ކުރީގެ އަދަދާއިގުޅޭ:

" އެކަމަކު... އަހަރެންގެ ހިޔާލެއް ހޯދާލި ނަމަ. އަހަރެން ހެޕީ ނުވަނީ ކީއްވެކަން އަކްރަމްއަށް އެނގެއެއްނު. އަހަރެމެން ދެ މީހުން އެކަނި ގެސްޓްހައުސްއަކަށް ދިޔަނަމަ މިހެން ނުވީހެއްނު." ޝިކާ ބުނެލިއެވެ.

Ad
rt

އެއާއެކު އަކްރަމް ކޮޅަށް ތެދުވެއްޖެއެވެ. އަދި ދެ ފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ކޮންމެ ކަމަކަށް ދެ މީހުންގެ ހިޔާލު މުހިއްމެއް ނުވާނެ. " އަކްރަމް ބުންޏެވެ.

އަކްރަމް އެހެން ބުނުމާއެކު ޝިކާއަށް ހީވީ ދުލުގައި ތަޅު އެޅުނު ހެންނެވެ. އަކްރަމް ހިތްހަމަ ނުޖެހުނީކަން ޝިކާއަށް ޔަގީން ކުރެވުނެވެ. ޝަކުވާ ކުރަން ބޭނުންވި ނަމަވެސް ވާހަކަ ގިނަ ކުރާކަށް ޝިކާ ބޭނުމެއް ނުވިއެވެ.

" އަނޫ ކީއްކުރަން އަހަރެން އެހެން ބުނި ވާހަކަ މަންމަމެން ގާތު ބުނީ؟" ޒައިދް ބުންޏެވެ.

ޒައިދް ހުރީ އަނޫޝާ އެކަނި ވާނެ ވަގުތަކަށް ބަލަބަލައެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަަމަ ނުޖެހިފައެވެ. އަނޫޝާއަށް ޒައިދްގެ ސުވާލުގެ އަޑު އިވުނު ނަމަވެސް އޭނާ އިނީ ޖަވާބު ދޭން ބޭނުން ނުވެފައި ކަހަލަ ގޮތަކަށެވެ. ތައްޓަށް އެޅި ބަތްކޮޅު ހާކާލަ ހާކާލާ އޭނާ އިނީއެވެ.

" އަނޫ. އަހަރެން އެބަ ވާހަަކަ ދައްކަމޭ. " ޒައިދް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު އަނޫޝާ އިސް އުފުލައިލުމަށްފަހު ޒައިދްއާ ދިމާލަށް ބަލައިލިއެވެ. އެ ވަގުތު އަނޫޝާގެ ދެ ލޮލުން ވެސް ނުރުހުންތެރިކަމުގެ އަސަރުތައް ޒައިދްއަށް ފެނުނެވެ.

" އަހަންނަށް އަޑު އިވެޔޭ. " އަނޫޝާ ބުންޏެވެ.

" އަޑު އިވޭނެކަން އެނގެޔޭ. އަހަރެން ބޭނުންވަނީ އަނޫގެ ޖަވާބު. ކީއްކުރަން މަންމަމެން ކުރިމަތީގައި އަހަރެމެންގެ ޕާސަނަލް ވާހަކަތައް ދައްކަނީ؟" ޒައިދް އަނެއްކާ ވެސް އެހިއެވެ.

ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނޫޝާއަށް ޒައިދްގެ ދެ ލޮލަށް ބަލައިލެވުނީ ވެސް ފުން ނަޒަރަކުންނެވެ.

" އަހަރެން އެ ވާހަކަ މަންމަމެން ކައިރީ ބުނީ، މާބަނޑު އިރު އަހަރެން ކައިބޮއި ހަދާނެ އެއްޗެހި ދޭން ޒައިދްއަށް ނުލިބުނަސް، މި ދަރިފުޅަށް ބޭނުންވާނެ އެއްޗެހި ޒައިދްއަށް ހޯދައި ނުދެވުނަސް އަދި... އަދި ޒައިދް މި ދަރިފުޅު ބޭނުން ނުވިޔަސް އަހަރެންގެ މައިންބަފައިން މި ދަރިފުޅު މަރާލާކަށް ބޭނުމެއް ނުވާނެކަން ޒައިދްއަށް އަންގައިދޭން. " އަނޫޝާ ބުންޏެވެ.

އެއާއެކު ޒައިދްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެެވެ.

" އަހަރެން ފަޟީޙަތްކޮށްލީއެއްނު." މާޔޫސްވެރި ރާގަކަށް ޒައިދް ބުނެލިއެވެ. އެ ވަގުތު އަނޫޝާ އެއްމިޔަކަނުން ހީލަމުން ފެންތަށި ކައިރިކޮށްލިއެވެ.

" ފަޟީޙަތެއް ނުވެއެއްނު. މި ދަރިފުޅު ވައްޓާލާށޭ ބުނި ވާހަކަ އަހަންނެއް ނުބުނަން. ހަމައެކަނި އަހަރެން ބުނެލީ އަހަރެން ބަލިވެ އިނީމަ ޒައިދް ކަންބޮޑުވި ވާހަކަ. މިހާރު އެނގިއްޖެއެއްނު ޒައިދް އުފާ ނުވިޔަސް އުފާވާނެ ބަޔަކު ތިބިކަން." އަނޫޝާ އެހެން ބުނެ، ކާން އިން ތަށި ހިފައިގެން ތެދުވެއްޖެއެވެ.

މީގެ ކުރިން ދުވަހަކު ވެސް އަނޫޝާ އެގޮތަށް އަމަލެއް ނުކުރެއެވެ. ޒައިދްއަށް ވުރެ ކުރިން އޭނާ މޭޒު ކައިރިން ނުތެދުވާނެއެވެ. ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާ ސަމާލުކަން ދޭނީ ވެސް ޒައިދްއަށެވެ. އަނޫޝާއަށް ބަދަލުތަކެއް އަތުވެއްޖެކަން ޒައިދްއަށް ޔަގީން ކުރެވުނީ، ޒައިދް ކައި ނުނިމެނީސް އަނޫޝާ އަތް ދޮވެގެން، ކާގެއިން ނިކުމެގެން ދިޔައީމައެވެ. އެ ވަގުތު ބުނެދޭން ނޭނގޭ ކަހަލަ އަސަރުތަކެއް ޒައިދްގެ ހިތަށް ވެރިވިއެވެ. ދެރަވެ ހިތުގައި ވެސް ޖެހުނެވެ. ނަމަވެސް ޖަޒްބާތުތައް ސިއްރުކޮށްގެން އިނދެ އޭނާ ބެލީ، ހަމަޖެހެވޭތޯއެވެ.

" ދެން ހަމަ ކުއްލިއަކަށް ތިހެން ދިޔައީމަ އަހަރެން ކިހާ ދެރަވާނެ." ކިޑީ ބުނެލިއެވެ.

" އެހެން ފަހަރަކުން އަދި އަންނާނަމޭ. އެޕާޓްމަންޓަކުން ބަޔަކު ނިކުންނަން ބޭނުން ވެގެން އުޅޭތީވެ، އެކަމާ މި ދަނީ އެހާ އަވަހަށް. ދަތުރު ކުރުކޮށްލަން ޖެހުނީ." އަކްރަމް ބުންޏެވެ.

އަކްރަމް އެހެން ބުނުމާއެކު ޝިކާއަށް ބަލައިލެވުނީ އަކްރަމްގެ މޫނަށެވެ. ޝިކާއާ ޖެހުނު މައްސަލަތައް ކިޑީއާ ހިއްސާ ނުކުރީތީ މި ފަހަރު ޝިކާ އުފާވެއްޖެއެވެ.

" އޯކޭ ދެން. އަދި އަންނަން ވާނެ ޝިކާ ވެސް." ކިޑީ ބުނެލިއެވެ.

އޭރު އަކްރަމް ހުރީ ޓްރޯލީ ހިފައިގެން، ލަސްވެފައި ކަހަލަ ގޮތަކަށެވެ. ކިޑީގެ ޖުމްލައަސް ރައްދެއް ނުދީ ޝިކާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

" ކީއްވެ ކިޑީއާ ވާހަކަ ނުދެއްކީ؟" ދޮރުން އެތެރެވުމާއެކު އަކްރަމް ސުވާލު ކުރިއެވެ.

" އޭނަގެ ސަބަބުން މި ދަތުރު ފަނި ވީ. އެހެންވެ އަހަރެން މި ހުރީ ވަރަށް ފޫހިވެފަ." ޝިކާ ޖަވާބު ދިނެވެ.

" ޝިކާ ތިހެން ނުވިސްނަބަލަ. ކިޑީއާ މަށާ މެދު އެއްވެސް ގުޅުމެއް ނޯންނާނެޔޭ. ކިޑީއަކީ ސަމާސާ މިޒާޖެއްގެ ކުއްޖެއް. އޭނަ އެހެން ގާތްކޮށް އުޅުނަސް އަހަރެން މާ ބޮޑު ކަމަކަށް ނަހަދަމޭ ބުނެފީމެއްނު ކިތަންމެ ފަހަރަކު." އަކްރަމް އުޅުނީ އަދިވެސް ޝިކާއަށް ވިސްނައިދެވޭތޯއެވެ.

" ދެން އެންމެ ރަނގަޅޭ. އެކަންތައް އެ ނިމުނީނު. ހަނީމޫން ދަތުރު ވެސް މި ނިމުނީނު." ޝިކާ ބުންޏެވެ.

" އަހަރެން އަބަދުވެސް ބުނަން ޝަކުވާ ކުރަންޏާ ފޫހިވެޔޭ. ޝިކާ ބޭނުންވާ ކޮންމެ އެއްޗެއް އަހަރެން ދޭއިރު ޝިކާ ޝަކުވާ ކުރަންޖެހޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ." އަކްރަމް ބުންޏެވެ.

އެ ޖުމްލައަކީ އަބަދާއަބަދު އަކްރަމް ޝިކާއަށް ހަނދާންކޮށްދޭ ޖުމްލައެކެވެ. އެ ހިސާބުން ޝިކާއަށް ވެސް ޖެހެނީ ޒުވާބު މެދުކަނޑާލާށެވެ. އިތުރަށް ޝިކާއަށް ދެއްކޭނެ ވާހަކައެއް ވެސް ނެތް ކަހަލައެވެ.

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އަނޫޝާ އޮތީ ކޮޓަރީގައެވެ. އޭނާގެ އަތުގައި އޮތީ ދުޢާ ފޮތެކެވެ. ޝައުގުވެރިކަމާއެކު އަނޫޝާ ފޮތަށް ނަޒަރު ހިންގަމުން ދެއެވެ. އެ ވަގުތު ކުއްލިއަކަށް ޒައިދް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއާއެކު އަނޫޝާ މަޑުމަޑުން، ބިއްދޮށަށް އެނބުރިލިއެވެ. ހީވާ ގޮތުން ޒައިދްއާ ވާހަކަ ދައްކަން ވެސް އޭނާ ބޭނުން ނުވަނީއެވެ. ދޮރުކައިރީ ހުރި ޒައިދް އިރުކޮޅެއް ވަންދެން އަނޫޝާއަށް ބަލަން ހުރެ، ގޮވާލިއެވެ. ނަމަވެސް އަނޫޝާ ބަލައެއް ނުލިއެވެ.

" އަހަރެން ވަޒީފާއަކަށް ދާން ވެގެން." ޒައިދް ބުންޏެވެ.

އެ އަޑު އިވުނު ނަމަވެސް އަނޫޝާގެ ފަރާތުން އެއްވެސް ރައްދެއް ޒައިދްއަކަށް ނުލިބުނެވެ. އެހެންވެ، ޒައިދް މަޑުމަޑުން ގޮސް އެނދުގައި އިށީނދެ އަނޫޝާގެ ގައިގައި އަތް ޖައްސާލިއެވެ.

" އަނޫ. އަހަރެން ބުނި އެއްޗެއް އިވުނުތަ؟" ޒައިދް އެހިއެވެ.

" ހޫމް." އަނޫޝާ ދިނީ ކުރު ޖަވާބެކެވެ.

" ދެން ކީއްވެ އެއްޗެއް ނުބުނީ؟" ޒައިދް އަނެއްކާ ވެސް އެހިއެވެ.

" ކީކޭ އަހަރެން ބުނަންވީ؟ ޒައިދް ބޭނުން ގޮތަކަށް އުޅުނީމަ ހުންނާނީ ރަނގަޅަށް." އަނޫޝާ ބުނެލިއެވެ.

" އަނޫ. ދެން އަދިވެސް ރުޅި އައިސްފައިތަ؟ އަހަރެން ދަނީ ކޮން ވަޒީފާއަކަށްތޯ ވެސް ނާހާނަންތަ؟" ޒައިދް ބުންޏެވެ.

" އަހަރެން ބޭނުމެއް ނޫން ދޮގު ހަދާކަށް. އަދިވެސް އެކަމާ އަހަރެން ހިތްހަމައެއް ނުޖެހެޔޭ. އަހަންނަށް އަބަދު އެ އަޑު އިވޭ ކަހަލަ. މި ދަރިފުޅު ވައްޓާލަން ބޭސް ގެންނަންތޯ އެހި އަޑު ހީވަނީ އަބަދު އިވޭހެން." އަނޫޝާ އެހެން ބުނި އިރު އޭނާގެ އަޑު ހުރީ ކުރަކި ވެފައެވެ.

އަނޫޝާ ދެއްކި ވާހަކަތަކުން މި ފަހަރު ޒައިދް ދެރަވެއްޖެއެވެ. އޭނާ މަޑުމަޑުން ގޮސް އެނދުގެ މަގަތުގައި އިށީނދެލިއެވެ.

" ސޮރީ." ޒައިދް ބުންޏެވެ.

ނަމަވެސް އަނޫޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ އަޅައިނުލާ އޮތުމުން ޒައިދް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ބުނެފީމެއްނު ސޮރީއޭ. ދެން ކީއްވެތަ ގޮތްދޫ ނުކުރަނީ؟ އެއްވެސް ޕްލޭންއެއް ނެތި ޕްރެގް ވީމަ އަހަރެން ޖެހިލުން ވީ. އަހަންނަށް ޒިންމާ އުފުލޭނެކަމާމެދު ޝައްކު އުފެދުނީ. އެހެންވެ އެކަހަލަ ވާހަކަ އަހަންނަށް ދެއްކުނީ ވެސް." ޒައިދް ބުންޏެވެ.

" އެކަމަކު ޒައިދްގެ ހިތަށް އެކަހަލަ އެއްޗެއް އެރީތީ އަހަރެން ހަމަ ހައިރާންވޭ. ކައިރިކައިރީގައި އަހަރު ދެކޮޅު ވިހާ މީހުން ވެސް އުޅެޔޭ. " އަނޫޝާ ވާހަކަ ދެއްކީ އެނދުން ތެދުވަމުންނެވެ. އޭނާގެ އަޑާއި ރާގުން އަދިވެސް އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން ޒައިދްއަށް ޔަގީން ކުރެވުނެވެ.

ހަމަ އެެ ވަގުތެވެ. ދޮރުގައި ޓަކި ޖަހާލަމުން އިފާޝާ ގޮވާލި އަޑު އިވުނެވެ. އަނޫޝާ ގޮސް ދޮރު ހުޅުވުމާއެކު އިފާޝާ ވާހަކަ ދައްކަން ފެށިއެވެ.

" ދޮންތަބޭ ހޯދަން މީހަކު އައިސް އެބަހުރި." އިފާޝާ ބުންޏެވެ.

" ކާކު؟" އަނޫޝާ އެހިއެވެ. އޭރު ޒައިދް ވެސް ތެދުވެގެން އައިސް ދޮރުމައްޗަށް އަރާ ހަމަވެއްޖެއެވެ.

" ނޭނގެ. ބައްޕަ އެބަ ގޮވާ." އިފާޝާ ދެ ކޮނޑު އުފުލައިލަމުން އެހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ޒައިދްއާއެކު އަނޫޝާ ވެސް ނިކުތެވެ. އޭރު ބޭރު ޖޯލިފަތީގައި ރާމިޒާއާއި ވަފީގެ އިތުރުން ނުދަންނަ ފިރެހެނަކާއި ޒުވާން އަންހެން ކުއްޖަކު އިނެވެ. އަނޫޝާއަށް ބީރައްޓެހި ގޮތަކަށް އެ މީހުންނާ ދިމާލަށް ބަލައިލެވުނެވެ.

" ޒައިދު. " ޖޯލީގައި އިން ދޮށީ އުމުރުގެ ބޭބެ ޒައިދްއަށް ގޮވާލި އިރު، ޒައިދްގެ މޫނުމަތިން ފެންނަނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ. އެ އަންހެން ކުއްޖާއާ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ނުހަނު ކަންބޮޑުވެފައެވެ.

" ޖަނާގެ މަންމަ ނިޔާވީމަ، ޖަނާ ބޭނުންވީ ޒައިދު ކައިރިއަށް އަންނަން. މީނައަށް އަޅާލާނެ އިތުރު މީހަކު ދެން ނެތެއްނު." ޒަކީބޭ ބުންޏެވެ.

ޒަކީގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް ޖަނާ ވާހަކަ ދައްކަން ފެށިއެވެ.

" ޒައިދްބޭ. މަންމަ ބުނީ މަންމަ ނެތް ދުނިޔެއެއްގައި ޒައިދްބެ ކައިރިއަށް ދާށޭ. އަހަރެމެން އެކަނި ވީ ދުވަހު ޒައިދްބެ އޭ އަހަރެމެންނަށް އެހީތެރިވެދިނީ. " ޖަނާ ބުނެލީ ޖޯލިފަތިން ތެދުވަމުންނެވެ.

" ދޮންމަންމަ ނިޔާވީތަ؟" ހައިރާންވެފައި ޒައިދްއަށް ބުނެވުނެވެ.

އެއާއެކު އަނޫޝާއަށް ސިހިފައި ޒައިދްގެ މޫނަށް ބަލައިލެވުނެވެ. ޖަނާއަކީ ޒައިދްގެ ދޮންމަންމަގެ ދަރިއެއްކަން ވެސް އަނޫޝާއަށް އެ ވަގުތު އެނގުނެވެ.

" މަންމަ ނިޔާވި ފަހުން ހަފްތާއެއް ވެއްޖެ. އަހަރެން މި އުޅުނީ ވަރަށް ހާލުގައި. ޒައިދްބެ ވީ ތަނެއް ނޭނގިގެން ވަރަށް ގިނަ މީހުން ކައިރިން އެހީމަ އެނގުނީ މިރަށުގައިކަން އުޅެނީ. އަނެއްކާ... އަހަރެން އައީމަ އުނދަގޫވާނެތަ؟" ޖަނާ އެހެން ބުނުމަށްފަހު އަނޫޝާއަށް ބަލައިލިއެވެ.

" އެކޮއި ދެން ބޭބެ ދަނިއްޔޭ. ފުރަން ލަސްވާނެ އެއްނު." ވަފީބޭ އެހެން ބުނުމަށްފަހު އަވަސް އަވަހަށް ހިނގައިގަތެވެ.

ޒައިދްގެ މޫނުމަތިން ފެންނަމުން ދާ ނުތަނަވަސްކަމުގެ ސަބަބުންް އަނޫޝާ ކަންބޮޑު ވެއްޖެއެވެ. އިތުރު ޒިންމާއެއް އުފުލޭ ވަރަށް ވުރެ ޒައިދްގެ އަތްމަތި ދަތިކަން ވެސް އަނޫޝާއަށް އެނގެއެވެ. ޒައިދް ކަންބޮޑުވަނީ އެހެންވެކަން ވެސް އަނޫޝާއަށް ޔަގީން ކުރެވުނެވެ.

" ކީއްވެ އުނދަގޫވާންވީ؟ އަހަރެންގެ ކޮއްކޮ އިފާޝާގެ ކޮޓަރީގައި ޖަނާއަށް ހުރެވޭނެ. އަދި އަހަރެމެން ކައިބޮއި އުޅޭ އެއްޗެހިން ކެވޭނެ. " އަނޫޝާ ބުނެލިއެވެ.

އެއާއެކު ރާމިޒާ ވެސް އަނޫޝާއަށް ހިތްވަރު ދިނެވެ.

" އާނ. ޒައިދްގެ ކޮއްކޮއަކަށް ވަންޏާ އަހަރެމެން އަޅައިނުލައެއް ނުތިބޭނެއެއްނު. އަހަރެމެންނާ ގުޅިގެން މި ގޭގައި އުފަލުގައި އެކޮއި އުޅެން ވީ. " ރާމިޒާ ބުނެލިއެވެ.

އެ ވަގުތު ޖަނާ ވަގު ލޮލަކުން ޒައިދްގެ މޫނަށް ބަލައިލިއެވެ. އޭރު ވެސް ޒައިދްގެ މޫނުމަތީގައިވާ ނުތަނަވަސްކަން ޖަނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.

" އާދޭ އަހަންނާއެކު ކޮޓަރިއަށް ދާން. ދަތުރު ކޮށްފައި އައީމަ ވަރަށް ވަރުބަލި ވާނެއެއްނު" އަނޫޝާ ބުންޏެވެ.

އެ ވަގުތު ޖޯލީގައި އޮތް ދަބަސް ހިފައިގެން ޖަނާ، އަނޫޝާގެ ފަހަތުން ހިނގައިގަތެވެ. އޭރު ވެސް ޒައިދް ހުރީ އިށީންނަން ވެސް ނޭނގިފައި ކޮޅަށެވެ. އަނޫޝާމެން ގޮސް ގެއަށް ވަނުމާއެކު ހާސް ހިތަކައިގެން ޒައިދް ގޮސް ވަނީ ކޮޓަރިއަށެވެ.

" ޒައިދްގެ ބައްޕަ ވެސް ނިޔާވެއްޖެޔޭ ބުނީމެއްނު. ދޮންމަންމަގެ އާއިލާގެ މީހުންނެއް ނެތްތަ؟" ކޮޓަރިއަށް ވަތް ގޮތަށް އަނޫޝާ އެހިއެވެ.

އޭނާ ހުރީ ޒައިދްއާ އެކަނިވާނެ ވަގުތަކަށް ބަލަބަލައެވެ. އެނދުގައި ޖައްސާލައިގެން އޮތް ޒައިދްއަށް އަނޫޝާގެ ސުވާލަށް ޖަވާބުދޭން އުނދަގޫވި ކަހަލައެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)