ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ވަނީ ޤާބިލުކަން އިތުރުކުރުމާއި، ތިމާވެށީގެ ތަރައްޤީއާއި، ތަޢުލީމީ ދާއިރާއިންނާއި، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާއި، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭގޮތުން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.
2025 ވަނަ އަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުމަށް 50 އަހަރު ފުރޭ އަހަރުކަމަށް ވާތީ، މި މުނާސަބާ ފާހަގަކުރާގޮތުން ޚާއްޞަ ފޮތެއް ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވައި، ހަނދާނީ ސްޓޭމްޕެއް ވަނީ އިފްތިތާޙުކުރައްވާފައެވެ.
މޯލްޑިވްސް- ސިންގަޕޯރ ބިޒްނަސް ފޯރަމްގައި، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ. އަދި 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަޞައްވުރާ ގުޅުންހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ހިއްސާކުރައްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެޤައުމުގެ ބައެއް މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވާފައިވެއެވެ.
ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމަށް އައު ދޮރެއް ހުޅުވައިދިން ތާރީޚީ ދަތުރުފުޅެއްކަމާމެދު ޔަޤީންކަން އޮތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!