ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމިޓީތަކުގެ ތެރޭ ހިމެނޭ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކޮށް، އިމްތިޔާޒް އަދި ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ބަދަލުތައް އިއުލާނުކުރެއްވިއެވެ.

Ad
rt

ރިޔާސަތުން ޢިއުލާން ކުރެއްވި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

1. މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހަމަޖެއްސެވުން.
2. އިމްތިޔާޒާ ސުލޫކު ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އަޒާން ހަމަޖެއްސެވުން.
3. ޕެޓިޝަން ކޮމިޓީއަށް މެންބަރު އައިފާންގެ ބަދަލުގައި އަޒާން ހަމަޖެއްސެވުން.
4. 241 ކޮމިޓީއަށް އަޒާންގެ ބަދަލުގައި މެންބަރު މުހައްމަދު އިސްމާއިލް ހަމަޖެއްސެވުން.

މި ބަދަލުތައް ގެނެސްފައި މި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް، އެ ބިލަށް ވޯޓަށް އެހި ވަގުތު އަޒާން ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

މި ބަދަލާ ގުޅިގެން އަޒާން ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެ ބަދަލުގެ ފަހަތުގެވާ ސަބަބެއްކަމަށް އޭނާއަށް ބޮޑަށް ލަފާކުރެވެނީ ބައެއް ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީކަމަށެވެ.