2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ނިމުނު 2024 ވަނަ އަހަރަށްވުރެ މި އަހަރު އިޤުތިޞާދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ. އެ ގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ad
rt

މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒަރވް ވެސް ވަނީ އިތުރުވެފައިކަން ފާހަގަކުރަށްވައި، 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއްކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރަށް އުންމީދީ އަންދާޒާއަކީ ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުންކަމަށެވެ. އިޤުތިޞާދީ މި ނަތީޖާތަކާއެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެކަމަށްޓަކާ ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު ވާނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައިކަން ފާހަގަކުރަށްވަމުން، ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ މިގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ބަދަލުތަކުގެ ހެޔޮ އަސަރު ކައިރި މުސްތަގުބަލުގައި ދައުލަތުގެ ރިޒަރވަށް ކުރަންފަށާނެކަމަށް ވެސް ވިދާޅުވިއެވެ.

''އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެ ތިޔާގިކަން ފޯރަން ފަށާނެ. މިގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ. އަދި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މިކަންކަމަކީ ޤާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަމެވެ. މި ޤާނޫނު ތަންފީޒުކުރުމުގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސިޓީހޮޓާތައް އަދި މި ޤާނޫނުން ޑޮލަރު މާރުކުރަންޖެހޭ އެންމެހާ ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސް މުޢިއްޒު ވަނީ މިއަދު ވިދާޅުވެފައެވެ.