މިނިވަން މުވައްސަސާތަކާއި، މުސްތަގީލް މަގާމްތަކުގެ މުސާރައިން 10 އިންސައްތަ ކުޑަކުރަން ނުފެންނަކަމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި، ކުރިއަށް އޮތް 2 އަހަރުދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ.
މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުން ވަނީ މުސާރައިން 10 އިންސައްތަ އުނިކުރަން ނުފެންނަ ކަމަށް ލަފާދިނުމަށް ފާސްކޮށްފައެވެ. އެހެންނަމަވެސް، ސަރުކާރާ އިދިކޮޅު އެއްވެސް މެންބަރަކު މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
މި ލަފާގައި ބުނެފައި ވަނީ ގިނަ މިނިވަން މުއައްސަސާތަކާއި މުސްތަގީލް މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރެވޭނީ ކަމާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ.
އެއް ގިންތިއެއްގެ މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެއްކަމަށާއި، ޤާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަތައް އުނިކުރަން ނިންމުމަކީ އިންސާފްވެރި އަދުލުވެރިގޮތެއް ނޫންކަމަށް މާލިއްޔަތު ކޮމެޓީގެ ލަފާގައި ބުނެފައިވެއެވެ.
''ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރީންނާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤީލް މަގާމްތަކާއި، އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ އެހެނިހެން މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރަން މިވަގުތު ނުފެންނަކަމަށާއި، އަދި ގުޅުން ހުރި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުމުން، އަލުން މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުން'' ކޮމެޓީގެ މި ލަފާގައި ބުނެފަވެއެވެ.
މާލިއްޔަތު ކޮމެޓީން ވަނީ ޚަރަދު ކުޑަކުރުމަށް އިތުރު ދެ ނުކުތާއެއް ވެސް ކޮމެޓީގެ ނިންމުމުގައި ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!