިގެންނެވެ. ނަމަވެސް އެމެޗުވެސް ކުރިޔަށް ގެންގޮސްފައެއްނުވެއެވެ.

މައްސަލަ ބޮޑުވުމާއި ގުޅިގެން މުބާރާތް މެދު ކަނޑާލިއެވެ. ޖެހުނު މައްސަލައާއި ގުޅިގެން، މުބާރާތުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ހއ.އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމީ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. ވުމާއިއެކު މުބާރާތުގެ ގްރޫޕް ބުރުގައި ބާކީ އޮތް ތިން މެޗު މިއަދު ފަށާނެއެވެ.

މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ޓީމްތަކުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. އެގޮތުން މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މުރައިދޫ ވަނީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.