ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ. ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެގޮތުން މި ތިން ރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ވަޒީރު ވަނީ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އޭޓިއެމުން ފައިސާ ނަންގަވާ، ފައިސާ ނަންގަވަން ބޭނުން ކުރެއްވި ކާޑު އެރަށެއްގެ ކައުންސިލާ ހަވާލުކުރައްވާފައެވެ. އަދި ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން ފޭދޫ ކައުންސިލަށް ވަނީ ހަނދާނީ ފިލާއެއްވެސް ދެއްވާފައެވެ.

އޭޓިއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައްޔިތުންނާ ގާތުން އަސާސީ ޚިދުމަތްތައް ދެއްވުމަކީ ރައީސް މުޢިއްޒުގެ ވަޢުދެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެން ދިއުމަކީ ވަޢުދުފުއްދަވަމުން ގެންދަވާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

މި ތިން ރަށުގައި ވެސް ޤާއިމްކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްސް ސާވިސް އޭޓީއެމް އެކެވެ. ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެއަށް ބެންކް އޮފް މޯލްޑިވިސްގެ އޭޓީއެމް ޚިދުމަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހު ތެރޭގައެވެ. މި މަޝްރޫޢުއާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

އެގޮތުން މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
.