ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ހުށަހެޅުނު ކަންކަމާމެދު ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ ރައީސް އޮފީހުގައެވެ.

"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް އިއްޔެ ވަނީ ބައްދަލުކުރަށްވާފައެެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވަނީ ރައީސަށް ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ.

Ad
rt

ރައީސް އޮފީހުން މިއަދު ބުނީ އިއްޔެ "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ހުށަހެޅުއްވި ކަންކަމާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ރައީސް މިއަދު މަޝްވަރާކުރަށްވާފައިވާ ކަމަށެވެ.

ޚާއްޞަކޮށް، އެ ބޭފުޅުން ލިޔުމުން ހުށަހެޅުއްވި ކަންކަމަށް އިސްކަމެއް ދެއްވާފައިވާއިރު، މީގެ ތެރޭގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް އެއް ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން އާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.