ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަށް ގޮސް ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލްގައި ހައްޖާޖީންނަށް ޚާއްޞަކޮށް ކްލިނިކެއް ހުޅުވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މި ކްލިނިކް ހުޅުވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

Ad
rt

ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދެއްވުމުން އެ ކްލިނިކް މިހާރު ވަނީ ގާއިމުކޮށްފައެވެ.

ދިވެހި ޙާޖީންނަަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިފައި ވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަަށް ވެސް ޝަހީމް ވިދާޅުވިއެވެ.

''ހައްޖު ކޯޕަރޭޝަނުން ވަނީ ޞިއްޙީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ޤާއިމުކޮށްފަ. ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ހުންނާނީ ޤާއިމުވެފަ. މިއީ މިގޮތައް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު.'' ޝަހީމް ވިދާޅުވެފަވެއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަށް ގޮސް ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލްގައި ހައްޖާޖީންނަށް ޚާއްޞަކޮށް ކްލިނިކެއް ހުޅުވިއިރު، ސަރުކާރުން އެދިގެން ސައޫދީން ވަނީ ދިވެހި ހައްޖުވެރިންނަށް ވަރަށް ބޮޑު ލުޔަކާއި ފަސޭހައެއް ލިބިދޭނެ މައްކާ ރޫޓް އިނީޝިއޭޓިވް މިއަހަރު ހިމަނައިދީފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.

ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސަޢުދީ އަރަބިއްޔާގެ ވަފުދުތައް މިއަދު އަންނަން ފަށާނެކަމަށް ވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ވަނީ ބުނެފައެވެ.

މިޚިދުމަތް ފެށުމަށް ސަޢުދީގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

މައްކާ ރޫޓް އިނިޝިއޭޓިވް މިމަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓުކޮށްފައެވެ.