ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގެ މި އަހަރުގެ މުބާރާތުގެ ފައިނަލް މިރޭ 20:00 ގައި ފެށެން ކުޑަތަންވަމުން އަންނައިރު، މިރޭގެ މެޗަށް އެ ޓީމުގެ ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
މިރޭ ނައިވާދޫ ނުކުންނާނީ މުބާރާތުގައި އަލަށް ފައިނަލުގައި ކުޅޭ ކާށިދޫއާއި ދެކޮޅަށެވެ. މި މުބާރާތުގައި ނައިވާދޫއިން ދައްކަމުންދާ މޮޅު ކުޅުމާއި، އެ ޓީމުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ދައުރު ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ މުބާރާތް ފެށުނީއްސުރެ ނައިވާދޫއިން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. އަތޮޅު ފައިނަލުން ޖާގަ ހޯދުމުގައި އެއްވެސް މެޗަކުން ބަލިނުވެ، ހދ. ނޭކުރެންދޫ ބަލިކޮށް އަތޮޅު ފައިނަލް ތަށި ހޯދިއެވެ. ޒޯން ފައިނަލްގައި ހއ. ދިއްދޫ ބަލިކޮށް، ގަދަ 16 ގައި މައްޗަންގޮޅިއާއި ވާދަކޮށް ބޮޑު ތަފާތަކުން ކުރިހޯދިއެވެ. ކުއާޓާ ފައިނަލްގައި މަހިބަދޫ ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައި، ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ލ. ގަމް އާއި ވާދަކޮށް 1-3 އިން މޮޅުވެ ފައިނަލަށް ދަތުރުކުރިއެވެ.
ނައިވާދޫގެ ސަޕޯޓަރުން ޓީމަށް ހިތްވަރު ދެނީ، ފޮޓޯ: ފޮޓޯ މޯލްޑިވްސް
ނައިވާދޫ ޓީމުގެ މި ކާމިޔާބީގައި ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑެވެ. ޓީމު މިހިސާބަށް ގެނައުމުގައި ސަޕޯޓަރުން ދަނީ އާދަޔާ ޚިލާފް ހިތްވަރެއް ދައްކަމުންނެވެ. ކޮންމެ މެޗެއްގައިވެސް ސަޕޯޓަރުން ދައްކަމުންދާ ޖޯޝާއި ފޯރި ފާހަގަކޮށްލެވެއެވެ. މެޗުކުޅޭ ތަނުގައި ހިތްވަރުދިނުމުގެ އިތުރުން، ސޯޝަލް މީޑިއާގައިވެސް ސަޕޯޓަރުން ދަނީ ޓީމަށް ތާއީދޮށް ހިތްވަރުގެ ބަސްތައް އޮއްސަމުންނެވެ.
ރަށުގައި ތިބި ސަޕޯޓަރުން ޓީމާއެކު ތިބިކަން ދައްކާލަނީ، ފޮޓޯ: ޓީމް ނައިވާދޫ
ނައިވާދޫ ޓީމުގެ ސަޕޯޓަރުންގެ ކުރީ ސަފުގައި މަސައްކަތްކުރާ މުހައްމަދު ޝާކިރު (ޝާކިރުބެ) ''ތިލަދުން'' އަށް ބުނީ މިރޭގެ މެޗަށް ސަޕޯޓަރުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ޝާކިރުބެއަކީ އަނިޔާގެ ސަބަބުން މިރޭގެ މެޗު ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ނައިވާދޫގެ އެންމެ މުހިންމު ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ބައްޕައެވެ. ޝާކިރުބޭ ބުނިގޮތުގައި ސަޕޯޓަރުން ތިބީ ޓީމަށްޓަކައި ޤުރްބާންވުމަށް ތައްޔާރަށެވެ.
ޝާކިރުބެ ސަޕޯޓަރުންނާއި ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ، ފޮޓޯ: ފޮޓޯ މޯލްޑިވްސް
ނައިވާދޫގެ ކުޅުންތެރިންނާއި ކޯޗުންވެސް ފާހަގަކުރާ ގޮތުގައި، ސަޕޯޓަރުންގެ މި ހިތްވަރަކީ ޓީމުގެ ކުޅުމަށް ވަރަށް ބޮޑު ހިތްވަ ހިތްވަރަކާއި ބާރެއް ލިބޭ ކަމެކެވެ. ޚާއްޞަކޮށް ސަޕޯޓަރުންގެ އެއްބާރުލުން ލިބުމަކީ ކުޅުންތެރިންނަށް އިތުރު ފޯރިއެއް ލިބޭ ކަމެއް ކަމުގައި ބުނެއެވެ. ނައިވާދޫ ޓީމު ސަޕޯޓަރުން ސިފަކުރަނީ ޓީމުގެ މައިބަދައިގެ ގޮތުގައެވެ.
ރަށުގައި ތިބި ސަޕޯޓަރުން މެޗުބަލަނީ، ފޮޓޯ: ޓީމް ނައިވާދޫ
މިރޭގެ ފައިނަލްގައިވެސް ނައިވާދޫގެ ސަޕޯޓަރުން އާދަޔާ ޚިލާފް ހިތްވަރެއް ދައްކާނެއެވެ. މާލެ ސަރަހައްދުގައި ތިބި ސަޕޯޓަރުން މެޗު ކުޅޭ ތަނަށް ގޮސް ސަޕޯޓުކުރުމަށް ތައްޔާރުވަމުންދާއިރު، ރަށުގައި ތިބި ސަޕޯޓަރުންވެސް ތިބީ ވަރަށް ޖޯޝާފޯރީގައެވެ.
ނައިވާދޫގެ ސަޕޯޓަރުންގެ އިތުރަށް ބޮޑު ތިލަދުންމަތީގެ ރަށްތަކުން ވެސް ދަނީ އެ ޓީމަށް ކާމިޔާބީއަށް އެދި ހިތްވަރުގެ ބަސްތައް އަމުނަމުންނެވެ.
އަޅުގަނޑުމެން އެދެނީ ނައިވާދޫ ސަޕޯޓަރުންގެ މި ހިތްވަރުދިނުމާއެކު ނައިވާދޫގެ ކާމިޔާބީއަށް މިރޭ އިތުރު ބޮޅެއް އިތުރުވެގެން ދިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!