މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލެޓް މައްސަލާގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އާއި ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ.

މި މައްސަލާގައި ދައުވާ ކުރުމަށް އެދިފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހް، ކުރީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީ، އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި ޙުސައިން ައިން ޒުހުރީ، މުޙައްމަދު ނާޡިމް އަދި އިސްމާޢީލް އަދުހަމްގެ މައްޗަށެވެ.

Ad
rt

އޭސީސީން ބުނާ ގޮތުގައި، އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އެޅުމުގެ މަޝްރޫޢުގައި ބޭރުގެ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވެއެވެ. މީގެ ތެރޭގައި އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދިނުމާއި، އެއްބަސްވުމާ ޚިލާފުވެފައިވާއިރުވެސް އެޑްވާންސް އަދި ޕްރޮގްރެސިވް ޕޭމަންޓްތައް ދޫކުރުން ހިމެނެއެވެ.

މި ޢަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް 39 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މާލީ ގެއްލުން ވެފައިވާކަމަށް އޭސީސީން ބުނެއެވެ. އަދި މި ފަރާތްތަކުގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ދައުވާ ކުރުމަށް އެދިފައިވެއެވެ.

އޭސީސީން މި މައްސަލަ ބަލައި ތަޙުޤީޤު ކުރުމަށްފަހު، އިތުރު މާލީ ގެއްލުން ހިސާބުކޮށް އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ.