ކުރީގެ އަދަދާއި ގުޅޭ:

" ޒައިދްގެ ބައްޕަ ވެސް ނިޔާވެއްޖެޔޭ ބުނީމެއްނު. ދޮންމަންމަގެ އާއިލާގެ މީހުންނެއް ނެތްތަ؟" އަނޫޝާ އެހިއެވެ.

Ad
rt

އޭނާ ހުރީ ޒައިދްއާ އެކަނިވާނެ ވަގުތަކަށް ބަލަބަލައެވެ. އެނދުގައި ޖައްސާލައިގެން އޮތް ޒައިދްއަށް އަނޫޝާގެ ސުވާލަށް ޖަވާބުދޭން އުނދަގޫވި ކަހަލައެވެ.

" އަނ... އާނ ޖަނާއަކީ... ބައްޕަނެތް ކުއްޖެކޭ. އަހަރެން އޭރު މާލެއިން ރަށަށް އައިސް ދުވަސްކޮޅެއް ވީ ތަނާ ބައްޕަ ނިޔާވެއްޖެ. ދެން އޭރުވެސް އަހަންނަކަށް ދޮންމަންމައާމެދު ދެކެވެނީ ވަރަށް ދުރު މީހެއްގެ ގޮތުގައި. އެއީ ވެސް ވަރަށް ބަސްމަދު މީހެއް. އެހެންވެ އަހަންނާ އެހާ ވާހަކައެއް ވެސް ނުދައްކާނެ. ދެން ބައްޕަ ނިޔާވީމަ ދޮންމަންމަ ބުނީ ދޮންމަންމަ އެ ގޭގައި އުޅުނަސް ހެޔޮހޭ. ދާނެ އިތުރު ތަނެއް ނެތޭ. ދޮންމަންމަގެ ރަށަށް ދިޔަޔަސް، އުޅެވޭނެ ގޮތެއް ނެތޭ. " ޒައިދް ކިޔައިދިނެވެ.

އަނޫޝާ ދިޔައީ ޝައުގުވެރިކަމާއެކު އަޑުއަހަމުންނެވެ.

" ޖަނާމެންނަކީ އަދި ތި ރަށު ބައެއް ނޫން ދޯ؟" އަނޫޝާ އެހިއެވެ.

" އާނ. އަހަންނަކަށް ނޭނގެ ކޮން ރަށެއް ކަމެއް ވެސް. " ޒައިދް ބުންޏެވެ.

" ހޫމް. ދެން ކިޔާބަލަ. ދެން ޒައިދް ވެސް އުޅުނީ އެ މީހުންނާއެކުތަ؟" އަނޫޝާ އެހިއެވެ.

" ދެން އަހަންނަކަށް ނުކެރުން ނޫނެކޭ ބުނާކަށް. އަހަރެންގެ ގެއިން އެ މީހުން ނެރޭކަށެއް ނުކެރުނު. އޭރު ޖަނާ ވެސް ކިޔަވާ ނިމިއްޖެ. ހިތަށް އެރި ގެއިން ދާނެ ނަމައޭ. އެކަމަކު އަހަރެން ބުނިން އަހަރެންގެ އެއްވެސް މައްސަލައެއް ނެތޭ. ދެން އެ މީހުންނާއެކު އުޅެން ބޭނުން ނުވާތީ، ރަށުގައި އޭރު އުޅުނު ވަޒީފާ ދޫކޮށްލާފައި އަހަރެން ކަންނެއްޔާ ދާން ފެށީ. އޭރުން ގޭގައި އުޅޭކަށް ނުޖެހޭނެތާ. " ޒައިދް އެހެން ބުނެ، އަނޫޝާއަށް ބަލައިލިއެވެ.

" ދެން ކިހިނެއް ދޮންމަންމަ ހަރަދުތައް ބަލަހައްޓަނީ؟" އަނޫޝާ ބުންޏެވެ.

" ކޮންމެ މަހަކު ވެސް ދޮންމަންމައަށް އަހަރެން ދިނިން ލާރި. ހުރިހާ ހަރަދެއް ނުބެލެހެއްޓުނަސް އަހަރެން އޭރު ދިނިން. އެކަމަކު އެއްގޮތަކަށް ވެސް ގެއަކަށް ނުދަން." ޒައިދް ބުނެލީ ދުރަށް ބަލަހައްޓައިގެން އޮވެއެވެ.

" އެ ކީއްވެ؟ އެ މީހުން ވެސް ކިހާ އުފާވާނެ ޒައިދް އެ ފެމިލީއާއެކު ގުޅިގެން އުޅެންޏާ. މިހާރު ހިތަށް އަރާ ކައިވެނި ކުރި އިރު ވެސް ދޮންމަންމަމެން ގެނެވުނު ނަމައޭ. ކީއްކުރާނީ؟ އެންމެ ފަހުން އެ ނިޔާވީ." އަނޫޝާ އަސަރާއެކު ބުންޏެވެ.

" ދެން... އަހަންނަކީ އެހާ މީހުންނާ ވާހަކަ ދައްކާ ހަދާ މީހެއް ނޫނެއްނު. ވަރަށް ދުރު ގޮތަކަށް އަހަންނަށް ދެކެވެނީ. ބައްޕަ ދޮންމަންމައާ މެރީ ކުރި އިރު ވެސް އަހަރެން އުޅުނީ މާލޭގައި. އެހެންވީމަ ކަންނޭނގެ އެހާ ބޮންޑު ރަނގަޅު ނޫނީ. އަނެއްހެން ވަރަށް ރަނގަޅުވާނެ އޭނަ." ޒައިދް ބުންޏެވެ.

އަނޫޝާ އިތުރަކަށް އެއްވެސް ސުވާލެއް ނުކުރެއެވެ. ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަމެއް ވެރިވި ނަމަވެސް އަނެއްކާ ވެސް ޒައިދް އޭނާގެ އުދާސްތައް ބޭރު ކުރަން ފެށިއެވެ.

" އަސްލު އަހަރެން ބޭނުމެއް ނޫން ޖަނާ މި ގޭގައި ބަހައްޓާކަށް. " ޒައިދް ބުނެލިއެވެ.

އެއާއެކު އަނޫޝާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" އަނޫއަށް އެނގެއެއްނު ލާރި ނުލިބޭތީ އަހަރެން ބޯ ގޮވާވަރު. އަދި އަހަރެންގެ ޒިންމާގެ ދަށަށް އިތުރު ބޮލެއް އެ އައީ. އަހަރެން ކިހިނެއް ޖަނާއަށް ހަރަދު ކުރާނީ؟ އަސްލު އަނޫ ބުނެބަލަ! އަހަންނަށް ޖަނާގެ ބަލަދު އަރާނެތަ؟ " ޒައިދް ފުންމައިގެން ތެދުވެ ސުވާލު ކުރީ ނުހަނު ބާރަށެވެ.

" ބަލަދު ނޭރިޔަސް އޭނަ އެ ހުރީ ހާލުގައި ޖެހިފައޭ. އެއީ މަންމަ ނެތް ޔަތީމް ކުއްޖެކެއްނު. އެކަހަލަ ކުދިންނަށް ހެޔޮކޮށް ހިތައިގެން ލިބޭނެ އެއްވެސް ދެރައެއް ނޯންނާނެ. އެއީ އަހަރެމެންގެ ރިޒްޤް އިތުރު ކުރައްވާނެ ފަހި މަގެކޭ. ރަނގަޅަށް ވިސްނަބަލަ." އަނޫޝާ ޒައިދްއަށް ވިސްނައިދެމުން ދިޔައެވެ. އެ ވަގުތު ޒައިދް، އިތުރަށް އެއްވެސް ވާހަކައެއް ދައްކާހިތެއް ނުވިއެވެ. ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

" ކޮން ވަޒީފާއެއް ހަމަޖެހުނު ވާހަކަތަ ބުނީ؟" އަނޫޝާ ސުވާލު ކުރީ ކުއްލިއަކަށް ހަނދާންވި ކަހަލަ ގޮތަކަށެވެ.

" މި ރަށުގެ ދޯނިޔާޑުގެ ސެކިޔުރިޓީ ބަލަހައްޓަން އިއުލާންކޮށްފައި އޮތީމަ ހިތަށް އެރީ، އެ ކަހަލަ ވަޒީފާގަނޑެކޭ ދެން ލިބޭނީ. މުސާރަ ވެސް ގޯހެއް ނޫނޭ. 12 ހާސް ލިބޭނެ. ރަށްފުށުގައި އެ ވަރު މަދެއް ނޫނެއްނު." ޒައިދް ބުންޏެވެ.

ޒައިދްގެ ޖުމްލައިން އަނޫޝާ އިންތިހާއަށް އުފާވެއްޖެއެވެ.

" އަވަހަށް ސިޓީ ލާންވީއެއްނު. ވަރަށް ގިނަ މީހުން އެޕްލައި ކުރާނެ. އިންޝާﷲ ޒައިދްއަށް ތި ވަޒީފާ ލިބޭނެ." އަނޫޝާ ބުނެލިއެވެ.

އެ ވަގުތު ޒައިދްއަށް ހިނިތުންވެވުނީ ބޯ ޖަހާލަމުންނެވެ.

ކަންނެތް ގޮތަކަށް އޮށޯވެލައިގެން އޮތް ޝިކާ ބަލަމުން ދިޔައީ، ފާރުގައި ހަރުކޮށްފައި ހުރި ޝިކާއާއި އަކްރަމްގެ ރީތި ފޮޓޯގަނޑަށެވެ. އަކްރަމްގެ ވަރުގަދަ ދެ އަތުން ޝިކާގެ މުޅި ހަށިގަނޑު ފޮރުވާލައިފައި ހުރި ކަހަލައެވެ. ދެ މީހުންގެ މޫނުމަތީގައި ވެސް ވަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. އެއީ ކައިވެނި ކުރި ދުވަހު އެ ކޮޓަރީގައި ދެ މީހުން ނެގި ފޮޓޯއެކެވެ.

ޝިކާގެ މޫނުމަތީގައިވާ އެ އުފާވެރިކަމެއް މިހާރަކު ނެތެވެ. އެ ދެ ލޮލުގައިވާ އުއްމީދުގެ ވިދުމެއް މިހާރަކު ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާގެ ސިކުނޑި އޮތީ ވަރުބަލި ވެފައެވެ. ހިތް ވަނީ މޮޅިވެފައެވެ. ބޭރު ދަތުރަށް ފަހު، އެ ދެ މީހުންގެ ދެމެދަށް ދުރުކަމެއް ވެރިވެއްޖެކަން ޝިކާއަށް އިހްސާސް ވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަކްރަމްގެ އުޅުން ތަފާތު ވެއްޖެއެވެ. ގޭގައި ހޭދަ ކުރާ ވަގުތަށް ވުރެ، ބޭރުގައި އުޅޭ ވަގުތުތައް ގިނަވެ ޝިކާ ބާކީ ވާކަން އިހްސާސް ކުރެވިއްޖެއެވެ.

މަޑުމަޑުން ޝިކާއަށް މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެ ތަނުގައި މުޅިން ވެސް ހުރީ މީގެ ކުރިން އޭނާއަށް ދުވަހަކު ވެސް ފެނިފައި ނުވާ ފަދަ އަގުހުރި ރީތި އެއްޗެއްސެވެ. ނަމަވެސް ފުރަތަމަ ފަހަރަށް، އެ ކޮޓަރިއަކީ ފޫހި ތަނެއްގެ ގޮތުގައި އިހްސާސް ކުރެވުނެވެ. އޭނާއަށް ފެނުނީ އެއީ ދިރުން ނެތް ފަޅު ތަނެއްގެ ގޮތުގައެވެ.

ފިކުރުތަކުގައި އޮއްވާ ޝިކާ ސިހުނީ އެތެރެއަށް ވަތް އަކްރަމް ފެނުމުންނެވެ. އަކްރަމްގެ ނަޒަރު އަމާޒުވެފައި ހުރީ ސީދާ ޝިކާއަށެވެ. ނަމަވެސް ޝިކާއަކަށް ހިނިތުންވެލާނެ ހިތްވަރެއް ވެސް ނުލިބުނެވެ. ދުރުގައި ހުރި އަކްރަމް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށީ ވެސް، ދަހިވެތި ގޮތަކަށް ޝިކާއަށް ބަލަން ހުރެއެވެ. ބޭއިހްތިޔާރުގައި ޝިކާއަށް ހިނިތުން ވެލެވުނެވެ.

" މިރޭ ޝޮފިންއަށް ދާން ތައްޔާރު ވައްޗޭ." އަކްރަމް ބުނެލިއެވެ.

ޝިކާ ބޯ ޖަހާލިއެވެ. އޭރު އަކްރަމް އައިސް އެނދުގައި އިށީނދެއްޖެއެވެ. ނަމަވެސް ޝިކާ ހަމަ ގުޑިވެސް ނުލައި އޮތީއެވެ.

" ހާދަ ފޫހިވެފަ ތި އޮތީ؟ " އަކްރަމް ބުންޏެވެ.

އެއާއެކު ޝިކާ ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލައިފިއެވެ. އަދި އިސްޖަހާލައިގެން އިނދެ ވާހަކަ ދައްކަން ފެށިއެވެ.

" އަކްރަމް. އަހަރެން މިހާރު މިހެން އަބަދު ގޭގައި އިނދެއިނދެ ފޫހިވެއްޖެ. އަކްރަމް ތި ދާ ތާކަށް ކީއްވެތަ އަހަރެން ނުގެންދަނީ؟ އަހަރެން ބޭރަށް ގެންދަނީ ވެސް ކާރުގައި. " ޝިކާ ބުންޏެވެ.

އެވަގުތު އަކްރަމް ޝިކާއާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. އަދި މަޑުމަޑުން ޝިކާގެ އަތުގައި ހިފާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. އޭރު އަކްރަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

" ޝިކާ. އަހަރެން މިހާރު އެހާ ބިޒީ ވެގެން މި އުޅެނީ ކީއްވެގެންކަން އެނގޭނަމަ ޝަކުވާއެއް ނުކުރާނެ. " އަކްރަމް ބުނެލިއެވެ.

" ޝަކުވާ ނުކުރަން ނިންމައިގެން އަހަރެން މި ހުންނަނީ. އެކަމަކު މާ ބޮޑަށް ފޫހިވާތީ މިހެން ބުނެވުނީ. " ޝިކާ ބުންޏެވެ.

" އަހަންނަށް ވެސް އެނގެޔޭ އަހަރެން ނުރުހޭ ކަންތައްތައް ޝިކާއެއް ނުކުރާނެކަން." އަކްރަމް ބުނެލިއެވެ. އެ ވަގުތު ޝިކާއަށް ލުއި ގޮތަކަށް ހިނިތުންވެލެވުނެވެ.

" އަހަރެން މި އުޅެނީ ވިޔަފާރިއެއް ފަށަން ވެގެން. ބައްޕަގެ ގޭގެ ގްރައުންޑް ފްލޯގައި ޝޮޕިންމޯލްއެއް ހަދާނީ. އޭރުން އިތުރަށް ލާރި ލިބޭނެ ކޮޅެއް އޮންނާނެ ދޯ." އަކްރަމް ބުންޏެވެ.

ޝިކާ އިނީ ކަޅި ޖަހައިނުލާ އަކްރަމްގެ މޫނަށް ބަލަހައްޓައިގެންނެވެ. ޝިކާ އިން ގޮތުން އަކްރަމްއަށް އުނދަގޫ ވެގެން ޝިކާއާ ސުވާލު ކުރަން ފެށިއެވެ.

" ކިއްވެތަ ހާދަ ގޮތަކަށް ތި ބަލަނީ؟ ހީވަނީ އަހަންނަށް ބޮޑު ކުށެއް ކުރެވުނީހެން." އަކްރަމް ބުންޏެވެ.

އަނެއްކާ ވެސް ޝިކާއަށް ދުރަށް ބަލައިލެވުނެވެ.

" އަކްރަމްއަށް ލާރި ލިބެއެއްނު. ކީއްކުރަން ދެން އިތުރު ވިޔަފާރިއެއް ފަށަނީ؟ ތިކަމުގެ ސަބަބުން އަނެއްކާ ވެސް އަހަންނަށް ދޭން ޖެހޭ ވަގުތު ދިނުން މަދުވާނީ. " ޝިކާ ބުންޏެވެ.

އެ ވަގުތު އަކްރަމް ޗޮކެއް ކަނޑާލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލަމުން ބޮޑު ހިނިގަނޑެއް ޖަހާލިއެވެ.

" ލާރިއަކީ ގިނަވާ އެއްޗެއްތަ؟ އަހަރެން ވިޔަފާރިއެއް މި ފަށަނީ ބޭރު ގައުމެއްގައެއް ނޫނޭ. ހަމަ މި ފަސްގަނޑުގައޭ. ޝިކާ ބޭނުންވާ ކޮންމެ ހިނދެއްގައި އަހަންނަށް ހަމަ އާދެވޭނެއެއްނު. އެހެން ނޫނަސް އަހަރެން އެ ތަނަށް މުވައްޒަފުން ހޯދާނަމޭ. ދެން ތި ބުނަނީ އަހަރެން ވަގުތު ދިނުން މަދު ވާހަކަ. އިރުއިރުކޮޅުން ބޭރަށް ދިޔަސް، އަހަރެން މުޅިން ވެސް އުޅެނީ ގޭގައެއްނު." އަކްރަމް ބުންޏެވެ.

" އަކްރަމް ގޭގައި އުޅެޔޭ. އެކަމަކު... އަހަންނަކަށް އަކްރަމް ގޭގައި އުޅޭކަމެއް އިހުސާސެއް ނުވެ. " ޝިކާއަށް ބުނެވުނީ ބާރަށެވެ.

" ތި ބުނީ؟" ހައިރާންވެފައި އަކްރަމް ސުވާލު ކުރިއެވެ.

" މި ބުނީ އަކްރަމް ގޭގައި އުޅުނަސް އަބަދު އިންނާނީ ލެޕް ހިފައިގެން ނޫނީ ކޮންމެވެސް ފޯނެއްގައި. އަކްރަމްއަށް އަހަރެން ފެންނާނީ ހަމައެކަނި އެނދަށް އަރަން ވީމަ." ޝިކާ އެހެން ބުނެ އެނދުން ފުންމާލައިގެން ގޮސް ސިޓިންރޫމަށް ނިކުމެއްޖެއެވެ.

އޭނާ ގޮސް ސޯފާގައި އިށީނދެލީ ވަރަށް ބޮޑަށް ރުޅި ގަދަވެގެންނެވެ. ނަމަވެސް ފަހަތުން އަކްރަމް އަންނާނެ ކަމަށް އޭނާ އުއްމީދު ކުރިއެވެ. އެތައް އިރެއް ވީ އިރު ވެސް އަކްރަމްއެއް ނައެވެ. އެންމެ ފަހުން ޝިކާ ގޮސް އަނެއްކާ ވެސް ކޮޓަރިއަށް ވަނީއެވެ. އޭރު ވެސް އޭނާ ހުރީ އަކްރަމްދެކެ އިންތިހާއަށް ރުޅި ގަދަވެފައެވެ.

އަރާމުކޮށް ނިދާފައި އޮތް އަކްރަމް ފެނި، ޝިކާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ސިކުނޑިތެރޭގައި އުފެދެމުންދާ ހިޔާލުތައް އޭނާއަށް އުނދަގޫ ކުރަމުން ދާއިރު، އަކްރަމް ނިދާފައި އޮތުމުން އޭނާއަކަށް ކެތެއް ނުކުރެވުނެވެ. އޭރު ޝިކާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

" އަކްރަމް..." ޝިކާގެ ބާރު އަޑަށް އަކްރަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. އޭރު އޭނާގެ ދެ ލޯ ހުރީ ބޮޑުވެ، ބިރުގެންފައެވެ. އަކްރަމްއަށް ބޯ ހިއްލައިލެވުނެވެ.

އޭރު އެނދު ކައިރީގައި ހުރި ޝިކާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެނުމާއެކު އަކްރަމް އަނެއްކާ ވެސް އޮށޯވެވުނެވެ.

" ތެދުވޭ. " ބާރުބާރަށް ޝިކާ އެހެން ބުނީ އަކްރަމްގެ ގައިމަތީ އޮތް ބްލޭންކެޓް ނަގަމުންނެވެ.

އެއާއެކު އަކްރަމް ވެސް ރުޅި އަތުވެއްޖެއެވެ. އޭނާ ފުންމައިގެން ތެދުވެ ޝިކާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

" މޮޔަވެގެންތަ ތި އުޅެނީ؟ މި ދަންވަރު މީހުންގެ ނިދި ހަލާކު ކުރާނެ ކަމެއް ނެތް. ޝިކާއެއްނު ރުޅި އައިސްގެން ދިޔައީ." އަކްރަމް އެހެން ބުނެ އެނދުން ފޭބިއެވެ.

" އާނ. އަހަރެން މިހާރު މޮޔަވެއްޖެ. ހަނީމޫންއިން އައި ފަހުން އަކްރަމް މުޅިން ބަދަލު ވެއްޖެ. އަހަންނަކީ ގޭގައި ބަހައްޓާފައި ހުންނަ ކުޅޭއެއްޗަކަށް ވެއްޖެ. " ޝިކާ ވާހަކަ ދެއްކީ ރޮމުންނެވެ.

" ޕްލީޒް ޝިކާ. އަހަރެން ބުނެފީމެއްނު އަހަރެންގެ ޕްލޭޭން. އަހަރެން އެކަމަށް މަސައްކަތްތަކެއް އެބަ ކުރަމޭ. ކޮންމެ ކަމެއް އެހާ ތަފްސީލްކޮށް މަށަކަށް ކިޔައެއް ނުދެވޭނެ." އަކްރަމް ވާހަކަ ދެއްކީ ޝިކާއަށް ފުރަގަސްދީގެން ހުރެއެވެ.

" ލޯތްބަށް ގަދަރު ނުކުރާ. ލޯތްބަށް ނަފްރަތު ކުރާ މީހެކޯ މި. އެކަމަކު މިހާރު އަހަންނަށް ހީވަނީ ކޮންމެވެސް މީހަކު ދެކެ ލޯބި ވެގެން އެމީހަކާ ހިތާވެގެން އެ މީހަކު ކައިރީގައި ހެން ހަތަރުދަމު އުޅެނީ." ޝިކާ ބުނެލީ އަޑަށް ބާރު ލައިފައެވެ.

އެއާއެކު އަކްރަމް ނުހަނު ބާރަށް ޝިކާގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. އެ ވަގުތު ވީ ތަދުން ޝިކާއަށް ދެ އަތުން މޫނުގައި ހިފަހައްޓާލެވުނެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)