" އަހަންނަކީ... އަހަންނަކީ މީހެއްގެ ފިރިއެއް. " ހަށިގަނޑު ތެދުކޮށްލުމަށްފަހު އަކްރަމް ބުނެލިއެވެ.
އެއާއެކު ތާނިޔާއަށް އަކްރަމްގެ އަތުން ދޫކޮށްލެވުނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑު ވެފައެވެ. ތާނިޔާގެ ދެ ލޮލުގެ އެސްފިޔަތަައް ބަރުވެ، އެސްފިޔަޖަހާލާނެ ހިތްވަރު ވެސް ނެތް ފަދައެވެ. ހައިރާންވެ، ފެންކަޅިވެފައި ހުރި ތާނިޔާގެ މޫނުމަތީގެ އަސަރުތަކުން އަކްރަމްއަށް އުނދަގޫ ކުރުވި ކަހަަލައެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން އަކްރަމް ފަރުވާތެރިކަމާއެކު ތާނިޔާއަށް ބަލަމުން ގެންދިޔައެވެ.
" ހަމަ ހަގީގަތުގައި ވެސް ތާނޫ އަހަރެން ބޭނުންތަ؟ އަހަރެން ދެކެ ހަމަ ތި ބުނާހާ ވަރަށް ލޯބިވޭތަ؟" އަކްރަމް ބުންޏެވެ.
އެ ވަގުތު ތާނިޔާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
" އަހަރެން ހަމަ އިތުބާރު ކުރަން ވީތަ؟ އޭރު ވެސް އަހަރެން ވަރަށް އިތުބާރު ކުރިން. އެކަމަކު ކުއްލިއަކަށް ގެއްލުނީ. ދެން ހަމަ ދެވަނަ ފަހަރަށް ވެސް ކުއްލިއަކަށް މި ދިމާވީ. އަނެއްކާ ވެސް އަހަރެން ހަމަ އެ އިތުބާރު ކުރަންވީތަ؟" އަކްރަމް ވާހަކަ ދެއްކިއެވެ.
އެއާއެކު ތާނިޔާ ދެ ފަހަރަށް ބޯ ޖަހާލިއެވެ. އޭރު އޭނާ ހުރީ ރޮވޭ ގޮތް ވެފައެވެ.
" އަހަރެން އަކްރަމްއަށް އޮޅުވައެއް ނުލަން. ދޮގެއް ވެސް ނަހަދަން. އަހަރެން އަދިވެސް އަކްރަމް ބޭނުން. އިންތިހާއަށް ބޭނުން. އެ ދުވަހަށް ފަހު އަދިވެސް އަހަރެން މި ހުރީ އަކްރަމްއަށްޓަކައި. އަކްރަމްއަށް އެނގޭތަ؟ މަންމަގެ ބައްޔަށް ބޭސް ކޮށްދޭނަމޭ ކިޔައިގެން ވެސް އަހަރެންގެ ކައިވެންޏަށް ހާދަ މީހުންނެއް އެދެމުން ދެޔޭ. އެކަމަކުވެސް އަހަންނަށް ހަމަ އެއްބަސް ނުވެވެނީ. އަކްރަމްދެކެ އަހަރެން އިންތިހާއަށް ލޯބިވޭ. އެހެންވެ އަހަރެންގެ ހިތުން އަކްރަމްއަށް ދެވިފައި އޮތް މަގާމު އިތުރު އެއްވެސް މީހަކަށް ނުދެވޭނެ." ތާނިޔާ ބުންޏެވެ.
ތާނިޔާގެ އެ ރީތި އަޑުން ދައްކަމުން ދިޔަ ވާހަކަތަަކުން އަކްރަމްގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. ތާނިޔާގެ ދުލުން، އޭނާދެކެ ލޯބިވެޔޭ ބުނާ އަޑު އިތުރަށް އަހާލާ ހިތްވެސް ވިއެވެ.
" އަހަންނަށް އެނގޭ އެއްޗެއް ބުނަން ނޭނގިފަ ތި ހުރީ ކީއްވެކަން. އަކްރަމްއަކީ މީހެއްގެ ފިރިއަކަށް ވީމަ ދޯ؟ ބުނެބަލަ! ހަމަ އަސްލުވެސް ތިއީ މީހެއްގެ ފިރިއެއްތަ؟ އަކްރަމް އަހަންނަށްޓަކައި ރައްކާކޮށްފައި އޮތް މަގާމް އެހެން މީހަކަށް ދިނީތަ؟ ކުޑަ ދުވަސްކޮޅަކަށް ވެސް އަހަންނަށް އިންތިޒާރުކޮށް ނުލެވުނީތަ؟ ނޫނީ އަހަރެން ހޯދަން މަސައްކަތެއް ވެސް ނުކުރަންތަ؟ " ތާނިޔާ ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.
ތާނިޔާގެ ކޮންމެ ސުވާލަކުން އަކްރަމްގެ ހިތަށް އުނދަގޫ ކުރުވަމުން ދިޔައެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލްކަން ވެސް އަކްރަމްގެ ނެތް ކަހަލައެވެ. އޭރު އޭނާގެ ސިކުނޑީގައި މާޒީގެ ހިޔާލްތައް މަސްހުނި ވަމުން ދެއެވެ. އެ ހިޔާލްތަކުން ދުރަށް ދާން އޭނާ ބޭނުން ނުވާ ކަހަލައެވެ. ކުއްލިއަކަށް ތާނިޔާ އައިސް އަކްރަމްގެ މޭގައި ލައްވެލިއެވެ. އަދި ވަރުބަލިކަމާއެކު ބޮޑު ނޭވާއެއް އޭނާ ދޫކޮށްލިއެވެ.
" އަހަންނަށް އެނގޭ އަކްރަމް މިހާރު އަހަރެން ބޭނުން ނުވާކަން. އަކްރަމްގެ ދިރިއުޅުން ހަލާކު ކުރާކަށް އަހަރެން ބޭނުމެއް ނޫން. " ތާނިޔާ ބުންޏެވެ.
އެއާއެކު އަކްރަމްއަށް މަޑުމަޑުން ތާނިޔާގެ ބުރަކަށީގައި އަތް ހިންގާލެވުނެވެ. ލިބުނު ހިތްހަމަޖެހުމާއެކު ތާނިޔާއަށް ދެ ލޯ މަރާލެވުނީ އަކްރަމް ކައިރިން ދުރަށް ދާ ހިތް ނުވެގެންނެވެ.
" އަކްރަމްގެ ކުރިމަތީގައި އަހަރެން، މި ތާ މަސައްކަތް ކުރުމަކީ ގޯހަކަށް ވެދާނެ. އަހަރެމެން ދެ މީހުން އެކަކު އަނެކަކަށް ފެންނަން ވެއްޖެނަމަ މާ ރަނގަޅެއް ނުވާނެ. ދެން އެންމެ ރަނގަޅު ގޮތަކީ އަހަންނާ އަކްރަމް ދުވަހަކު ވެސް ބައްދަލް ނުވުން." ތާނިޔާ ބުންޏެވެ.
ތާނިޔާ ދުރަަށް ޖެހިލުމަށްފަހު ހީލަމުން، ދެ ލޯ ފުހެލިއެވެ. އޭރު ވެސް އަކްރަމް ހުރީ، ހަރަކާތެއް ނެތް ބުދެއް ފަދައިންނެވެ. އޭނާގެ ހިތަށް އަރާ، ފައިބަމުންދާ ހިޔާލްތަކުން ހިތް ނުތަނަވަސް ކުރުވަމުން ދިޔައެވެ. އަކްރަމް އެއްޗެއް ނުބުނުމުން ތާނިޔާ މަޑުމަޑުން ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭރު ވެސް އަކްރަމްގެ ނަޒަރު ހުއްޓިފައި ހުރީ ތާނިޔާއަށެވެ.
އެ ހިސާބަށް ވާހަކަ ދިޔުމާއެކު އަކްރަމްގެ ފޯނު ރިންގް ވެއްޖެއެވެ. އެއާއެކު ޖީބުގައި އޮތް ފޯނު ނަގައި އަކްރަމް އަވަސް އަވަހަށް އެ ފޯނު ކަނޑާލިއެވެ. އަދި މާޔޫސްވެފައި ހުރެ ޝިކާގެ މޫނަށް އޭނާ ބަލައިލިއެވެ.
އޭރު އަކްރަމްގެ ވާހަކަތައް އަޑު އަހަން އިން ޝިކާގެ ދެ ލޯ ކަރުނައިން ފުރެމުން ދިޔައެވެ. މަޑުމަޑުން ގިސްލައިލައި އޭނާ ހުރީ ވަރުބަލި ވެފައެވެ. ނަމަވެސް އޭނާގެ ދެރަ ހިތް، ގަދަ ކުރެވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.
" ދެން؟ ދެން ކިހިނެއް ވީ؟ އަކްރަމްގެ ދިރިއުޅުމާ ނުބެހެން ވެގެން ނިކުމެގެން ދިޔަ މީހާތަ މިރޭ އަކްރަމްގެ ސައިކަލް ފަހަތުގައި އިނީ؟" ކުރަކި ވެފައި ހުރި އަޑަކުން ޝިކާ ސުވާލު ކުރިއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަކްރަމް އައިސް ޝިކާގެ ކުރިމަތީ ހުއްޓުނެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.
" އަހަރެން އޭނަ ހުއްޓުވީ." އަކްރަމް ބުންޏެވެ.
އެއާއެކު ޝިކާއަށް ލިބުނީ ހައިރާންކަމެވެ. ދެ ލޯ ބޮޑުވެ އޭނާއަށް ސުވާލުގެ ނަޒަރަކުން އަކްރަމްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
" ކީއްވެ؟" ޝިކާގެ ދެ ތުންފަތް ހަރަކާތްކޮށްލީ ނުހަނު މަޑުމަޑުންނެވެ.
" ނޭނގެ. އޭނަ ފަސްދީ ދާ މަންޒަރު ބަލަން ހިތަށް ކެތް ނުވީ. އޭނަ ދެ ވަނަ ފަހަރަށް ގެއްލެން މި ހިތް ނޭދުނީ. އޭނަ... " އަކްރަމްއަކަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އޭނާގެ ވާހަކަތައް ހުއްޓުވީ ޝިކާއެވެ.
" ނޯ އަކްރަމް. ޕްލީޒް ނޫން. " ދެ އަތުން ދެ ކަންފަތުގައި އަތް އަޅައިގެން ހުރެ ޝިކާ ބުނަމުން ދިޔައީ ދެ ފަރާތަށް ބޯ ހޫރަމުންނެވެ.
" ތިއީ އަހަރެން އަކްރަމްގެ ދުލުން އަޑުއަހަން ބޭނުންވެފައި ހުންނަ ވާހަަކަތަކެއް. އެހެން އަންހެނަކާ ދިމާލަށް ތި ވާހަކަތައް ދައްކާ އަޑު އަހާނެ ހިތްވަރެއް އަހަރެންގެ ނެތް." ޝިކާ ބުންޏެވެ.
އަކްރަމް މަޑުމަޑުން ހިންދިރުވާލުމަށްފަހު ގޮސް ޝިކާގެ ދެ ކޮނޑުގައި ހިފާލިއެވެ. އެއާއެކު ޝިކާ ވަގުތުން ދުރަށް ޖެހިލިއެވެ.
" އޭނަ ހުއްޓުވާފައި ދެން؟ ދެން ވީ ކިހިނެއް؟ އަހަންނަށް ސިއްރު ނުކޮށް ކިޔައިދީ! އަހަރެން ބޭނުން އެނގެން." ޝިކާ ބުންޏެވެ.
އެއާއެކު އަކްރަމް ބޯ ޖަހާލިއެވެ. އަދި ޝިކާއާ ހަތަރުކަޅި ހަމަކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ދެން... އަހަރެން ބުނިން ތާނިޔާއަށް އޮފީހުން ވަޒީފާ ދޭނަމޭ. އެކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެޔޭ. ކޮންމެ ގޮތެއް ވިޔަސް އޭނަގެ ބަލި މަންމައަށްޓަކައި އެހީވާން ބޭނުން. އެހެންވެ އަހަރެން އޭނައަށް ވަޒީފާ ހަމަޖައްސައިދިނީ. ދެން... އޭރު އަހަރެން އެ ދިޔައީ އޭނަ ގެޔަށް ގެންދަން. އޭނަ ހުންނަނީ ކުދިން ބަލަހައްޓާ ގެއެއްގައި. އަހަރެން އެއްވެސް ކަމެއް ޝިކާއަކަށް ސިއްރެއް ނުކުރާނަން. އޭނަ ހުންނަ ގެއަށް ލާރި ދޭން ވެސް އަހަރެން ބޭނުން. " އަކްރަމް ބުންޏެވެ.
އެއާއެކު ޝިކާ މަލާމާތުގެ ގޮތަކަށް ހިނިތުންވެލިއެވެ. އަދި ބޯ އަރިކޮށްލުމަށްފަހު އަކްރަމްގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ.
" ތި ދެ މީހުންގެ ލޯބީގެ ހުރަހަކަށް ވާކަށް އަހަރެން ނެތިން. އަހަންނާ ހެދި އަކްރަމްގެ އުފާތަކަށް ހުރަސް އެޅޭކަށް އަހަރެން ނެތިން. އަކްރަމް ބޭނުމިއްޔާ އަހަރެން ދޫކޮށްލާފަ އޭނައާ މެރީ ކުރޭ. އަހަރެން މިއީ ކާކު؟ " ހަމަޖެހޭ ގޮތް ދައްކަމުން ޝިކާ ވާހަކަ ދެއްކިއެވެ.
" ތިއީ އަހަރެންގެ ނިންމުމެއް ނޫން. ޝިކާގެ ދިރިއުޅުން އަމިއްލައަށް ހަލާކު ކުރަން މަސައްކަތް ނުކުރޭ! " އަކްރަމް ބުނެލީ ބާރަށެވެ.
" އެހެން ވިއްޔާ ބުނެބަލަ! ކާކު ދެކެ އެންމެ ބޮޑަށް ލޯބިވަނީ؟ އޭނަ ދެކެތަ؟ ނޫނީ އަހަރެން ދެކެތަ؟" އަކްރަމްއަށް ވުރެ ބާރަށް ޝިކާ ބުންޏެވެ.
އެއާއެކު އަކްރަމް ހިތްހަމަ ނުޖެހުމާއެކު ޝިކާގެ މޫނަށް ބަލައިލުމަށްފަހު ނިކުމެގެން ދިޔައެވެ. ޝިކާއަށް އިންތަނަށް ތިރިވެ، ބާރުބާރަށް ގިސްލެވުނެވެ. ހިތުގައި ހުރި އުދާސްތައް އޭނާ އެއްފަހަރާ ބޭރުކޮށްލަން އުޅުނު ކަހަލައެވެ. ދިރިއުޅުން ރަނގަޅުވާނެ ކަމުގެ އުއްމީދު އާވަމުން ދަނިކޮށް، ކުއްލިއަކަށް އައި ލޮޅުމަކުން އޭނާގެ ހުރިހާ އުފާތަކެއް ފޭރިގެން ދާނެޔޭ ހީވާން ފެށިއެވެ. އެއާއެކު އިތުރަށް އޭނާ ދެރަވެއްޖެއެވެ.
ޖެހިގެން އައި ދުވަހެވެ. ޝިކާ އިނީ ކާމޭޒު ކައިރީގައެވެ. އަކްރަމް ރީތި ވެގެން ނިކުންނާނެ އިރަކަށް އޭނާއަށް އިންތިޒާރު ކުރެވެން ފެށިއެވެ. ނާސްތާ ކުރާހިތް ނުވެފައި އޭނާއަށް އިނދެވުނީ ރޭގެ ކަންތަކާމެދު ފިކުރު ބޮޑުވެފައެވެ.
" ކީއްވެ ސައި ނުބޮއި ތި އިނީ؟" ކުއްލިއަކަށް ޝިކާ ސިހުނީ އަކްރަމްގެ އަޑަށެވެ.
" އަކްރަމް އަންނަން ދެން." ޝިކާ ބުނެލީ އަވަސް އަވަހަށެވެ.
އެއާއެކު އަކްރަމްގެ ފޯނު ރިންގް ވެއްޖެއެވެ. މި ފަހަރު ވެސް އޭނާ ފޯނު ކަނޑާލުމަށްފަހު ޖީބަށް ލިއެވެ.
" މޯލް ރެޑީ ކުރަން އުޅޭ ގުރޫޕާއެކު ސައިބޯން ދާން ވެގެން މި ދަނީ. ޝިކާ ސައިބޯލާ!" އަކްރަމް ބުނެލިއެވެ.
އެއާއެކު ޝިކާއަށް ކޮޅަށް ތެދުވެވުނެވެ. އިތުރަށް އޭނާ ދެރަ ވެއްޖެއެވެ. ހިތުގައި ޖެހި ޝައްކާއި ވަހުމުން ހިތް ފޯވެއްޖެއެވެ.
" ގުރޫޕާއެކުތަ؟ ނޫނީ ތާނިޔާއާ އެކުތަ؟" ޝިކާ އެހިއެވެ. މަޑުމަޑުންނެވެ.
އެ ވަގުތު އަކްރަމްގެ މޫނަށް އެރި ކުލަވަރުން ޝިކާއަށް އޭނާގެ ސުވާލުތަކުގެ ޖަވާބު ލިބުނު ކަހަލައެވެ. ދުލުން ދެ ތުންފަތް ތެންމާލަމުން، ޝިކާ މަޑުމަޑުން އިށީނދެލިއެވެ. އަދި އަކްރަމްއާމެދު މާ ބޮޑު ސަމާލުކަމެއް ދިނުމެއް ނެތި، ޕާން ފޮއްޗެއް ނަގައި އަވަސް އަވަހަށް އޭގައި ޖޭމު ހާކަން ފެށިއެވެ. އޭރު އޭނާގެ ދެ ލޯ ތެމެމުން ދާކަން ހުދު އޭނާއަށް ވެސް އިހްސާސް ކުރެވުނެވެ.
ވާހަކަ ދެއްކުމެއް ނެތި އަކްރަމް ކުއްލިއަކަށް ނިކުމެގެން ހިނގައްޖެއެވެ. އެއާއެކު ޝިކާގެ ހަރަކާތްތައް ވެސް ހުއްޓުނު ކަހަލައެވެ. އެ އިން ގޮތަށް އިނދެ، އެތެރެ ހަށީގައި ހިފަމުންދާ އަލިފާނުގެ އަސަރުން މީހާއަށް ކުއްލި ސިހުމެއް ލިބުނު ކަހަލައެވެ. އަތުގައި އޮތް ޕާންފޮތި އޭނާ ދުރަށް ހޫރާލީ ރުޅިގަދަ ވެގެންނެވެ. މައިތިރިކޮށްފައި ހުރި ރުޅިގަނޑު ކޮންޓްރޯލް ނުކުރެވުނީއެވެ.
ޕާންފޮތި ގޮސް ޖެހުނީ ދުރުގައި ހުރި މޫމިނައްތަގެ ފައިބުޑަށެވެ. އޭރު މޫމިނައްތަގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ. ޝިކާއަށް މޫމިނައްތަ ފެނުމާއެކު އޭނާ ނުހަނު ކަންބޮޑު ވެއްޖެއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ، ބާރުބާރަށް ކޮޓަރިއާ ދިމާލަށް އޭނާ ދުއްވައިގަތެވެ.
( ނުނިމޭ)
* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!