އިންސާނާގެ ދުނިޔެވީ ދިރިއުޅުމުގެ އެންމެ ފަހު ވަގުތަކީ މަރެވެ. އަދި އެއަށްފަހު އަންނަނީ ކަށުކަމާކެމީގެ މަރުހަލާއެވެ. ނަމަވެސް މިއަދު ވިސްނާލާ ފިކުރުކޮށްލަން މިއުޅެނީ ކަށުކަމާކެމީގެ ފަހުން އަންނަ ދުވަސްތަކާ މެދުގައެވެ. މިއީ ކޮންމެ މީހަކަށް ޔަޤީނުންވެސް ކުރިމަތިވާނެ ހަޤީގަތެކެވެ. ކުރިމަތިން ފެންނަމުން ދިޔަ ނަމަވެސް ވިސްނާ ނުލެވުނަސް، ކަން ވެގެންދާ ގޮތެވެ.

ތިބާގެ މަރުގެ ޚަބަރު ރައްޓެހިންނާއި ދަންނަ މީހުންނަށް ފެތުރިގެން ދަނީ ވަރަށް ބާރަށެވެ. އެގޮތުން، ގިނަފަހަރަށް ޖަނާޒާގެ މަޢުލޫމާތު ލިބެނީ މީސް މީޑީއާއިން ނެވެ. ކަށުނަމާދު ޕޭޖުން ނުވަތަ ރަށު ގުރޫޕަކުން ނުވަތަ ކޮންމެވެސް މީހެއްގެ ފަރާތުން ކުއްލިއަކަށް ލިބޭ މެސެޖަކުން ނެވެ. އެއަށް ފަހު ހެޔޮއެދޭ ފަރާތްތަކުން ތިބާގެ މޫނުބެލުމަށް ސަހަރާއަށް ޒިޔާރަތްކޮށް ހީ ސަމާސާކޮށް ރަށުމީހުން އެއްވެ ސަލާން ގަލާންކޮށް ތިބާގެ ކޮންމެވެސް ހެޔޮ ވާހަކައެއް ދައްކާލައި މަދު ބަޔަކު ނަމަވެސް ހެޔޮ ދުޢާއެއް ކޮށްލައެވެ.

Ad
d

ކަށުނަމާދު އޮންނަ ގަޑިއަށް އެންމެން ޖަމާވެ ކަށުނަމާދުކޮށް ސަހަރާގައި ކޮނެފައިވާ ކައްވަޅު ކައިރިއަށް ގެންދެއެވެ. ސަންދޯކުގައި ވަށައިގެން ތިބެނީ ތިމާގެ މީހުންނާއި އެންމެ ގާތް މީހުންނެވެ. އެއަށް ފަހު، ދަގަނޑު ހޮޓިއެއްގައި ތިބޭގެ ސަންދޯއް އެއްސުމަށްފަހު ކައްވަޅަށް ތިރި ކުރެއެވެ. އެއްސި ވާގަނޑު ދެކޮޅަކަށް ދަމާލުމަށްފަހު ލަތްކެއް ޖެހުމަށް ފަހު ވާގަނޑު އެއްކޮޅަށް ދަމާލަ އެވެ. އެއަށް ފަހު ސަންދޯކުގެ ދެކޮޅުގައި އައްސާފައިހުރި ވާކޮޅު މޮހާލައެވެ. ދެން ކޮންމެ މީހަކު ވެސް ތިން މުށުގެ ސަލާމަކުން ފަހުގެ ވަދާއީ ސަލާންކޮށް ދެއަތް ޖަހާ ވެލި ފޮޅާލާ އަޑު އިވޭނެއެވެ. ސަންދޯކުގެ މައްޗަށް ވެލިމުށަކުން ވެލިމުށެއް ޖެހޭ އަޑު ކެނޑުމަށްފަހު ދެން އިވޭނީ ފަކީރާ ޖެހުމަށްފަ ވެލިއުކާ އަޑެވެ. ކައްވަޅު ފުރުމާއި އެކު، ބާކީ ސަންދޯކަށްވީ ފަސްތަކުން ކައްވަޅުމަތީ މަހާނައެއްހެން އެއްވަރުކޮށްލާ ދޮންވެލި ބަސްތާއެއް އޮއްސާލައެވެ. ތިބާގެ ނަން ލިޔެފައިވާ ފިލާގަނޑެއް ދެކޮޅަށް ހަރާލުމަށް ފަހު "ހުރިހާ ބޭފުޅުންވެސް އިޙްލާސްތެރިކަމާއި އެކު މައްޔިތާއަށް ދުޢާކުރައްވާ" މިފަދައިން ގޮވާލައެވެ. އާންމުގޮތެއްގައި މިދުޢާގައި 1 މިނެޓުވެސް ނުވާނެއެވެ.

ތިބާދެކެ އިންތިހާއަށް ލޯބިވާ މީހުންގެ ފިޔަވަޅުތައް މަޑުމަޑުން ދުރަށް ދާ އަޑު އިވޭނެ އެވެ. ތިބާ މިހާރު އޮތީ ހަށިގަނޑު ކަފުނުގައި އެކަނިމާއެކަނިވެފައެވެ. ދުނިޔޭގައި ކުރި ޢަމަލުތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. ކުރީގެ ދިރިއުޅުން ނިމި، ގެންދިއުމަށް އިސްކުރި ހެޔޮ ޢަމަލުތައް މެނުވީ ނެތެވެ.

ޖަނާޒާގެ އެއްގަޑިއިރު ފަހުން ސަހަރާގައި ތިބާ ދަންނަ މީހަކު ވެސް ނެތެވެ. އެންމެން ގޮއްސި އެވެ. ގޭތެރެއިންވެސް ރުއިން މަޑުވެއްޖެ އެވެ. އާއިލާ އެންމެން ގެއަށްގޮސް އަރާމު ސޯފާ ތަކުގައި ނުވަތަ އެނދުތަކުގައި ބުރަކަށި ދަމާލައިފި އެވެ. ކޮންމެވެސް ކެފޭއެއްގައި ސަހަރާއަށް ދިޔަ އެކުވެރިން ކޮފީ ބޯން ތިބޭނެއެވެ. ތިން ގަޑިއިރު ފަހުން ގޭގައި ތިބޭ ބައެއް މީހުންނާއި ޖަނާޒާގައި ބައިވެރިވި އެންމެންހެން ކުޅިވަރާއި، ޚަބަރާއި، ސިޔާސީ އަދި ދުނިޔެވީ ވާހަކަ ދައްކަން ފަށައެވެ.

ތިބާގެ ހަށިގަނޑުގެ ނާރުތަކުގެ ހަރަކާތްތައް ހުއްޓިއްޖެއެވެ. އިތުރު ވިސްނުމެއް ނުވަތަ ރިފްލެކްސްއެއް ނުހުރެއެވެ. އެއް ދުވަސް ފަހުން، އާއިލާ މީހުން ނިދާ ހޭލައިގެން އާ ދިރި އުޅުމަކަށް ފެށުމަށް ތައްޔާރުވެއެވެ. ތިބާގެ ކުއްލި ވަކިވުމުގެ ހިތާމައިގައި ތިބާއާއި ނުލާ ދިރިއުޅުމަށް ހޭނެމުންދެއެވެ. އެމީހުން ހަނދާންކުރަމުން ދަނީ ތިބާގެ ބަސްތަކާއި، ހިނިތުންވުމާއި، އޯގާތެރިކަމެވެ. އެކަމަކު ތިބާއަށް އެ ދުނިޔެ ގެއްލިއްޖެއެވެ. މިހާރު ތިބާ އޮތީ މަޤާމާއި، މުއްސަނދިކަމާއި، ނަން މަޝްހޫރުކަމުގެ އެއްވެސް އަގެއްނެތް ތަނެއްގައެވެ. ހަމައެކަނި އަގުހުރި އެއްޗަކީ އިޚްލާޞްތެރިކަމާއެކު ﷲ އަށްޓަކައި ކުރި ހެޔޮ ޢަމަލުތަކެވެ. އަދި ތިބާ އަށް ހެޔޮ އެދޭ ބައެއްގެ އިޙްލާސްތެރި ދުޢާ އެކެވެ.

ހަފްތާއެއްގެ ތެރޭގައި، ތިބާގެ ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތްތޯ ބެލުމަށް ޓީވީ އާއި ރެޑިއޯއިން ގޮވަން ފަށައެވެ. ދަރަންޏެއް އޮތް ބަޔަކު އާއިލާ އާއި ގުޅައިގެން ކުރިއަށް ދެއެވެ. ތިބާގެ މުދަލެއް ހުރިނަމަ ވާރިސުންގެ މެދުގައި ބެހުމުގެ ކަންކަން ކުރިއަށް ދެއެވެ. ދަރަންޏާއި މުދަލުގެ މެދުގައި ވާރިސުންގެ މެދުގައި އަރާރުމާއި ދެބަސްވުންވެސް ހިނގައެވެ. މައްސަލަ ކޯޓުގައި ރެޖިސްޓްރީ ކުރެވި މައްސަލަ ފެށިއްޖެ އެވެ.

ތިން މަސް ފަހުން، ތިބާގެ ބައިވެރިޔާ އާންމު ދިރިއުޅުމަކަށް އެކީ އެކަށް ބަދަލުވެއެވެ. ޓީވީން ފިލްމެއް ބަލަމުން ހެމުން ދުނިޔަވީ އުފާތައް ހޭދަކުރަމުން ދާއިރު ތިބާގެ ހަށިގަނޑު ފަނާވެ، ބިމުގެ ބައެއް ކަމުގައި ވެގެންދެއެވެ. ހަ މަސް ފަހުން، ތިބާ ހަނދާން ކުރެވެނީ މަދު ފަހަރަކުއެވެ. ދުނިޔެ ކުރިއަށްދަނީ ތިބާ ދުވަހަކުވެސް އެ ދުނިޔޭގައި ނޫޅޭ ފަދައިންނެވެެ. މިއީ އަހަރެމެންގެ މިތާ ހޭދަކުރާ ވަގުތުގެ ކުރުކަން ހަނދާންކޮށްދޭ ކަމެކެވެ.

ތިބާ މަރުވިތާ އަހަރެއްވެއްޖެ އެވެ. ތިބާގެ ހަށިގަނޑުގައި ހުރި އެސިޑްތަކުން ކަފުން ފޮތިކޮޅު ހަލާކުވެ ނިމިއްޖެއެވެ. އެއް އަހަރު ފަހުން، ތިބާގެ އެންމެ ގާތް މީހުންނަށް އަދިވެސް ތިބާ ނެތުމުގެ ހުސްކަން އިހުސާސްވެއެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ތިބާއަކީ އާދައިގެ ހަނދާނެކެވެ. ދުނިޔޭގެ ކަންކަން ކުރިއަށްދަނީ ތިބާ ނެތުމުން އެއްވެސް ބަދަލެއް ނައިހެވެ. ހަނދާންބަހައްޓާށެވެ. މި ދުނިޔޭގައި އަހަރެމެން ހޯދާ ގިނަ ކަންކަމަކީ އާޚިރަތުގައި މާބޮޑު އަގެއްހުރި އެއްޗެއް ނޫނެވެ. އަގުހުރި ހަމައެކަނި އެއްޗަކީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ޢަމަލުތަކެވެ. އެއީ އަހަރެމެން ދުނިޔެ ދޫކޮށްދިޔަ ފަހުންވެސް ދެމިހުންނާނެ އެއްޗެކެވެ.

ތިބާގެ ޖަނާޒާގެ 5 އަހަރު ފަހުން... މިހާރު ތިބާގެ ވާހަކަ ދެކެވެނީ މަދު ފަހަރަކުއެވެ. ޖީލުތައް ބަދަލުވެ، ތިބާގެ ހަނދާން ފަނޑުވަމުންނެވެ. ތިބާ އުޅުނު ދިރިއުޅުމާމެދު ވިސްނާލާށެވެ. އެއީ ﷲ އާ ގާތްކުރުވި ދިރިއުޅުމެއްތޯ؟ އެހެން މީހުންނަށް ފައިދާކުރި ދިރިއުޅުމެއްތޯ؟ އަހަރެމެން ދިރިހުރިއިރު މިހާ މުހިންމު މި ދުނިޔޭގައި ދާއިމީ އެއްވެސް އަގެއް ނެތެވެ. ހަމައެކަނި އިޚްލާޞްތެރިކަމާއެކު ކުރި ހެޔޮ ޢަމަލުތައް އާޚިރަތުގައި މަގު ދައްކައިދޭނެއެވެ.

ތިބާގެ ޖަނާޒާގެ 10 އަހަރު ފަހުން... ތިބާއަކީ މިހާރު ހަމައެކަނި ތިބާގެ ޒަމާނުގެ މަދު ބަޔަކަށް ހަނދާން ހުރި މީހެކެވެ. ތިބާގެ ބައިވެރިޔާ އަކީ އެހެން މީހެއްގެ ބައިވެރިއެކެވެ. ދުނިޔެ ކުރިއަށް ދަނީ ތިބާ ނެތުމުން އެއްވެސް ބަދަލެއް ނައިސްއެވެ. ތިބާ ދޫކޮށްދިޔަ ތަރިކައާމެދު ވިސްނާލާށެވެ. އެއީ އެހެން މީހުންނަށް މަންފާކުރި އެއްޗެއްތޯ؟ ދުނިޔޭގައި ހޭދަކުރި ވަގުތަކީ ދަތުރުގެ ކުޑަ ހުއްޓުމެކެވެ. ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރި ޢަމަލުތައް ފިޔަވައި އެހެން އެއްޗެއް ނުހުންނާނެއެވެ.

20 އަހަރު ފަހުން... ރައްޓެއްސަކު ތިބާގެ ފޮޓޯއެއް ފެނިގެން ނޫނީ ތިބާ މަތިން ހަނދާނެއް ނުވެއެވެ. މިހާރު ހުރީ ހަމައެކަނި ތިބާގެ ކަށިތަކެވެ. މިއީ މަރުވުމަށްފަހު މީސްތަކުން ތިބާ ހަނދާން ނައްތާލާ އަވަސްމިނެވެ.

މި ދިރިއުޅުމަކީ ވަގުތީ އެއްޗެކެވެ. އަބަދީ ގެއަކަށް ތައްޔާރުވުމަށް ކުރާ ވަގުތީ ދަތުރެކެވެ. އަހަރެމެން ހޯދާ އަދި ޖަމާކުރާ ހުރިހާ އެއްޗެއް އެންމެ ފަހުން ވެގެންދާނީ ވެއްޔަށެވެ. ﷲ އަށްޓަކައި ކުރަމުން އަންނަ ޢަމަލުތަކަކީ ގަބުރުގައި އަހަރެމެންގެ އެކަނި ބައިވެރިޔާ އަދި އާޚިރަތުގައި އަލިކަން ދޭނެ އެއްޗެވެ. ކޮންމެ ދުވަހަކީވެސް މަޤްޞަދެއް، ތަވާޟުޢުވެރިކަމެއް އަދި ޝުކުރުވެރިކަމާއެކު ހޭދަކުރާ ދުވަހަކަށް ހަދާށެވެ. އެހެނީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ކޮންމެ ކުޑަ ޢަމަލެއްވެސް، ދުނިޔެއިން ތިބާ ހަނދާން ނެތުނު ނަމަވެސް ދެމިހުންނާނެއެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ގޮތުގައި އިންސާނާ މަރުވުމަށްފަހު އޭނާގެ އަމަލުތައް ހުއްޓިގެންދާއިރު، ހަމައެކަނި ތިން ކަމެއްގެ ސަވާބު ދެމިގެންދެއެވެ. އެއީ ޞަދަޤާތުލް ޖާރިޔާ (ދެމިގެންދާ ހެޔޮ އަމަލު)، އިލްމުން ކުރާ މަންފާ، އަދި ހެޔޮ ދުޢާކުރާ ޞާލިޙު ދަރިންނެވެ.

ދެމިގެންދާ ޞަދަޤާތުގެ ތެރޭގައި މިސްކިތް، ސްކޫލް، ފެންވަޅު އަދި ވަޤުފު ފަދަ އާންމު މަންފާއަށް ދޫކުރެވޭ ތަކެތި ހިމެނެއެވެ. މީގެ އިތުރުން، ފައިދާހުރި އިލްމުގެ ތެރޭގައި ތަޢުލީމީ މަސައްކަތްތަކާއި، އިލްމީ ލިޔުންތަކާއި، ޓެކްނޮލޮޖީގެ އީޖާދުތަކާއި، އިލްމީ ވަސީލަތްތައް ތަޢާރަފްކުރުން ހިމެނެއެވެ. މި ކަންކަމުން މީސްތަކުންނަށް ފައިދާ ލިބެމުންދާހާ ހިނދަކު، އެކަން ފެށި މީހާއަށް ސަވާބު ލިބެމުންދާނެއެވެ.

Ad
df

ޞާލިޙު ދަރިން ތަރުބިއްޔަތުކުރުމަކީ މައިންބަފައިންނަށް ދެމިގެންދާ ސަވާބެއް ލިބޭނެ ކަމެކެވެ. މިއީ އިލްމީ ގޮތުންނާއި ދުޢާގެ ގޮތުން ދެމިގެންދާނެ މަންފާއެކެވެ. އެހެނީ ހެޔޮ ތަރުބިއްޔަތު ލިބިފައިވާ ދަރިން އެ ތަރުބިއްޔަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެތީއެވެ. އެހެންކަމުން، މަރުވުމުގެ ކުރިން މި ތިން ކަމަށް އަހަންމިއްޔަތުކަން ދިނުމަކީ ކޮންމެ މުސްލިމަކަށްވެސް މުހިންމު ކަމެކެވެ.