" ވަޓް؟ ދާއިންއާ އަރޫ؟ ނޯ! ނޯ!" ނަދީމްއަށް ބުނެވުނެވެ.

ކައިރީގައި ހުރި ގޮނޑީގައި އޭނާއަށް ހިފަހައްޓާލެވުނީ ތުރުތުރުއަޅާ ހާލުގައެވެ.

Ad
rt

ބައްޕަ ދިން ހަބަރުން ނަދީމްއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އިންތިހާއަށް ރުޅިގަދަވެ، ކޮންޓްރޯލުން ނައްޓައިފިއެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވެސް އައީ ދާއިންގެ ނަމަވެ. ރުޅި އައިސް އިނދެ އޭނާ ފޯނުގައި ދާއިންގެ ނަން ސާޗް ކޮށްލުމާއެކު ކުއްލިއަކަށް އެތެރެއަށް ވަނީ ޒައިނާއެވެ. ނަދީމް ފެނުމާއެކު، ނަދީމްގެ މޫޑު އެހާ ރަނގަޅު ނޫންކަން އޭނާއަށް ފާހަގަ ކުރެވުނެވެ.

" ކިހިނެއްވެފައި ތި އިނީ؟ ހާދަ މޫޑު ގޯސްވެފަ؟" ޒައިނާ އަހާލިއެވެ.

ނަދީމްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލަމުން ޒައިނާ ނަދީމްގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ކޮމްޕިޔުޓަރަށް ބަލަހައްޓައިގެން އިން ނަމަވެސް އޭރުވެސް ނަދީމްގެ މޫނުމަތީގެ ކުލަވަރު ބަދަލެއް ނުވެއެވެ.

" ނަދީމް! އަހަރެން އެބަ ވާހަކަ ދައްކަމޭ." ޒައިނާ ގޮވާލީ ތަންކޮޅެއް ބާރަށެވެ.

" އަހަރެން ވަރަށް ބިޒީ. އިހަށް ދޭ ކޮޓަރިއަށް. މި ވަގުތު އަހަންނަކަށް ނެތް ވާހަކަ ދެއްކޭކަށެއް." ނަދީމް ވާހަކަ ދެއްކީ ޒައިނާއާ ދިމާލަށް ބަލައިވެސްނުލާ އިނދެއެވެ.

" އޯހް! ބިޒީ ވެގެންތަ ތިހާ ރުޅިގަދަވެފައި ތި އިންނަނީ؟ ތިއީ އެކަމަކު... އެހާ ރަނގަޅު ގޮތެއް ނޫން އިނގޭ." ޒައިނާ ބުންޏެވެ.

ޒައިނާގެ ވާހަކައިން އިތުރަށް ނަދީމް ގާތަށް އައީ ރުޅިއެވެ. ބޮލަށް އުނދަގޫވީ ވަރުން އޭނާ ބޯ އަރިކޮަށްލުމަށްފަހު ޒައިނާއަށް ބަލައިލިއެވެ.

" މި ވަގުތު އަހަންނަށް ނަސޭހަތްދޭން ނަހަދާ! އަހަންނަކަށް އެއްވެސް އެއްޗެއް ނުވިސްނޭނެ. އަނެއްކާ ވެސް ހަމަ ޒައިއާ ވާހަކަ ދެއްކޭނީ ރުންކުރުކޮށް. އިހަށް މިތަނުން ދާށޭ ބުނީމަ ދާނީ." ނަދީމް ބުންޏެވެ.

އެއާއެކު ޒައިނާ ގޮނޑިން ފުންމައިގެން ތެދުވެއްޖެއެވެ. އޭރު ޒައިނާ ވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

" މަސައްކަތް ކުރަން ބިޒީވެގެން ، ހިތްހަމަ ނުޖެހިގެން ނަދީމް އަހަންނާމެދު ތިހާ ރަހުމުކުޑަކޮށް ކަންތައް ކުރަންޏާ، އަހަރެން ބުނެފާނަން ބައްޕަ ގާތު، ނަދީމްއަކަށް ތިކަމެއް ނުކުރެވޭނެޔޭ." ދެ އަތް އުރާލަމުން ޒައިނާ ބުންޏެވެ.

އޭނާގެ އެ ޖުމްލައިން ނަދީމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންކަމާއެކު ނަދީމް ޒައިނާގެ މޫނަށް ބަލަން ފެށުމުން ޒައިނާ މަޑުމަޑުން ގޮސް ނަދީމްއާ ދާދި ގާތުގައި ހުއްޓުނެވެ.

" އަހަރެން މި ބުނި އެއްޗެއް އަދިވެސް ނުވިސްނުނުތަ؟ " ޒައިނާ ބުންޏެވެ.

ހަރަކާތްތައް ހުއްޓިފައި ނަދީމްއަށް އިނދެވުނީއެވެ.

" އަހަރެންގެ އުފަލަށް، އަހަރެން އުފަލުގައި ބަހައްޓަން ބޭނުންވާތީ، ބައްޕަ ތިހާ މުސާރަ ބޮޑު ވަޒީފާއެއް ނަދީމްއަށް ދެއްވީ. ދެން ތި ވަޒީފާގެ ޕްރެޝަރު މަށަށް ބާލަންޏާ، އެކަށީގެންވޭ ތި ޖޮބް ނަދީމްގެ އަތުން އަތުލުން ވެސް. ނަދީމް މަސައްކަތެއް ނުކުރިޔަސް ނަދީމްއަށް މިތާ އުޅެވޭނެޔޭ." ޒައިނާ ބުންޏެވެ.

ނަދީމް ޖެހިލުންވިއެވެ. ހުރިހާ ބާރެއް އޮތީ ޒައިނާގެ އަތްމަތީގައިކަން ނުސީދާ ގޮތެއްގައި ޒައިނާ އޭނާއަށް އަންގައިދިނީކަން ނަދީމްއަށް ފަހުމުވިއެވެ.

" އަހަންނަށް ބިރުދައްކަނީތަ؟ " ނަދީމް ބުންޏެވެ.

" އުނހު.. ހަމަ ބުނެލީ. " ޒައިނާ އެހެންބުނެ ގުދުވެލާފައި ނަދީމްގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. އަދި ލާނެތް ފާޑަކަށް ހެވިފައި ހުރެ ނިކުމެގެން ދިޔައެވެ. އޭރު ވެސް ނަދީމް އިނީ ހިތަށް ބަރުވެ، ބޮލަށް އުނދަގޫވެފައިވާ ހާލުގައެވެ.

ދާއިން ފުރައިގެން ދިޔައީއްސުރެ އަރޫޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ދާއިންގެ އަޑު ޖެހުނަސް އޭނާ ހުންނަނީ ބިރުގެންފައެވެ. ދާއިންއަށް ކަމެއް ސިއްރު ކުރެވިފައި އޮތްކަން އަބަދާއަބަދު އޭނާގެ ޟަމީރު ހަނދާންކޮށްދެމުންދެއެވެ. އެކަމުގެ ސަބަބުން އަރޫޝާ ބަލިވާން ފަށައިފިއެވެ. ތެދުވެ، ކަމެއް ކޮށްލާނެ ހިތްވަރު ވެސް އޭނާގެ ކިބައިގައި ނެތްކަހަލައެވެ.

އަރޫޝާގެ ބަނޑުމަތީގައި ބާޢްވާފައި އޮތް ފޯނު ކުއްލިއަކަށް ރިންގްވާން ފެށުމާއެކު އޭނާ ދިޔައީ ސިހިގެންނެވެ. ފޯނު ސްކްރީނުގައި އޮތް ނަން ފެނުމާއެކު އިތުރު ހައިރާންކަމެއް ލިބުނު ކަހަލައެވެ.

" ނަދީމް؟ " އަރޫޝާއަށް ބުނެވުނެވެ.

ނަދީމް އޭނާއަށް ގުޅަންވީ ކީއްކުރަން ހެއްޔެވެ؟ ދާއިންއާ ކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރު ލިބުމުން ބާވައެވެ؟ ނަދީމް ދައްކަން އެ އުޅެނީ ކޮން ވާހަކައެއް ބާވައެވެ؟

އެކި ހިޔާލުތަކުގައި އެ ފޯނަށް ބަލަން އޮއްވާ، ފޯނު ކެނޑިއްޖެއެވެ. އިސާހިތަކު އަރޫޝާގެ ފޯނަށް ނަދީމްގެ މެސެޖެއް ވެސް ލިބުނެވެ. އެއީ ފޯނު ނެގުމަށް އެދި އާދޭސްކޮށްފައި އޮތް މެސެޖެކެވެ. ނަމަވެސް އިތުރަށް ނަދީމްއާ ދައްކާނެ އެއްވެސް ވާހަކައެއް ނެތްކަން އެނގޭ ހާލު އަރޫޝާ ނަދީމްގެ ނަންބަރު ބްލޮކް ކޮށްލިއެވެ. ނަދީމްއާ ވާހަކަ ދައްކައިގެން އިތުރަށް ފިކުރު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އިތުރަށް ހިތް ހާސްކުރުވާކަށް ވެސް ބޭނުމެއް ނޫނެވެ.

ކުރިމަތީގައި އޮތް ބޯ ގަސްތަކަށް ބަލަހައްޓައިގެން ނަދީމް ހުރީ ފިކުރު ބޮޑުވެފައެވެ. އަރޫޝާއާއި ދާއިންގެ ކައިވެނީގެ ހަބަރު ލިބުނު ފަހުން ނަދީމްގެ ހިތަކަށް ހަމަޖެހުމެއް ނުލިބިއެވެ. ކުއްލިއަކަށް ނަދީމް ސިހުނީ ޒައިނާ އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމުންނެވެ. ޒައިނާގެ މޫނާއި ދެ ލޮލުގައި ވަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" ނަދީމް ބޭނުންވަނީ ކޮންކަމެއް؟ " ޒައިނާ ސުވާލު ކުރިއެވެ.

ޖަވާބު ދޭން ނޭނގިފައި ނަދީމްއަށް ހުރެވުނީ ޒައިނާގެ ރުޅިވެރި ލޮލަށް ބަލަހައްޓައިގެންނެވެ.

" އަހަރެން މި އަހަނީ ނަދީމް ތި އުޅެނީ ކޮންކަމެއް ބޭނުން ވެގެން ހެއްޔޭ؟ ނަދީމް އަހަންނާއެކު މިތާ ތި ދިރިއުޅެނީ އަހަރެންދެކެ ލޯބި ވާތީތަ؟ ނޫނީ ފައިސާއަށްޓަކައިތަ؟" ޒައިނާ ބުނެލިއެެވެ. ދަތްތަކަށް ބާރުކޮށްލަމުންނެވެ.

" ޒައި؟ ކޮންކަހަލަ ވާހަކަތަކެއް ތި ދައްކަނީ؟ އަހަރެން މިތާ މި އުޅެނީ އަހަންނަށް މި ގޮތް އެންމެ ރަނގަޅުވީމަ.. އަހަރެމެން ދެ މީހުންނަށް ވެސް މި ގޮތް އުފާވެރިވީމަ." ނަދީމް ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރިއެވެ.

އޭނާ ދެ އަތުން ޒައިނާގެ ކޮނޑުގައި ހިފަހައްޓާލުމާއެކު ޒައިނާ ދުރަށް ޖެހިލިއެވެ.

" ދޮގު! ހުސް ދޮގު. ނަދީމް އަދިވެސް ލޯބިވަނީ އެ އަރޫޝާދެކެ." ޒައިނާ ބުންޏެވެ.

ލިބުނު ހައިރާންކަމުގެ ބޮޑުކަމުން ނަދީމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" ނަދީމް ހީ ނުކުރައްޗޭ ނަދީމް ކުރާ ކަންތައްތައް އަހަންނަށް ނޭނގޭނެކަމަށް. ނަދީމް ކޮންމެ ކަމެއް ކުރިޔަސް އަހަންނަށް އެނގޭނެ! އަހަރެންގެ ހިތުގައި އެންމެ ކޫރެއް ލިޔަސް، ހަނދާން ބަހައްޓާތި ނަދީމްއަކަށް ސަލާމަތެއް ނޯންނާނެ." ޒައިނާ ބުނެލީ ނަދީމްގެ މޫނަށް އިނގިލި ދިއްކޮށްލަމުންނެވެ.

" ކީކޭ ތި ކިޔަނީ؟ ޒައި އަހަންނާ ތިހެން ވާހަކަ ދައްކަން ޖެހުނު ސަބަބު ބުނެދީ! އަހަރެންގެ އެއްވެސް ކުށެއްނެތި ޒައި އަހަރެންގެ ބޮލުގައި އިލްޒާމް ނާޅުވައްޗޭ." ނަދީމް ބުންޏެވެ.

އެއާއެކު ޒައިނާ އެއްމިޔަކަނުން ހީލިއެވެ.

" އިލްޒާމް؟ އިއްޔެ ނަދީމްގެ ބައްޕަ ގުޅާފައި އަރޫޝާއާ ދާއިންގެ ކައިވެނީގެ ވާހަކަ ދެއްކީމަ އެ ވާހަކަ އަހަންނަށް ސިއްރުކުރުމަކީ ނަދީމްއަށް ކުރެވުނު ވަރަށް ބޮޑު ކުށެއް. ދެ ވަނަ ކަމަކަށް މިއަދު އަރޫޝާއަށް ގުޅާފަ، ފޯނުު ނުނެގީމަ މެސެޖު ކުރުމަކީ ނަދީމް ކުރި ދެ ވަނަ ކުށް." ޒައިނާ ބުންޏެވެ.

އެއާއެކު ނަދީމްގެ މޫނުމައްޗަށް ރުޅިވެރިކަމާއި ހައިރާންކަންވެރިވެ، އޭނާގެ މޫނުގެ ކުލަވެސް ބަދަލުވީ ކަހަލައެވެ.

" ޒައިނާ ތި އުޅެނީ އަހަރެންގެ ފޯން ހެކްކޮށްގެންތަ؟" ނަދީމް އެހިއެވެ.

" އަހަރެން ނަދީމްއަކަށް އިތުބާރެއް ނުކުރަން. އެއްވެސް ވަރަކަށް. މިހާރު ނަދީމްގެ ކޯލް ރިކޯޑިންގްސް އަހަންނަށް ލިބޭނެ. މެސެޖް ވެސް ހުރިހާ އެއްޗެއް އަހަންނަށް ލިބޭނެ. ހީ ނުކުރައްޗޭ ދެން އެހާ ފަސޭހައިން އަހަރެންގެ ކައިރިން ދުރަށް ދެވޭނެޔޭ! ބުނޭ! ކީއްކުރަން އަރޫޝާއަށް ގުޅީ؟" ޒައިނާ ސުވާލު ކުރީ ހަރުކަށިކަމާއެކުއެވެ.

" އެއީ އަހަރެންގެ އަމިއްލަ ކަމެއް." ރުޅި އައިސް ހުރި ވަރުން ނަދީމްއަށް ބުނެވުނެވެ.

" ނަދީމްގެ އަމިއްލަ ކަންކަމެއް މިހާރަކު ނުހުންނާނެ! މިހާރު މުޅިން ވެސް ހުންނާނީ އަހަރެމެން ދެ މީހުންގެ ކަންތައްތައް." ޒައިނާ ބުންޏެވެ.

ފޫހި ގޮތަކަށް ނަދީމް ޒައިނާއަށް ބަލަން ހުއްޓާ ދެ ވަނަ ފަހަރަށް ވެސް އަރޫޝާއަށް ގުޅި ސަބަބާމެދު ޒައިނާ ސުވާލު ކުރިއެވެ.

" ބައްޕަ ގުޅީ އިއްދަައިގެ ފޯމް ފުރަންވެގެން. ޒައިނާ އެ ކޯލް އަޑު އެހީމެއްނު. ބައްޕަ ފޯނު ބޭއްވީ ރުޅި އައިސްގެން. އެހެންވެ އަހަރެން އަރޫޝާއަށް ގުޅީ އެ ފޯމް ފުރަން އެއްބާރުލުން ދޭން ވެގެން. އަޑު އިވިއްޖެ! އަހަރެން އޭނަޔާ ލޯބީގެ ވާހަކަތަކެއް ދައްކާކަށް ނޫން ގުޅީ." ނަދީމް ބުނެލިއެވެ.

އެއާއެކު ޒައިނާގެ މޫނުމަތީގައި ހުރި ހަރުކަށިކަން ފިލައިގެން ދިޔަކަހަލައެވެ. އޭނާ އަވަސް އަވަހަށް ނަދީމްގެ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ.

" އޯހް މައި ބޭބީ! އަސްލުވެސް ޒައިއަށް އެނގެޔޭ ނަދީމް މިހާރު އަރޫޝާދެކެ ލޯތްބެއް ނުވޭނެކަން. " ޒައިނާ ބުންޏެވެ.

" އެކަމަކު ޒައި ތި ކުރަނީ ވަރަށް ބޮޑު ކުށެއް! ފިރިމީހާއަށް ތި ވަރަށް ފާރަ ލާކަށް ނުވާނެ. " ނަދީމް ބުންޏެވެ.

ޖަޒްބާތުތައް މައިތިރިކޮށް، އިހްސާސްތައް ވަންހަނާކުރަން މަސައްކަތް ކުރި ނަމަވެސް ނަދީމް ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ. ޒައިނާދެކެ ފޫހިވެ، އިތުރަށް ރުޅި އައިސްފައެވެ. މިނިވަންކަމެއް ނެތި، ޒައިނާއާ އޭނާގެ އާއިލާގެ އަޅުވެތިކަމުގައި ހުރެވުނުކަން ފުރަތަމަ ފަހަރަށް ނަދީމްއަށް އިހްސާސްވެސް ކުރެވިއްޖެއެވެ.

" ފާރައެއް ނުލަމެއްނު.. އަހަރެން ވެސް މި ނެގީ ކިހާ ބޮޑު ރިސްކެއް. މި ގެއާ ބައްޕަގެ ޕްރޮޕަޓީން ނަދީމްއަށް ވެސް ޕަސެންޓެއް ދިނީއެއްނު. ހުރިހާ މުދަލެއް އަހަރެމެން ދެ މީހުންގެ ނަން މައްޗަށް ހަދަން އެ އުޅެނީ ނަދީމްދެކެ މަންމަމެން ލޯބިވާތީއޭ. އެ މީހުންގެ ރަައްކާތެރިކަމަށް އަހަރެން އެކަން މި ކުރީ. އަހަރެން ނަދީމްއަށް އިތުބާރު ކުރިޔަސް އެ މީހުން ނުކުރާނެ ދޯ! ސިމްޕަލްކޮށް ނަގާބަލަ." ޒައިނާ އެހެން ބުނެ އަނެއްކާ ވެސް ނަދީމްގެ ގައިގައި ބައްދާލިއެވެ.

ޒައިނާ ކިތަންމެ ލޯބިން ވާހަކަ ދެއްކިޔަސް، އޭރު ނަދީމްގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ.

" ދުނިޔެއަށް މަޝްހޫރު ބޮޑު ވިޔަފާރިވެރިއަކަށް ވެސް ނަދީމްއަށް ވެވިދާނެ. ނަދީމްގެ މޮޅު ވާހަކަ ބައްޕަ މިހާރު އަބަދު އެ ދައްކަވަނީ. ބޭނުން ނަމަ ނަދީމްއަށް އަމިއްލަ ކުންފުންޏެއް ވެސް އުފެއްދިދާނެ. ޔޫރަޕްގެ ރިސޯޓްތައް ވެސް ގަނެލެވިދާނެ. ނަދީމް ކޮންކަމަކާ މިހާރު ހާސްވެ ކަންބޮޑުވާންވީ؟ " ޒައިނާ އެހެން ހުރެ ބުނަމުން ދިޔައެވެ.

އެއާއެކު އަނެއްކާ ވެސް ނަދީމްގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އޭނާ ދެކެމުން އަންނަ ހުވަފެނަކީ ވެސް އެއީ އެވެ. ބޮޑު ވިޔަފާރިވެރިއަކަށްވުމެވެ.

" އެ އަންހެންކުއްޖާއަށްޓަކައި ފަސްއެނބުރި ބަލައިފިނަމަ ނަދީމްގެ މުސްތަޤްބަލް ބަނަވާނެ އިނގޭ." ނަދީމްގެ ޟަމީރު އަނެއްކާ ވެސް އޭނާއަށް ހަނދާންކޮށްދިނެވެ.

ނަދީމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.

މެންދުރު ނަމާދުކޮށްގެން އައި އިރު ވެސް އަރޫޝާ ގޭތެރެއިންނެއް ނުފެނެއެވެ. ދުވަހަކީ ހޮނިހިރު ދުވަހަށްވާތީ މިއަދު އަރޫޝާ އޮފީހަކަށް ވެސް ނުދާނެކަން ރިޒާއަށް އެނގެއެވެ. ހެނދުނު ވެސް ރިޒާ ހުރީ ބިސްކޯދަކާއެކު ސައިތައްޓެއް ބުއި ގޮތަށެވެ. ރިޒާ ގޮސް އަރޫޝާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލީ ތަންކޮޅެއް ބާރަށް ގޮވާލަމުންނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަރޫޝާ ދޮރު ހުޅުވީ ވަރުބަލިކަމާ އެކުއެވެ.

ރިޒާ ފެނުމާއެކު އަރޫޝާއަށް ރޮވިއްޖެއެވެ. އެއާއެކު އިންތިހާއަށް ކަންބޮޑުވެ، ރިޒާ ވާހަކަ ދައްކަން ފެށިއެވެ.

" ކިހިނެއްވީ؟ ބަލީތަ؟" ރިޒާ އެހިއެވެ.

އަރޫޝާ ބޯ ޖަހާލަމުން ދެ ލޮލުން ކަރުނަ ފުހެލިއެވެ.

" ބަނޑުގައި ރިއްސަނީ... މިއަދު މާ ބޮޑަށް ރިއްސަނީ.. ދުވަސް ކޮޅެއް ވެއްޖެ ބަނޑަށް ތަދުވާތާ. މިއަދު ނުވެސް ތެދުވެވުނީ. ބޭސް ކައިގެން ކިރިޔާ މި ތެދުވެވުނީ." އަރޫޝާއަށް ވާހަކަ ދެއްކުނީ ވެސް ނުހަނު އުނދަގުލުންނެވެ.

" ބައްޕައަށް ގުޅާލާފައި ވެސް ބުނަން ވާނެ އެއްނު. އަވަހަށް ހިނގާ މަރުކަޒަށް ދާން. " ރިޒާއަށް އެހެން ބުނެވުމާއެކު ރިޒާގެ ފޯނަށް ދާއިން ގުޅިއެވެ.

" މިއުޅެނީ އަރޫޝާ ބަލިވެގެންނޭ. ބަނޑެއްގައި ރިއްސާތީ މި ދަނީ މިހާރު ޑޮކްޓަރަށް ދައްކަން. " ރިޒާ ބުނެލިއެވެ.

" އަރޫ ފޯނު ނުނަގާތީ އަހަރެން ވެސް މި ގުޅީ. ބައްޕަ އަހަންނަށް ވާނުވާ އަންގައްޗޭ." ދާއިންއަށް ބުނެވުނީ އަވަސް އަވަހަށެވެ.

ދާއިން އިންތިޒާރު ކުރަމުން ދިޔައީ ރިޒާގެ ކޯލަށެވެ. އަރޫޝާއަށް ލިބޭ ކޮންމެ އުނދަގުލަކީ އޭނާއަށް އަސަރު ކުރާ ކަމަކަށް ވެއްޖެއެވެ. އަރޫޝާ ވޭނުގައި އުޅޭކަން އެނގުމުން ދާއިންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ވާނުވާ ބެލުމަށް އިރުއިރުކޮޅުން އޭނާއަށް ރިޒާއަށް ގުޅެއެވެ.

" މި ތަނުން ސްކޭނެއް ވެސް ނުކުރެވޭތީވެ، ޑޮކްޓަރ ލަފާދެއްވީ ކުޅުދުއްފުއްޓަށް ދާން. ބަނޑުގައި ސިސްޓެއް އުފެދިފައި ހުރެ ދާނެޔޭ ބުނީ. އެހެންވެ، ރައްކާތެރި ގޮތަކީ ސްކޭން ކޮއްލުމޭ ވިދާޅުވީ." ރިޒާ ބުންޏެވެ.

އެ ހަބަރު ވެގެން ދިޔައީ ދާއިންއަށް އަޑުއަހަން ފަސޭހަ ހަބަރަކަށް ނޫނެވެ. އޭނާގެ ހިތް މުޅިން ނުތަނަވަސް ވެއްޖެއެވެ.

" އުނހު! ކުޅުދުއްފުއްޓަކަށް ނޫން ދާނީ. ބައްޕަ އަރޫޝާ ގޮވައިގެން މާލެ އާދޭ! އަހަރެން ހުރިހާ ހަރަދެއް ހަމަޖައްސާނަން." ދާއިން އަވަސް އަވަހަށް ބުންޏެވެ.

" ބައްޕަ؟ ބައްޕައަށް މިސްކިތުން މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހިފައި އޮތް ވާހަކަ ބުނީމެއްނު. މި ހަފްތާ ޖެހޭ ނިކުންނަން. މިހާރު ބައްޕައަށް ކުރެވޭނީ އެކަހަލަ މަސައްކަތެކެއްނު. " ރިޒާ ބުނެލިއެވެ.

" އެހެންވިއްޔާ ބައްޕަ ބަލާބަލަ މިއަދު މާލެ ފުރާ މީހަކު ހުރިތޯ؟ ލޯންޗް ދަތުރު ނެތިއްޔާ މަތިން ވިޔަސް ކުޅުދުއްފުށީ މަގުން އަރޫ މިކޮޅަށް ފޮނުވައިދީބަލަ." ދާއިން ހުރީ އަވަސް ވެފައެވެ.

" އާނ އެންމެ ރަނގަޅު ބައްޕަ ތިކަންތައް ބަލާނަން. " ރިޒާ ފޯނު ބޭއްވިއެވެ.

އިންޖެކްޝަނެއް ޖަހައިގެން މިހާރު އަރޫޝާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެއެވެ. ނަމަވެސް އޭނާ ވެސް ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ދުވަހަކު ވެސް އޭނާ ބަލި ނުވާ ވަރަށް ބަލިވާ ކަމުގެ އިހްސާސް ކުރެވި، ރަނގަޅު ތަނަކަށް ދައްކަން ދާން އަރޫޝާ ހުރީ އިންތިހާއަށް ބޭނުން ވެފައެވެ. އެހެންކަމުން ދާއިންގެ އެދުމުގެ މަތިން ޖެހިގެން އަންނަ ދުވަހު މާލެދާން އޭނާ ދަތުރު ހެދިއެވެ.

އެއާޕޯޓުން އެންމެ ފުރަތަމަ ވެސް އަރޫޝާއާ ބައްދަލް ވީ ދާއިންއާއި އާބިދުއާއެވެ. އަރޫޝާ ފެނުމާއެކު ދާއިން އަވަސް އަވަހަށް ހިނގައިގަތުމުން އާބިދުއަށް ނިކަން ބާރަށް ހެވިއްޖެއެވެ.

" ކަލޭ ވާނެކަންނޭނގެ ވަރަށް ރަނގަޅު ފިރިއަކަށް." އާބިދު ދާއިންއާ ދިމާ ކޮށްލިއެވެ.

ދާއިން ފެނުމާއެކު އަރޫޝާ ލަދުން އިސްޖަހާލީ ހިނިތުންވެލަމުންނެވެ. އަރޫޝާގެ އަތުގައި ހިފާލަމުން މިހާރު ރަނގަޅުތޯ ދާއިން އަހާލީ ނުހަނު އޯގާތެރިކަމާއެކުއެވެ.

" ދެން މިހާރު ބަލި ރަނގަޅު ވާނެޔޭ ދޯ ދާއިން ފެނުނީމަ." އާބިދު އަނެއްކާ ވެސް ދިމާކޮށްލިއެވެ. އެއާއެކު ތިން މީހުންނަށް ހެވުނީ އެއްފަހަރާއެވެ.

އަރޫޝާ ގޮވައިގެން ދާއިން ދިޔައީ އޭނާ ކުއްޔަށް ހިފާފައި ހުރި ކޮޓަރިއަށެވެ.

" އަރޫގެ މޫނުމަތިން ވެސް އެނގޭ ވަރަށް ބަލިކަން. އަހަރެން ކައިރީ ނުވެސް ބުނަމެއްނު ބަލި ވާހަކައެއް. އަހަރެން ހިއެއް ނުކުރަން ތިހާ ދުރުކޮށްލާނެ ކަމަކަށް." ދާއިން ބުނެލިއެވެ.

" އަހަރެން ހިއެއް ނުކުރަން މިވަރު ވާނެ ކަމަކަށް. ކޮންމެ މަހަކު ވެސް ވަރަށް ބަނޑުގައި ރިއްސާނެ. އެކަމަކު މި މަހު ޑޭޓް ވެސް ގޮއްސި. އަދިވެސް ބަނޑުގައި ރިއްސާލަ ރިއްސާލަ ހުންނަނީ." އަރޫޝާ ބުންޏެވެ.

" ދޭ! ފެންވަރާލައިގެން އަންނަން. އަަހަރެން ބޭރު ސޯފާގައި މަޑުކޮށްލާނަން. " ދާއިން އެހެން ބުނުމާއެކު އަރޫޝާ ގޮނޑިން ތެދުވިއެވެ. އެއާއެކު ކުއްލިއަކަށް އޭނާގެ ބަނޑަށް އަނެއްކާ ވެސް ތަދުވާން ފެށިއެވެ.

" އަރޫ؟" ދާއިންއަށް އަރޫޝާ ގެ ނަމުން ގޮވައިލެވުނީ ނުހަނު ބާރަށެވެ. އޭރު ބަނޑުގައި އަތް އަޅައިގެން ދާއިންގެ ގައިގައި ލެނގިލައިފިއެވެ. ކުއްލިއަކަށް ދާއިންއަށް ފެނުނީ މުށިތައްމަތީގައި ހުރި ލޭ ތިކިތަކެވެ. އެއާއެކު އަރޫޝާ ހަބަރު ހުސްވެގެން އޭނާގެ ގައިގައި ތަތްވެއްޖެއެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)