ކުރީގެ އަދަދާއި ގުޅޭ:

ދުއްވާފައި ދިޔަ ކާރުގެ ދުވެލި މަޑުކޮށްލަން ޝިކާއަށް މަޖުބޫރުވީ އޭނާގެ ކުރިމަތިން ހުރަސްކޮށްލި އަކްރަމްގެ ސައިކަލް ފެނުމުންނެވެ. ފަހަތުގައި އެ އިން އަންހެން ކުއްޖާއަކީ ޝިކާ ދަންނަ މޫނެއް ނޫނެވެ. ޝިކާގެ ހިތް ނުތަނަވަސް ވެގެން ދިޔުމާއެކު އޭނާ އަވަސް އަވަހަށް ފޯނު ނެގިއެވެ.

Ad
rt

" ނޫން... އަދި މިއީ ކަމުދާ ގޮތެއް ނޫން. " ޝިކާއަށް ބުނެވުނެވެ.

އުނގުމަތީގައި ފޯނު ބޭއްވުމަށްފަހު އޭނާ ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ކުރިމަތިން ދިޔައީ އަކްރަމްކަން އޭނާއަށް ހަމަ ޔަގީނެވެ. އަކްރަމްއާ ޖެހި ފިތިގެން އެ އިން އަންހެންކުއްޖާއާމެދު ޝިކާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. ބާރުބާރަށް އޭނާގެ ހިތް ތެޅެމުން ދާއިރު ދެ އަތް ވެސް ތުރުތުރު އަޅަމުން ދެއެވެ.

" ޝިކާ ތިވަރަށް ހާސްވާން އަދި މާ އަވަހޭ،" ޝިކާގެ ސިކުނޑި އިންޒާރު ދޭން ފެށިއެވެ.

ނަމަވެސް ޝިކާގެ ވިސްނުން ބަދަލެއް ނުވިއެވެ. އަކްރަމްގެ ބުރަކަށިމަތީގައި ތަތްވެގެން ހިލޭ އަންހެނަކު އިނުމުގެ މާނައަކީ ކޮބައިތޯ އޭނާގެ ހިތް، ސިކުނޑިއާ ސުވާލު ކުރިއެވެ. އެ ހިސާބުން ވިސްނުން ވެސް ހުއްޓުމަކަށް އައި ކަހަލައެވެ.

ގަރާޖަށް ކާރު ވެއްދުމަށްފަހު ޝިކާ ގެއަށް ވަނީ ބާރުބާރަށެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނުމާއެކު އަކްރަމް ފާހާނައިގައި އުޅޭކަން ޝިކާއަށް އެނގުނެވެ. އޭނާ އެހާ އަވަހަށް ގެއަށް އައުމުން ޝިކާގެ ހިތް އިތުރަށް ވަސްވާސް ވެރިވެއްޖެއެވެ.

ލަސްހިނގުމެއްގައި އައިސް އެނދު ކޮޅުގައި ޝިކާ އިށީނދެވުނީ ވެސް ފާހާނާއަށް ބަލަހައްޓައިގެން ހުރެއެވެ. އޭރު ވެސް އޭނާގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބެއެވެ.

ފާހާނާގެ ދޮރު ހުޅުވުނު އަޑަށް ޝިކާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ހަމަޖެހެން ބޭނުން ވެގެންނެވެ. ނަމަވެސް އޭނާގެ މޫނުމަތީގައިވާ ހާސްކަން ފިލައިގެން ދާ ގޮތެއް ނުވިއެވެ.

" އަހަރެން ގެއަށް އައި އިރު ކާރު ނެތީމަ އެނގިއްޖެ މަންމަމެން ގެއަށް ގެންދަން ދިޔައީކަން." އަކްރަމް ބުންޏެވެ.

އޭނާ ވާހަކަ ދެއްކި އިރު ހުރީ ވަރަށް ހަމަޖެހިފައެވެ. އެ މޫނުމަތީގައި ވަނީ ސާފު ހިނިތުންވުމެކެވެ. އޭގެ އިތުރުން، އަކްރަމްއަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާހެން ޝިކާއަށް ހީވާން ފެށިއެވެ.

" އަކްރަމް ތި އައީ ކޮންތާކުން؟" އާދައިގެ ރާގަކަށް ސުވާލު ކުރެވޭތޯ ޝިކާ މަސައްކަތް ކުރިއެވެ.

" އަހަރެން؟ އަހަރެން ބުނީމެއްނު ޝޮޕަށް ކުދިން ނަގަން އިންޓަވިއު ކުރަން ދާ ވާހަކަ. އެ ތަން ނިންމާފަ ގެއަށް މި އައީ." އަކްރަމް ބުންޏެވެ.

އޭރު އޭނާ ހުރީ އަލަމާރި ކައިރީގައެވެ. ނިދަން ލާނެ އެއްޗެއް ނަގައިގެން ލޯގަނޑާ ދިމާލަށް ހިނގައިގަތް އިރު ވެސް ޝިކާ އިނީ އަކްރަމްއަށް ބަލަހައްޓައިގެންނެވެ.

" އިތުރު ތަނަކަށް ނުދަންތަ؟" ޝިކާ އެހިއެވެ.

އެއާއެކު އަކްރަމް ޝިކާގެ މޫނަށް ބަލައިލިއެވެ. އެ ހިނދު ޝިކާގެ މޫނުމަތީގެ އަސަރުތައް އަކްރަމްއަށް ވަރަށް ރަނގަޅަށް އިހްސާސް ކުރެވިއްޖެއެވެ. އޭނާއަށް އެ އިނީ ކޮންމެވެސް ކަމެއް ވެފައިކަން ވެސް އެނގުނެވެ. އަތްދަނޑިމަތީގައި އޮތް ޕިޖާމާ ހިފައިގެން އެނބުރި އައިސް އަކްރަމް އެނދު ކައިރީ ހުއްޓުނީ ޝިކާއަށް ބަލަހައްޓައިގެން ހުރެއެވެ.

" ކީއްވެ ތިހެން ތި އެހީ؟ " އަކްރަމް ބުންޏެވެ.

ޝިކާ ވަގުތުން ދުރަށް ބަލައިލިއެވެ. އޭރު އޭނާ ހުރީ ފެންކަޅިވެފައެވެ.

" އަކްރަމްއަށް އެނގޭތަ އަހަރެން އަކްރަމްދެކެ ލޯބިވާކަން؟ " ޝިކާ އެހިއެވެ.

" އެނގޭ! އެކަމަކު ލޯބިވުމުގެ މާނައަކީ ފަސްްފަހަތުން ބޯކޮޅު ބެލުމެއް ނޫނެއްނު." އަކްރަމް ދިން ޖަވާބުން ޝިކާއަށް ކޮޅަށް ތެދުވާން މަޖުބޫރު ކުރުވި ކަހަލައެވެ.

" ތި ބުނި ގޮތަކަށް އަހަންނެއް ނޫޅެން. " ޝީކާއަށް ބުނެވުނެވެ.

" ދެން؟ ދެން ޝިކާގެ މޫނުމަތިން ތި ފެންނަނީ ކޮންހާ ކަންބޮޑުވުމެއް؟ ކިހިނެއްވެފައި ތި ހުރީ؟" އަކްރަމް ސުވާލު ކުރިއެވެ.

އަކްރަމްއަށް ހަމަ އެއްވެސް އެއްޗެއް ނޭނގެނީ ހެއްޔެވެ؟ ނޫނީ ނޭނގޭ ކަމަށް ހަދަނީ ހެއްޔެވެ؟ މިރޭ، މަގުމަތިން ފެނުނީ އަކްރަމްކަން ޔަގީނެވެ. ޔަގީން ނުވަނީ ފަހަތުގައި އިން ނުދަންނަ އަންހެން ކުއްޖާގެ ހަގީގަތެވެ.

ޝިކާގެ ސިކުނޑި އަނެއްކާ ވެސް އޭނާގެ ހިތަށް އުނދަގޫ ކުރުވަން ފެށިއެވެ. ކަން ވީ ގޮތް އަކްރަމްއަށް ކިޔައިނުދީ ޝިކާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެކަން ޝިކާއަށް އެނގުނެވެ. އެހެންކަމުން އޭނާ ހުރިހާ ހިއްސެއް މައިތިރި ކުރެވޭތޯ މަސައްކަތް ފެށިއެވެ.

އޭރު ވެސް އޭނާގެ ވިސްނުން ހުރީ އެންމެ ގޯސްކޮށް ކަން ހުދު އޭނާއަށް ވެސް އެނގެއެވެ.

" އަކްރަމް." ޝިކާ ގޮވާލީ ފުން ނޭވާއެއް ދޫކޮށްލުމަށްފަހުއެވެ. އޭރު ވެސް އަކްރަމް ހުރީ ޝިކާ ދައްކަން އުޅޭ ވާހަކަ އަޑު އަހަން ބޭނުންވެފައި ހުރި ފަދަ ނަޒަރަކުން ބަލަހައްޓައިގެންނެވެ.

" އަހަރެން... އަހަރެން މިރޭ އަކްރަމް ދުށިން. " ޝިކާ ބުންޏެވެ. އޭރު އޭނާގެ އަޑު ތުރުތުރު އަޅައެވެ.

ޝިކާގެ ޖުމްލަ އަޑު އިވުމާއެކު އަކްރަމްގެ މޫނުމައްޗަށް ހާސްކަން ވެރިވެގެން ދިޔަތަން ޝިކާއަށް ފެނުނެވެ. އެއާއެކު ޝިކާއަށް ދެ ފަރާތަށް މަޑުމަޑުން ބޯ ހޫރާލެވުނެވެ.

" އަހަރެން ހީކުރީ އަކްރަމް އަހަރެންދެކެ ލޯބިވާކަމަށް. އަހަރެންދެކެ ލޯބިވެޔޭ ބުނީމެއްނޫންތަ؟އަނެއްކާ އެއީ އަހަންނަށް ހީވި ގޮތެއްތަ؟" ޝިކާ ސުވާލަކަށް ފަހު ސުވާލެއް ކުރަން ފެށިއެވެ.

" އަހަރެން ޝިކާދެކެ ލޯބިވާ ވާހަކަ ބުނިން. އެއީ ހަމަ ޝިކާދެކެ ލޯބިވާތީ ބުނި އެއްޗެއް. އެކަމަކަު... މިރޭ އަލުން އަހަންނާ ތި ސުވާލުތައް ތި ކުރަނީ ކީއްވެ؟" އަކްރަމް އެހިއެވެ.

" އޭގެ ޖަވާބު އަކްރަމްއަކަށް ނޭނގޭތަ؟ އަހަރެންގެ ހިތުގައި ޝައްކު އުފެދިގެން މި އުޅެނީ ކީއްވެކަމެއް ހަމަ ނޭނގޭތަ؟" މަޑުމަޑުން ޝިކާ އެހިއެވެ.

ނަމަވެސް އަކްރަމް އެއްވެސް ޖަވާބެއް ނުދިނެވެ. ހައިރާންކުރަނިވި ނަޒަރަކުން ޝިކާއަށް ބަލަހައްޓައިގެން އޭނާ ހަމަ ހުރީއެވެ.

" އަކްރަމް އަހަރެން ބޭނުން ނުވަނީތަ؟" ޝިކާ އެހިއެވެ.

" ކުއްލިއަކަށް ތިހެން އެހީ ކީއްވެ؟ " އަކްރަމް ވެސް ކުރީ ސުވާލެކެވެ.

" އަހަންނަށް ހީވަނީ އަކްރަމްގެ މުއްސަނދިކަމުގެ ދަލުގައި އަހަރެން ޖެހުނު ގޮތަށް، މިހާރު އެހެން އަންހެން ކުއްޖަކު ވެސް....." އެ ހިސާބަށް ބުނެ ޝިކާ، އޭނާގެ ޖުމްލަ މެދުކަނޑާލިއެވެ.

" ކީއްވެ ހުއްޓާލީ؟ ބުނަން ތި އުޅެނީ މުއްސަނދިކަމާ ތަނަވަސްކަން ދައްކައިގެން އަހަރެން، އަންހެން ކުއްދިން ވާވައްދަނީއޭތަ؟" އަކްރަމް ބުނެލީ ބާރަށެވެ.

" ދެން މިރޭ އަކްރަމްގެ ބުރަކަށިމައްޗަށް ވެއްޓިގެން ސައިކަލްގައި އެ ދިޔައީ ކާކު؟" ޝިކާ ސުވާލު ކުރީ އެއަށް ވުރެ ބާރަށެވެ.

އެއާއެކު އަތުގައި އޮތް ޕިޖާމާ އެނދުމަތީގައި ބޭއްވުމަށްފަހު އަކްރަމް ޝިކާއާ ދިމާލަށް އެނބުރުނެވެ. އޭރު ވެސް ޝިކާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

" ދެން ބުނޭ ޝިކާއަށް މަދުވަނީ ކޮންކަމެއްހޭ؟ ޝިކާ ބޭނުންވަނީ ކޮންކަމެއް ހޭ؟ ޝިކާ ބޭނުންވާ ކޮންމެ އެއްޗެއް ތިމަންނަ ދެމޭ! މުއްސަނދިކަމާ ތަނަވަސްކަން ނޫންހޭ ޝިކާ ބޭނުުންވަނީ!" މި ފަހަރު ޝިކާ ވާހަކަ ދެއްކީ ރޮމުންނެވެ.

" އެއީއެއް ނޫންތަ ޝިކާ ބޭނުންވާ ކަންކަމަކީ؟ " އަކްރަމްގެ ސުވާލުން ޝިކާ ދިޔައީ ސިހިގެންނެވެ.

" އެ ކަންކަން ބޭނުން ވެގެން މެރީ ކުރީ. އެކަމަކު އޭގެ ފަހުން އަހަރެން އަކްރަމްދެކެ ލޯބިވާ ވާހަކަ ބުނީމެއްނު. އެހެންވީމަ... އެހެންވީމަ މިރޭ އެ ފެނުނު މަންޒަރުން އަހަރެންގެ ހިތަށް ކުޅަދާނަ ވާނެތަ؟ ބުނޭ އަކްރަމް! އެއީ ކާކު؟ " ޝިކާ ސުވާލު ކުރީ ސީދާ އަކްރަމްގެ ކުރިމަތީގައި ހުރެގެންނެވެ.

އެއާއެކު އަކްރަމްއަށް ހިންދިރުވާލެވުނެވެ. އަދި ޝިކާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ވާހަކަ ދައްކަން އުނދަގޫވެފައި ކަހަލަ ގޮތަކަށެވެ.

" ޖަވާބެއް ނުދެވުނު ދޯ؟ އަކްރަމް ހީކުރީ، މި ފުދުންތެރިކަމުގައި އަހަރެން ކޮންމެ ހާލެއްގައި ވެސް އަކްރަމްއާއެކު އުޅޭނެ ކަމަށްތަ؟ " އަނެއްކާ ވެސް ޝިކާ ބުންޏެވެ.

އެ ވަގުތު އަކްރަމް އިސްޖަހާލުމަށްފަހު ޝިކާގެ މަޑުމަޑު ދެ އަތްތިލައިގައި ހިފާލިއެވެ. އަދި ފަރުވާތެރިކަމާއެކު ޝިކާގެ މޫނަށް ބަލައިލިއެވެ. އޭރު އަކްރަމްގެ މޫނުމަތިން ޝިކާއަށް ފެންނަނީ ހަމައެކަނި އުދާސްކަމާއި މޮޅިވެރިކަމެވެ. މާޔޫސްކަމާއި ހިތާމައެވެ. އޭނާ އެ ހުރީ ކޮންމެވެސް ކަމާ ވަރަށް ބޮޑަށް ދެރަވެފައިކަން އެ މޫނުމަތިން ޝިކާއަށް ދޭހަވިއެވެ. ނަމަވެސް އަކްރަމް ވާހަކަ ދައްކަންދެން ޝިކާ ކެތްތެރިކަމާއެކު މަޑުކުރިއެވެ.

" ޝިކާ! " އަކްރަމް ގޮވާލީ ވަރުބަލިކަމާއެކުއެވެ..

މިހާރު ޝިކާގެ ކުރިމަތީގައި އެ ހުރީ މީގެ ކުރިން އޭނާ ދުވަހަކު ވެސް ދެކިފައިވާ އަކްރަމްއެއް ނޫނެވެ. އެ މޫނުމަތީގެ ޝުއޫރުތައް މުޅިން ތަފާތުވެފައި އަސަރު ގަދައެވެ.

" އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ." އަކްރަމް އެހެން ބުނުމާއެކު ޝިކާގެ ހިތް ތެޅިގަތެވެ. އަކްރަމް ކުރި ކުށުގެ ބޮޑުކަން، އެ އަޑުގެ އަސަރާއި މޫނުމަތީގެ ކުލަވަރުން ޝިކާއަސް ވަރަށް ރަނގަޅަށް އަންދާޒާ ކުރެވުނެވެ. އެ ހިނދު އޭނާއަށް މަޑުމަޑުން އަކްރަމްގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ.

ނަމަވެސް އަކްރަމް އަނެއްކާ ވެސް ޝިކާގެ އަތުގައި ހިފާ، ބާރުކޮށްލިއެވެ. އޭރު ވެސް އެ ދެ މީހުން ތިބީ ނުހަނު ގާތުގައެވެ.

" ޝިކާއަށް މިރޭ އެ ފެނުނީ ކާކުކަން އެނގޭތަ؟" އަކްރަމް ސުވާލު ކުރީ ލަސްލަހުންނެވެ.

" އަހަންނަށް މިރޭ އޭނަ ނުފެނުނު ނަަމަ އަދިވެސް އޮންނާނީ ސިއްރެއްގެ ގޮތުގައިތަ؟" ޝިކާ އެހިއެވެ. އެއާއެކު އަކްރަމް އިސްޖަހާލިއެވެ.

" ހީވަނީ..." އަކްރަމް ބުނެލީ މަޑުމަޑުންނެވެ. ޝިކާއަށް ދެ ލޯ މަރައިލެވުނެވެ. ސިހިފައި ޝިކާއަށް ދެ ލޯ ހުޅުވާލެވުނީ އަކްރަމް އޭނާގެ ގައިގައި ބައްދާލުމުންނެވެ. ނަމަވެސް ގަދަކަމުން ޝިކާ އަކްރަމްއާ ދުރަށް ޖެހުނީ، އަނެއްކާ ވެސް އެ އަންހެން ކުއްޖާ ލޯ މަތިން ސިފަވީމައެވެ.އެކަމުގެ ސަބަބުން ޝިކާގެ ހިތަށް އުނދަގޫވީމައެވެ.

" ބުނޭ! އެއީ ކާކު؟" ޝިކާ އެހިއެވެ.

އެ ވަގުތު އަކްރަމް ފުން ނޭވާއެއް ދޫކޮށްލީ އެ ނަން ބުނަން ވެސް އޭނާއަށް އުނދަގޫވާތީހެން ޝީކާއަށް ހީވިއެވެ.

" އެއީ... ތާނިޔާ." އަކްރަމް އެ ބުނީ ޝިކާ ހިތަށް ވެސް ނާރާ ނަމެކެވެ.

" ތާނިޔާ؟ ތާނިޔާ އޭ؟" ޝިކާއަށް ތަކުރާރު ކޮށްލެވުނެވެ.

" ކީއްވެ ތާނިޔާ؟" އަނެއްކާ ވެސް ޝިކާއަށް ސުވާލު ކުރެވުނީ ގަބޫލުކުރަން ދަތި ވެގެންނެވެ. އެ ވަގުތު ޝިކާގެ ހިތުގައި ތަފާތު އެކި ސުވާލުތައް އެނބުރެން ފެށިއެވެ.

" ކިޔައިދޭނަމޭ. އަޑުއަހާބަލަ." އަކްރަމް މަސައްކަތް ކުރީ ޝިކާގެ ދެ ކޮނޑުގައި އަތްޖައްސާލެވޭތޯއެވެ. ނަމަވެސް ޝިކާ ދިޔައީ އަކްރަމްއާ ދުރަށެވެ. އޭރު ޝިކާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

" އަކްރަމްއަކީ ލޯތްބަށް ނަފްރަތު ކުރާ މީހަކަށް ވިޔަސް، އަހަރެން ހިއެއް ނުކުރަން އަކްރަމްގެ އަނތްބަކަށް ތިހާ އަނިޔާވެރިވެދާނެ ކަމަކަށް. " ޝިކާ ވާހަކަ ދެއްކީ ރޮމުންނެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ

(ނިމުނީ)