" ލޯތްބަށް ގަދަރު ނުކުރާ. ލޯތްބަށް ނަފްރަތު ކުރާ މީހެކޯ މި. އެކަމަކު މިހާރު އަހަންނަށް ހީވަނީ ކޮންމެވެސް މީހަކު ދެކެ ލޯބި ވެގެން އެމީހަކާ ހިތާވެގެން އެ މީހަކު ކައިރީގައި ހެން ހަތަރުދަމު އުޅެނީ." ޝިކާ ބުނެލީ އަޑަށް ބާރު ލައިފައެވެ.
އެއާއެކު އަކްރަމް ނުހަނު ބާރަށް ޝިކާގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. އެ ވަގުތު ވީ ތަދުން ޝިކާއަށް ދެ އަތުން މޫނުގައި ހިފަހައްޓާލެވުނެވެ.
" ސޮރީ... ސޮރީ..." އަކްރަމް އަވަސް އަވަހަށް ބުންޏެވެ.
ބާރުބާރަށް އޭނާ ގޮސް ޝިކާގެ ގައިގައި ހިފައި އޭނާގެ ގަޔާލައި ފިއްތާލިއެވެ. އަދި ޝިކާގެ ބުރަކަށީގައި ފިރުމަމުން އެތައް ފަހަރަކު ސޮރީއޭ ބުނަމުން ދިޔައެވެ.
ކުއްލިއަކަށް ޝިކާ ތެޅިގަނެފައި އަކްރަމްގެ އަތުތެރެއިން ވީއްލިގެން ދުރަށް ދިޔައެވެ. އޭރު ވެސް އޭނާ ގިސްލައި ރޮމުން ދިޔައެވެ.
" ޝިކާ. އޭ. މަޑުކޮށްބަލަ. " އަކްރަމް ބާރުބާރަށް ގޮވީ ޝިކާ، ދޮރާ ދިމާލަށް ދުއްވައިގަތީމައެވެ.
ޝިކާގެ ފަހަތުން އަކްރަމް ވެސް ދުއްވައިގަތެވެ.
" ސޮރީއޭ. ގަސްތަކު ނޫނޭ. އަޅެ ޕްލީޒް. ސޮރީ." އަކްރަމް ބުނެލިއެވެ.
އޭނާ ޝިކާގެ އަތުގައި ހިފުމަށްފަހު އަނެއްކާ ވެސް މައާފަށް އެދުނެވެ.
" އަކްރަމް އަހަންނަށް އަނިޔާ ކުރާނެ ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރަން. " އަކްރަމްގެ އަތް ފޮޅުވާލަމުން ޝިކާ ބުންޏެވެ. އެއަށްފަހު ސިޓިންރޫމްގައި ހުރި ސޯފާގައި އޭނާ އިށީނީ ވަރުބަލިކަމާއެކުއެވެ.
" ޝިކާ އެހެން ބުނީމަ އަހަންނަށް ކޮންޓްރޯލް ނުކުރެވުނީ. އަހަންނަކީ ދުވަހަކު ވެސް މީހަކަށް އަނިޔާ ކުރާނެ މީހެއް ނޫން. އަނިޔާ ކުރާނެ ނަމަ، އަނިޔާކޮށްކޮށް މަރާލާ ވަރުގެ މީހަކު ވެސް އަހަރެންގެ ހަޔާތަށް އައޭ. " އަކްރަމް ބުނެލިއެވެ.
އޭރު އަކްރަމް ހުރީ ޝިކާގެ ކުރިމަތީގައި ކޮޅަށެވެ. ބޭއިހްތިޔާރުގައި އަކްރަމްއަށް ދޫކޮށްލެވުނު ޖުމްލައިން ޝިކާއަށް މަޑުމަޑުން ކޮޅަށް ތެދުވެވުނެވެ. މިހާރު ޝިކާ، އަކްރަމްއާ ދިމާލަށް ބަލަމުން ދާ ގޮތް ތަފާތު ވެއްޖެއެވެ. އަކްރަމްއަށް ބުނެވުނު ޖުމްލައިން ޝިކާ ހުރީ އިތުރަށް އެނގެން ބޭނުން ވެފައެވެ.
" ކާކު؟ އަހަންނަށް ވުރެ ކުރިން އަކްރަމްގެ ހަޔާތަށް އިތުރު މީހަކު އައިތަ؟" ޝިކާ އެހިއެވެ.
އަކްރަމް މަޑުމަޑުން ބޯ ޖަހާލިއެވެ.
" އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. އެއީ ދުވަހަކު ވެސް ހަނދާން ކުރަން ބޭނުން ނުވާ އަހަރެންގެ ހިތި މާޒީ." އަކްރަމް ބުންޏެވެ.
ނަމަވެސް ޝިކާ ހުރީ އެ ވާހަކަތައް އަޑުއަހަން ބޭނުން ވެފައެވެ. ފެށުނީއްސުރެން އަކްރަމްއަކީ ލޯތްބަށް ވަރަށް ނަފްރަތުކުރާ، އިތުބާރު ނުކުރާ މީހަކަށް ވީ، އެ ހިތި މާޒީގެ ސަބަބުންކަން ޝިކާއަށް މިހާރު ދެނެގަނެވިއްޖެއެވެ. އެހެންވެ އޭނާ އިތުރަށް ސުވާލު ކުރަން ފެށިއެވެ.
" އަންހެންކުއްޖަކު ބޭވަފާތެރިވީތަ؟" ޝިކާ އެދުނެވެ.
" ބުނެފީމެއްނު އެއީ އަހަރެން އެހާ ދައްކާ ހިތްވާ ވާހަކަތަކެއް ނޫނޭ. " އަނެއްކާ ވެސް އަކްރަމް އިންކާރު ކުރިއެވެ.
" އެކަމަކު އަހަރެން ހާދަ އަޑުއަހަން ބޭނުން ވެއްޖެޔޭ. ކިޔައިދީބަލަ." އާދޭހުގެ ރާގަކަށް ޝިކާ ބުންޏެވެ.
" އަހަންނަށް އެކަމުން އަރައިގަނެވުނީ ޝިކާއާ ބައްދަލްވީ ފަހުން. ޝިކާއާ އެކު މިހެން ދުވަސްތައް ހޭދަކުރުން ވެގެން ދިޔައީ އޭނަ މަތިން ހަނދާން ނައްތާލަން އަހަންނަށް ފަސޭހަވި ކަމަކަށް. ނޭނގި ނަމަވެސް އަހަންނަށް ޝިކާދެކެ ލޯބި ވެވުން. އެކަމަކު އެކަން އަހަރެން ގަބޫލުކުރަން ބޭނުން ނުވީ، ލޯތްބަކީ އަހަންނަށް އެއްވެސް އެއްޗަކަށް ނުވާތީވެ. " އަކްރަމް ބުންޏެވެ.
އެއާއެކު ޝިކާއަށް އަކްރަމްގެ ވާހަކަތަކަށް ޝައުގުވެރިވެވުނެވެ. އަކްރަމް އޭނާ ދެކެ ލޯބިވާ ވާހަކަ ބުނުމުން ހިތަށް އާދަޔާ ހިލާފް އުފާވެރިކަމެއް ވެސް ލިބުނެވެ. ނަމަވެސް އެ އުފާވެރިކަން ހާމަ ކުރުމަށް ވުރެ ބޮޑަށް އޭނާ ހުރީ އަކްރަމްގެ މާޒީ އެނގެން ބޭނުން ވެފައެވެ.
" އެއީ މީގެ ދެ އަހަރު ކުރި." އަކްރަމް ކިޔައިދޭން ފެށިއެވެ. އެއާއެކު ޝިކާއަށް ހީވީ އޭނާގެ ކުރިމަތިން އެ މަންޒަރުތައް ސިފަ ވާން ފެށިހެންނެވެ.
" ތާނިޔާ! އެއީ އަހަރެން އެންމެ ލޯބިވި އަންހެން ކުއްޖާ. އެއީ ރީތި ކުއްޖެއް. އެ ރީތިކަމުގެ ނިވަލުގައިވާ ކެހިވެރިކަން އޭރު އަހަންނަށް ވަޒަން ވެސް ނުކުރެވުނު. " އަކްރަމް އެހެން ބުނެ އެނދުގައި އިށީނދެލިއެވެ.
އަކްރަމްގެ އެ ޖުމްލަކުން ޝިކާ އިންތިހާއަށް ދެރަވިއެވެ. ނަމަވެސް ކެތްކޮށްގެން ހުރީ އަކްރަމް އެ ވާހަކަތައް ނިންމާނެ ވަގުތަކަށް ބަލަބަލައެވެ.
" އޭނަ އައީ އަހަރެންގެ އެޕާޓްމަންޓަކަށް ކުއްޔަށް. މަސް ނިންމާފައި އޭނަ އަހަންނަށް ގުޅީ. މި ބުނީ އިންވައިޓްކުރީ އެ ގެއަށް އައިސް ދިނުމަށް. ދެން އަހަރެން ވަރަށް ހައިރާންވި. ކުއްޔަށް އައިސް އުޅޭ މީހުން ދުވަހަކު ވެސް އެ ގޮތަކަށް އަހަންނަށް ގުޅައިގެން ނުގެންދޭ. ދެން އަހަރެން ވަރަށް ވިސްނާފައި އެ ގެއަށް ދިޔައީ. އެ ދުވަހު އޭނަ ލައިގެން ހުރީ ނިވާކަން ކުޑަ ކުރު ހެދުމެއް. ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް އުނދަގޫވީ ވެސް ހަމަ އެ ދުވަހު. " އަކްރަމް ބުންޏެވެ.
ވާހަކަ ކުރިއަށް ގެންދަން އުނދަގޫ ވެގެން އުޅޭހެން ވެސް ބައެއް ފަހަރު އަކްރަމްގެ ރާގު ހުންނަ ގޮތުން ހީވެއެވެ. ނަމަވެސް ޝިކާ ހިތްވަރުކޮށްފައި މަޑުމަޑުން ހުއްޓެވެ.
" އޭނަ އަހަރެން ކައިރީ އެދުނީ އޭނައާއެކު ކޮޓަރިއަށް ވަންނަން. އަހަރެން ހުރީ އިންކާރު ކުރަން ބޭނުން ވެފައި. އެކަމަކު ވެސް ނޭނގެ ކީއްވެކަމެއް ހަމަ ދާހިތްވީ. އަހަރެން އޭނަގެ އެދުމަށް އެ ކޮޓަރިއަށް ގޮސް ވަނިން. އެ ވަގުތު އަހަންނަށް ފެނުނީ އެނދުމަތީގައި އޮތް އޭނާގެ ބަލި މަންމަ. ފެންނަ ފެނުމަށް އެއީ ދެބައި އުމުރުގެ އަންހެނެއް. އޭރު ވެސް އެ އަންހެން މީހާ ވަރަށް ބަލިކޮށް އޮވެ ކެއްސާ. " އަކްރަމް ކިޔައިދެމުން ދިޔައެވެ.
" އެ ވަގުތު ތާނިޔާގެ ފަހަތުން އަހަރެން އަނެއްކާ ވެސް އެނބުރި ސިޓިންރޫމަށް ދިޔައިން. އެރޭ ތާނިޔާ އަހަންނާ ވާހަކަ ދެއްކީ ރޮމުން. ބުނީ މަންމަ ގޮވައިގެން ބޭސްކުރަން މާލެ އައި ތަނާ، މަންމަ އެނދުމަތިވީ ކަމަށް. އަދި ކޮންމެ މަހަކު ޑޮކްޓަރަށް ދައްކަން ޖެހޭ ވާހަކަ ބުނި. ބައްޕަ ވެސް މަންމަ ބަލިވީމަ ވަރިކުރި ވާހަކަ ބުނި. ދެން އެ މަހުގެ ކުލި ނުދެއްކޭނެ ވާހަކަ ބުނީ. " އަކްރަމް ބުންޏެވެ.
އެއާއެކު ޝިކާއަށް ދެ ބުމަ ހިއްލައިލެވުނެވެ.
" ދެން؟ ދެން އަކްރަމް ކުލި މައާފް ކުރީތަ؟" ޝިކާ ސުވާލު ކުރިއެވެ.
އަކްރަމް ބޯ ޖަހާލިއެވެ. އެއާއެކު ޝިކާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" އަހަރެން އެ ދެ މައިންނަށް އެހީތެރިވާން ފެށިން. ނަތީޖާއެއްގެ ގޮތުން ތާނިޔާއާ އަހަންނާ ދެމެދު ވަރަށް އަވަހަށް ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ. އަހަރެން ވީ އޭނާދެކެ ތެދުވެރި ހަގީގީ ލޯބި. ކައިވެނި ކުރަން އެތައް ފަހަރަކު އެދުނިން. އެކަމަކު އޭނަ އިންކާރު ކުރީ. ބުނީ އަދި ވަގުތު ބޭނުމޭ. އެކަމަކު އޭނަ ވިސްނަން ޖެހޭނެ އެއްވެސް ކަމެއް އޭރު ވެސް ނޯންނާނެ. " އަކްރަމް ބުންޏެވެ.
" ދެން؟ ޝިކާ އަކްރަމްއާ އިންނަން ފަހުން ވެސް އެއްބަސް ނުވީތަ؟" ޝިކާ އެހިއެވެ.
" އޭނަ ކިހިނެއް އަހަންނާ އިންނަން އެއްބަސްވާނީ؟ ތާނިޔާއަކީ މީހެއްގެ އަންބެކޭ." އަކްރަމް ބުންޏެވެ.
އެއާއެކު ޝިކާއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ހުއްޓުން އަރާފައި އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" ތާނިޔާގެ ފިރިމީހާ ހުންނަނީ ރަށުގަ. ތާނިޔާ މާލެ އައީ މަންމައަށް ބޭސް ކުރަން ވެގެން. އައިސް ހުންނާނެ ތަނެއް ނެތިގެން އޭނަ ޖެހި މަޅީގައި ބެދުނީ އަހަރެން. ބޭސްކޮށް ނިމިގެން މަންމަ ގޮވައިގެން ދިޔައީ އަހަންނަށް ފިލައިގެން. ރަށުގެ ނަމާ ހުރިހާ އެއްޗެއް އޭނަ އޮތީ އަހަންނަށް ސިއްރުކޮށްފައި. އެކަމަކު އަހަންނަށް އެނގެން ވެގެން މާތްﷲ މެދުވެރި ކުރެއްވީ ޑަސްބިނުގައި އޮތް ބޭސް ސިޓީއެއް. " އަކްރަމް ބުންޏެވެ.
" އޭގައި އޮތީ ކޯއްޗެއް؟" ޝިކާ އެހިއެވެ.
" އެ މީހުންގެ ރަށުގެ ނަން. ކަންދިމާކުރި ގޮތުން މަންމަގެ ގޭގައި އޭރު އުޅުނު އެރަށު ބަޔަކު ކުއްޔަށް. އަހަރެން އެ ބޭބެ ކައިރީ އެ މީހުންގެ ވާހަކަ އަހާލީ. އެ ބޭބެ ބުނީމަ އަހަންނަށް އެނގުނީ ވެސް. ތާނިޔާ މާލެ އައީ މަންމައަށް ބޭސްކުރަން ކަން. ގާތްގަނޑަކަށް އަހަރެންގެ އަތުން ފަސް ވަރަކަށް ލައްކަ ރުިފޔާ ހުންނާނެ ހަރަދުކޮށްފައި. އަހަރެން އޭރު ވެސް ކައިވެނީގެ ހުވަފެންތައް ދެކުނިން. " އަކްރަމް ބުންޏެވެ.
އަޑުއަހަން ހުރި ޝިކާ ގޮސް އަކްރަމްއާ ދާދި ގާތުގައި އިށީނދެ އަކްރަމްގެ އަތުގައި ހިފާލިއެވެ.
" ތިއީ ވަރަށް ބޮޑު އިމްތިހާނެއް. އަހަރެން ހިތަށް އަރަނީ އެހާ ނުބައި މީހަކާހެދި އަކްރަމްގެ އަމިއްލަ ދިރިއުޅުން ތި ހަލާކު ކޮށްލަނީ ކީއްވެ ބާވައޭ؟ ތި ތާނިޔާއަކާ ހެދި މަގޭ ދިރިއުޅުން ވެސް މިހާރު ހަލާކުވެއްޖެ. ތާނިޔާ ކުރި ކުށެއްގެ އަދަބު މަށަށް ތި ދެނީ ކީއްވެ؟" ޝިކާ އެހިއެވެ.
އެއާއެކު އަކްރަމް ޝިކާގެ މޫނަށް ބަލައިލީ އަސަރާއެކުއެވެ.
" ސޮރީ. " އަކްރަމް ބުނެލީ މަޑުމަޑުންނެވެ.
" އޭގެ ފަހުން ތާނިޔާއެއް ނުދެކެންތަ؟" ޝިކާ އެހިއެވެ.
" ބޭކާރުކަމެއް. ތާނިޔާއަށް ވުރެ މާ ލޯބި އަނތްބަކު މިހާރު އަހަންނަށް ލިބިއްޖެ." އަކްރަމް އެހެން ބުނެލީ ޝިކާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޒައިދް އޮތީ ބޭރު ޖޯލިފަތީގައެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި ބޭކާރު ހިޔާލުތަކެއް ދައުރުވަމުން ދެއެވެ. އެކަމުގެ ސަބަބުން ހިތަކަށް ހަމަޖެހުމެއް ވެސް ނުލިބުނެވެ. ފުން ވިސްނުމެއްގައި އޮތް ޒައިދް ކުއްލިއަކަށް ސިހުނީ ފަހަތުން އައިސް މީހަކު އޭނާގެ ލޯމަތީ އަތް އެޅުމުންނެވެ. ސިހިފައި ޒައިދްއަށް އެ އަތްމަތީގައި އަތް ޖައްސައިލެވުނެވެ. އެއާއެކު އެއީ އަނޫޝާ ނޫންކަން ޒައިދްއަށް ޔަގީން ކުރެވުނެވެ.
" ކިހިނެއް ވެގެން ތި އުޅެނީ؟" ޒައިދް ސުވާލު ކުރީ ފަހަތް ބަލައިލަމުންނެވެ.
" ކަމެއް ނުވެ! އެއީ އެވަރުގެ ކަމެއްތަ؟" ހިނިތުންވެލަމުން ޖަނާ ބުންޏެވެ.
ޒައިދްގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުރި ނަމަވެސް ޖަނާ ހުރީ އޭރު ވެސް ހެވިދިލިފައެވެ.
" ކީއްކުރަން މަގޭ ހޯދައިގެން މި ރަށަށް ތި އައީ؟" ޒައިދް އެހިއެވެ.
" އަހަރެން މިތާ ޒައިދްބެ ކައިރީގައި އިށީނދެލަންތަ؟" ޖަނާ އެހިއެވެ.
އެއާއެކު ޒައިދް ފުންމައިގެން ތެދުވެއްޖެއެވެ.
" އައިތާކަށް ދާން އުޅޭ! މަށަކަށް ކަލެއެއް ނުބެލޭނެ. މަގޭ ހޯދައިގެން އަންނާކަށް ނުޖެހޭނެޔޭ." ޒައިދް ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް އިރުއިރުކޮޅާ ގެއާ ދިމާލަށް ބަލައިލެވެއެވެ. ހަގީގަތުގައި އޭނާ ހުރީ ޖެހިލުން ވެފައެވެ.
( ނުނިމޭ)
* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!