1446 ވަނަ އަހަރުގެ ރަމަޟާން އުމުރާއަށް ދާ ކޮންމެ ދިވެހި އުމުރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރަށްވައެވެ.

Ad
rt

އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން ލިމިޓް އިތުރުކުރުމަށް ބީއެމްއެލްއަށާއި، މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް އަންގަވާފައިވާ ކަމަށެވެ.

މިގޮތުން ހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކަޅު ބާޒާރުގައި އަދި ވެސް ޑޮލަރުގެ އަގު ދަށްވެފައި ނުވާއިރު، ސަރުކާރުން ވަނީ ޑޮލަރުގެ އަގު ތިރިކުރަން ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ އަސަރު ކުރިއަށް އޮތް ތަނުގައި ފެންނަމުންދާނެކަމަށް ބެލެވޭއިރު، ކޮންމެ އުމްރާ/ހައްޖަކަށް މީހުން ފުރާ ދުވަސްވަރު ޑޮލަރުގެ ޑިމާންޑް ބޮޑުވެގެންދެއެވެ. މިހެންކަމުން ރައީސްގެ މި ނިންމެވުމަކީ އުމްރާވެރިންނަށް ލިބިގެންދާނެ ބޮޑު ލުއި ކަމެކެވެ.