މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލަ ސަމާލުކަމަށް އައީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި ފައިސާއެވެ.

Ad
rt

މޯލްޑިވް ގޭހުން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.7 މިލިއަން ދިވެހި ރުފިޔާ) "ގެއްލިފައިވާ" ކަމަށް އަޑުފެތުރިފައިވީނަމަވެސް، ނާޒިމް ވަކި އަދަދެއް ފާހަގަކުރައްވާފައެއް ނުވެއެވެ.

އޭސީސީގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މޯލްޑިވް ގޭހާ ގުޅޭ މިފަދަ މައްސަލައެއް އެ ކޮމިޝަނުން ވަނީ ތަހުގީގު ފަށާފައެވެ.

މި މައްސަލައާ ގުޅޭގޮތުން މޯލްޑިވް ގޭހުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވާ ކަމަށް ވެސް ނާޒިމް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.