" އަކްރަމްއަކީ ލޯތްބަށް ނަފްރަތު ކުރާ މީހަކަށް ވިޔަސް، އަހަރެން ހިއެއް ނުކުރަން އަކްރަމްގެ އަނތްބަކަށް ތިހާ އަނިޔާވެރިވެދާނެ ކަމަކަށް. " ޝިކާ ވާހަކަ ދެއްކީ ރޮމުންނެވެ.
" އަހަންނާ ދިމާލަށް އެއްޗެހި ނުކިޔަބަލަ. ކިޔައިދޭން މި އުޅޭ ވާހަކަ ފުރަތަމަ އަޑުއަހާބަލަ." އަކްރަމް ބުނީ ބާރަށެވެ.
އެއާއެކު ޝިކާއަށް މައިތިރި ވެވުނެވެ. އަތުގެ ނުފުށުން އޭނާ ކަރުނަތައް ފުހެލުމަށްފަހު މަޑުމަޑުން ގޮސް އެނދުގައި އިށީނދެލީ އިސްޖަހައިގެންހުރެއެވެ.
" އަހަރެން މިހާ ވަރަށް މި ދެރަވީ އަކްރަމް އަހަންނަށް ސިއްރު ކުރީމަ. އަހަރެން ފެނުމާއެކު ތި ކިޔައިދޭން އުޅޭ ވާހަކަތައް ކިޔައި ނުދިނީ ކީއްވެ؟ އަހަރެން މި ވަރު ނުކުރި ނަމަ އަކްރަމް އަޅައިވެސް ނުލީސް." ޝިކާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެ ވަގުތު އަކްރަމް ގޮސް ޝިކާގެ ކުރިމަތީގައި ހުއްޓުމަށްފަހު، މަޑުމަޑުން މުށިތައް މަތީ އިށީނދެލިއެވެ.
" އަހަރެން ދައްކަން މި އުޅޭ ވާހަކަ އަޑު އަހާނަންތަ؟" އަކްރަމް އެހިއެވެ.
ކުޑަކުއްޖަކު ފަދައިން ޝިކާ ބޯ ޖަހާލީ، ކެތްމަދުވެފައ އިނދެއެވެ. އެއާއެކު އަކްރަމް، ދުރަށް ނަޒަރު ހިންގާލިއެވެ.
" އަަހަރެން ދިޔައީ އިންޓަވިއުއަކަށްނު ދޯ؟ ދިހަ ވަރަކަށް ކުދިން ނަގަން ޖެހޭ. އިންޓަވިއުއަށް އައިސް ތިބި 15 ކުދިން. އެ ހުރިހާ ކުދިންނަކީ ވެސް ވަރަށް ބޮޑަށް ވަޒީފާއެއް ބޭނުން ވެފައި ތިބި ކުދިންކަން އަހަންނަށް އިހްސާސް ކުރެވުނު. އެހެންވެ އަހަރެން ބޭނުން ވީ އިތުރު ވަޒީފާތަކެއް އުފައްދައިގެން ވިޔަސް އެ 15 ކުދިންނަށް ފުރުސަތު ދޭން. " އަކްރަމް ބުންޏެވެ.
އޭރު ޝިކާ އިނީ ހާސް ހިތަކައިގެން އަޑު އަހާށެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
" އެންމެ ފަހު ކުއްޖަކަށް އެ ތަނަށް ވަނީ ތާނިޔާ. އަހަންނަށް އޭނަ ފެނުމާއެކު ލިބުނީ ކުއްލި ޝޮކެއް. އޭނަ ވެސް ހުރީ ޝޮކެއްގައި. ތާނިޔާ ވަގުތުން އަހަންނަށް ފުރަގަސް ދިން. އަދި ނިކުންނަން އުޅުނު. އެކަމަކު... އެކަމަކު އަހަރެން އޭނަ ހުއްޓުވިން. އެތައް ޒަމާނެއް ވަންދެން ހިތުގައި ހުރި ޝަކުވާތަކާ، ވޭންތައް އޭނަގެ ފައިބުޑަށް ބަންޑުން ޖަހާލަން ބޭނުންވި. އެއްޗެހި ގޮވާ އޭނަ ރޮއްވާލާ ހިތްވި. " އަކްރަމް ކިޔައިދެމުން ދިޔައެވެ.
" އޭރު އަހަންނާއެކު އެތާ މޯޑު ވެސް އިން. އެއީ މަގޭ ސެކްރެޓަރީ. އޭނަ ވެސް އަހަރެން އެ ތަނަުން ފޮނުވާލިން. އަހަރެން ބޭނުންވީ ތާނިޔާއާއެކު އެކަނިވެލަން. " އަކްރަމް ބުންޏެވެ.
" ތާނިޔާ ފެނުނީމަ، ގޭގައި އިން އަނބިމީހާ މަތިން ވެސް ހަނދާން ނެތުނީ ދޯ." ޝިކާ އެހިއެވެ.
" ސިކުންތު ކޮޅަކަށް ހަނދާން ނެތުނު." އަކްރަމް ދިން ޖަވާބުން ޝިކާއަށް ހަމަ ރަނގަޅަށް ވެސް ހައިރާންކަން ލިބުނެވެ.
" ދެ ވަނަ ފަހަރަށް އޭނަ އަހަންނަށް ބަލައިިލި އިރު، އަހަންނަށް ފެނުނީ ކަރުނައިން ފުރިގެން ދާ އޭނާގެ ދެ ލޯ. ދެން އިތުރަށް އަހަންނަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނު. އަހަރެން ހުއްޓުން އަރާފައި ހުއްޓާ، ވާހަކަ ދެއްކީ އޭނަ." އަކްރަމް ބުންޏެވެ.
އެނދުމަތީގައި އިން ޝިކާ އިނީ ސީދާ އަކްރަމްގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އޭނަ އަހަރެންގެ ނަމަުން ގޮވާލީ ހައިރާންކަމާއެކު. ދެން އަހަންނަށް ފެނުނީ ތަފާތު މަންޒަރެއް. އުފަލުން ހެމުން އޭނަ ދެ އަތުން ކަރުނަތައް ފުހެމުން އައިސް އަހަންނާ ދާދި ކައިރީގައި ހުއްޓި، އަހަންނާ ހަތަރުކަޅި ހަމަކޮށްލި. އެ ވަގުތު އަހަންނަށް ދެ ލޯ މަރައިލެވުނީ މީގެ ކުރިން އެ ލޮލުގެ ތެރެއިން ފެނުނު ލޯބި ދިރިހުއްޓާ މިރޭ ވެސް އަހަންނަށް ފެނުނީމަ." އަކްރަމް ބުންޏެވެ.
އެއާއެކު ޝިކާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ވާހަކަ ދައްކަން ބޭނުންވިޔަސް އޭނާ ކެތްތެރިވީ އަކްރަމްގެ ވާހަކަތައް ނިމެންދެންނެވެ.
" ދެން އަހަރެން ސިހުނީ... އަހަރެން ސިހުނީ އޭނަ އަހަރެންގެ ގައިގައި ބާރުބާރަށް ބައްދައިގަތީމަ. އަދި އޭނަ ދެ އަތުން އަހަރެންގެ މުޅި މޫނުގައި ފިރުމާލި. އޭރު ވެސް އަހަންނަށް ހުރެވުނީ ބުދެއް ފަދައިން ހުއްޓިފައި. ތާނިޔާއަކީ ކުއްވެރިއެއްކަން އޭނައަށް ނޭނގެނީބާވައޭ އަހަރެންގެ ހިތަށް އެރި. އެކަމަކު އޭނަ އުޅުނު ގޮތުން ހީވަނީ އޭނަ ވަރަށް މައުސޫމް ހެން." އަކްރަމްގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު ޝިކާއަކަށް ނީނދެވުނެވެ.
ބާރު ބާރަށް ތެދުވެ ދެ އަތް ފުޅާކޮށްފައި ވާހަކަ ދައްކަން ފެށިއެވެ.
" ވާއު! އޭނަ އައިސް އަކްރަމްގެ ގަޔަށް ބޮލަށް އަރާއިރު ވެސް ތި ފެނުނީ އޭނަގެ މައުސޫމްކަން. އޭނަ ކުރި ކުށް ވަގުތުން ތި ހިތާއި ސިކުނޑިން ޑިލީޓް. ވެރީ ގުޑް އަކްރަމް. އޭނަ އައިސް އަކްރަމް ރޮލާކާލިޔަސް ހަމަ އޯކޭ ވެގެން ބުދެއް ހެން ހުރީމަ ނިމުނީ." ޝިކާ ވާހަކަ ދެއްކީ ނުހަނު ބާރަށެވެ.
ތާނިޔާގެ ވާހަކަަ ކިޔައިދޭއިރު ޝިކާއަށް އެ ވަރު ވާނެކަން އަކްރަމްއަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. އެހެންވެ، ޝިކާ ދައްކާ ވާހަކަތަކަށް ރައްދު ދޭކަށް އަކްރމް ބޭނުމެއް ނުވިއެވެ. އޭނާ މަސައްކަތްކުރީ ކެތްތެރިކަމާއެކު ވާހަކަ ކުރިއަށް ގެންދެވޭތޯއެވެ.
" ވަރަށް ހިތްވަރުކޮށްފައި އަހަރެން އޭނާ ދުރަށް ޖައްސާލިން. އެއާއެކު ތާނިޔާގެ މޫނުމައްޗަށް ވެރިވި ހައިރާންކަމުގެ ސަބަބުން ހުދު އަހަރެން ވެސް ހައިރާންވި. އޭނަ ހުރީ އަހަރެން އޭނަ ދުރުކޮށްލީމަ، އެކަން ގަބޫލު ކުރަން ދަތިވެފަ. ދެން ވީ ގޮތަކީ..." އަކްރަމް ކިޔައިދެމުން ދިޔައެވެ.
" ކިހިނެއްވީ އަކޫ؟ ކީއްވެ އަހަރެން ދުރު ކުރަނީ؟" ތާނިޔާ ސުވާލު ކުރީ ހައިރާންކަމާއެކުއެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަކްރަމް ފަޓްޫންގެ ދެ ޖީބަށް އަތް ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ދޫކޮށްްފައި ފިލައިގެން ދިޔަ ހަނދާން ނެތުނީތަ؟ އަހަރެންގެ ފަރާތުން ނާޖާއިޒް ފައިދާތަކެއް ނަގައިގެން އަހަންނަށް އޮޅުވާލެވުނު ހަނދާން ވެސް ނެތީތަ؟ އަހަންނާއެކު ރޭ ދުވާ ހޭދަކުރި އިރު، އަދި އަހަރެންގެ އަތުން ލައްކައިން ހަރަދު ކުރި އިރު، ތިއީ މީހެއްގެ އަނތްބެއްކަން އަހަންނަށް ސިއްރު ކުރި ހަނދާންވެސް ހަމަ ނެއްތަ؟" އަކްރަމްގެ ކޮންމެ ސުވާލަކުން ތާނިޔާގެ މޫނުމަތިން ތަފާތު އަސަރުތަކެއް އޭނާއަށް ފެނުނެވެ.
" އަކްރަމް! އެއްޗެހި ކިޔުމުގެ ކުރިން ކަންތައް ވީ ގޮތް އަހަރެން ކައިރީ އަހާލަބަލަ! އަކްރަމްއަށް ހަމަ އަސްލު ވެސް ހީވޭތަ އަހަންނަކީ ތިހާ ގޮތްކުޑަ މީހެއް ހެން؟ " ތާނިޔާ އެހިއެވެ.
އެއާއެކު ތާނިޔާ ދައްކަން އުޅޭ ވާހަކަތައް އަޑުއަހަން ބޭއިހްތިޔަރުގައި އަކްރަމްގެ ހިތް އެދެން ފެށިއެވެ.
" އަހަރެން އަކްރަމްއަށް ސިއްރު ކުރީ އެންމެ ވާހަކައެއް. އެއީ... އެއީ އަހަރެން މެރީ ކުރި ވާހަކަ. އެކަމަކު އަކްރަމްއާ ދިމާވި އިރު އަހަންނަކީ މީހެއްގެ އަނތްބެއް ނޫނޭ. އަހަރެން ހުރީ ވެސް އެ މީހާއާ ދުރަށް ދާން ބޭނުން ވެފައި. އެއީ އަނިޔާވެރިއެއް. މަސްތުވާއެއްޗެހި ބޭނުން ކުރާ މީހެއް. އޭނަގެ ކިބައިން ސަލާމަތް ނުވެފައި ހުއްޓާ، އަހަރެންގެ މަންމަ ބަލިވީ. މަންމަގެ ހުރީ ހަމައެކަނި އަހަރެން. އަހަރެން މާލެ އަންނަން އުޅުނީމަ އެކަމާ ރުޅި އައިސްގެން އޭނަ އެރޭ އަހަރެން ވަރިކުރީ. އެކަން އެނގޭނީ ވެސް ހަމައެކަނި އަހަންނާ އަހަރެންގެ މަންމައަށް. " ތާނިޔާ ބުންޏެވެ.
އަކްރަމްއަށް ހުރެވުނީ ރަައްދުގައި ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރިމަތީގައި އެ ހުރީ މީގެ ދެ އަހަރު ކުރިން އޭނާއާ ދިމާވި ތާނިޔާއެވެ. އެ ސޫރަ ފެނުމާއެކު އަކްރަމްގެ ހިތުގައި ވަޅުޖަހާފައި އޮތް ތާނިޔާގެ ލޯބި ހިލިގަތް ކަހަލައެވެ. ތާނިޔާ ދައްކާ ވާހަކަތައް ވެސް ގަބޫލުކުރަން އޭނާގެ ހިތް މަޖުބޫރު ކުރުވި ފަދައެވެ.
" އަކްރަމްއާ ދިމާވެ، އަކްރަމްގެ ހިތްހެޔޮކަމާ ހެޔޮލަފާކަމުގެ މައްޗަށް އަހަންނަކަށް ގަދައެއް ނުވެވުނު. އަކްރަމްއާ މެދު ވިސްނި އަކްރަމްދެކެ އިންތިހާއަށް ލޯބި ވެވުނު. އަދި އަހަންނަށް މަންމަ ކައިރީ ވެސް އެ ވާހަކަ ބުނެވުނު. މަންމަ ވެސް ބުނީ ދުވަހަކު ވެސް ތިހާ ހެޔޮ ކުއްޖަކު ނުދެކެމޭ. އަހަރެން ހުރީ އަކްރަމްއާ މެރީ ކޮށްގެން ދުވަހަކު ވެސް ރަށަށް ނުދާން ނިންމައިގެން. އެކަމަކު އެނގޭތަ؟ އޭނަ ކޮންމެވެސް ގޮތަކުން އަހަރެން ހޯދައިގެން އޭރު އަހަރެން އުޅުނު ގެއަށް ވެސް އައި. މަންމަ ބޭސްކޮށް ނުނިމެނީސް، ބިރު ދައްކައިގެން އޭނަ އަހަރެމެން ރަށަށް ގެންދިޔައީ. " ތާނިޔާ ކިޔައިދެމުން ދިޔައެވެ.
" އޭނަ މާލެއިން ދިޔައިރު އަހަންނަށް ވެސް ނޭނގި މަސްތުވާއެއްޗެހި ހިފައިގެން ދިޔައީ. ނަސީބު ދިމާކުރި ގޮތުން އަހަރެމެން ދިޔަ ބޯޓު ކައިރިއަށް އޭރު ފުލުހުން އައިސް ތިބި. އޭނަ ޖަލަށް ލީ ގޮތަށް އަދިވެސް މިނިވަން ނުވޭ. އަހަރެން ހަމަ އޭރު ވަރި ސާބިތު ކުރިން. އަދި އަނެއްކާ ވެސް މާލެ އައީ އަކްރަމް ހޯދަން. އެކަމަކު އެ ގެއިން އަހަންނަށް ދިމާވީ މުޅިން އެހެން ބައެއް. އެއީ އަކްރަމްގެ ގެކަން އަހަންނަށް އެނގޭ. އެކަމަކު އެ މީހުންގެ ފަރާތުން އަހަންނަކަށް އަކްރަމްގެ އެއްވެސް މައުލޫމާތެއް ނުލިބުނު. އެ މީހުންނަކަށް އަކްރަމްއެއް ނޭނގެ. އޭރު އަކްރަމް ގެންގުޅުނު ނަންބަރަކަށް ވެސް އަހަންނަކަށް ނުގުޅޭ. " ތާނިޔާ އެހެން ބުނެ އަކްރަމްއާ ދިމާލަށް ބަލައިލިއެވެ.
" އޭރު އަހަރެން އުޅުނީ ރާއްޖެއިން ބޭރުގައި. " އަކްރަމްއަށް އަވަސް އަވަހަށް ބުނެވުނެވެ.
" އަހަރެން އެ ގޭ ކައިރީ މުގޯލި އަޅައަޅާ އުޅުނިން. ފަހަރެއްގައި ވެސް އަކްރަމް އެ ތަނަށް އައިސްފާނެކަމަށް. ބޭސްފަރުވާއަށޭ ކިޔާފައި އަހަރެން މާލެ އައީ، މަންމަގެ ކަންތައްތައް އާއިލާ މީހަކާ ހަވާލުކޮށްފައި. އެންމެ ފަހުން އަހަންނަށް ދަތުރު ކުރުކޮށްފައި ރަަށަށް ދާން ޖެހުނު އިރު ވެސް އަކްރަމްއެއް ނުފެނުނު. އެ ހިސާބުން އަހަރެން އެއްކޮށް އުއްމީދު ކަނޑާލިން. މިއަދާ ޖެހެންދެން ވެސް އަހަރެން މި ހުންނަނީ އަމިއްލަ ނަފްސު ކުއްވެރިކޮށްލަކޮށްލާ. އަކްރަމްއަށް ވާނެ ގޮތެއް ނޭނގޭތީ ހިޔާލްކޮށްލަކޮށްލާ. " ތާނިޔާ އަނެއްކާ ވެސް އައިސް އަކްރަމްގެ މޫނުގައި ފިރުމާލިއެވެ.
" އަހަރެން އަދިވެސް އަކްރަމް ދެކެ އިންތިހާއަށް ލޯބިވޭ. ރެޔާ ދުވާލު އަހަރެން ކުރި ދުއާ މި އިޖާބަ ކުރެއްވީ. " ތާނިޔާ ބުންޏެވެ.
އެ ވަގުތު އަކްރަމްއަށް ބަލައިލެވުނީ މާ ދުރަށެވެ. އެ ޖުމްލަ އަޑު އިވުމުން އަދިވެސް އޭނާއަށް އުނދަގޫވެއެވެ. އަނެއްކާ ވެސް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ ތާނިޔާއެވެ.
" އަކްރަމްއަށް އެނގޭތަ؟ އަހަރެންގެ މަންމައަކީ ކެންސަރ ޕޭޝަންޓެއް. މަންމަ ގޮވައިގެން ބޭރަށް ދާން ފައިސާ ހޯދަން އަހަރެން ވަޒީފާއަކަށް މި އައީ. މޮޅަށް ކިޔެވފައި ނެތީމަ ކިހިނެއް ރަނގަޅު ވަޒީފާއެއް ލިބޭނީ؟" ތާނިޔާ ބުނެލީ އިސްޖަހާލައިގެން ހުރެއެވެ.
އަކްރަމް އެއްޗެއް ނުބުނުމުން ތާނިޔާ އަނެއްކާ ވެސް އަކްރަމްއަށް ބަލައިލިއެވެ. އެއާއެކު ދެ މީހުންގެ ނަޒަރު ބައްދަލްވެ، އެ ދެ ހިތުގެ ތެޅުން އެކަކު އަނެކަކަށް އިވުނު ކަހަލައެވެ.
" އަކްރަމް އަހަންނަށް މައާފެއް ނުކުރާނަންތަ؟ އަހަރެން ބޭނުމެއް ނޫންތަ؟" ތާނިޔާ ސުވާލު ކުރީ މަޑުމަޑުންނެވެ. އޭނާ އަނެއްކާ ވެސް އަކްރަމްއާ ގާތަށް ޖެހި، އޭނާގެ އަތުގެ މުލައްދަނޑީގައި އަތް ޖައްސާލިއެވެ. އޭރު އަކްރަމް ހުރީ ކޮންމެވެސް އެއްޗެއް ބުނަން ބޭނުން ވެފައިކަން ތާނިޔާއަށް އެނގުނެވެ.
" އަހަންނަކީ... އަހަންނަކީ މީހެއްގެ ފިރިއެއް. " ހަށިގަނޑު ތެދުކޮށްލުމަށްފަހު އަކްރަމް ބުނެލިއެވެ.
އެއާއެކު ތާނިޔާއަށް އަކްރަމްގެ އަތުން ދޫކޮށްލެވުނެވެ.
( ނުނިމޭ)
* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!