ކުރީގެ އަދަދާއިގުޅޭ،

" އެއަށް ވުރެ އަހަރެން އަރޫއަށް މާ އިތުބާރުކުރަން. މާ ލޯބިވޭ. އަހަންނަށް އެނގޭ، އަރޫ އަހަންނަށް ބޭވަފާތެރިއެއް ނުވާނެކަން. ނަދީމްބެއާ އިނދެގެން އުޅުނަސް އަރޫއަކީ އަހަރެންގެ މީހެކޭ އަރޫ ބުނީމެއްނު. އަދި އަހަރެންގެ ހައްގުގައި އަރޫ ނަދީމްބެގެ ކޮންމެ އެދުމަކަށް ދެކޮޅު ހެދީމެއްނު. އަހަރެން ވެސް ހަމަ ތިހާ ތެދުވެރިވީމޭ. އަހަރެން ވެސް މި ހުރީ ހަމައެކަނި އަރޫއަށްޓަކައޭ." ދާއިން ބުންޏެވެ.

Ad
rt

އެ މައުޟޫއަށް ދާއިން ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަރޫޝާއަށް ވަރަށް އަސަރު ކުރެއެވެ. ދާއިންއަށް ކަމެއް ސިއްރުކުރުމަކީ ފަހަރެއްގައި ވެސް އަރޫޝާ ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ނަދީމްއާއެކު އެރޭ ހިނގި އެއްވެސް ކަމެއް ދާއިންއަށް ކިޔައިދޭނެ ހިތްވަރެއް އަރޫޝާގެ ދުލަކު ނެތެވެ. ސިކުނޑި އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ހިތް ޒަހަމް ވެއްޖެއެވެ. ދާއިންއަށް އެ ވާހަކަތައް ކިޔައިދިނުމުން އޭނާ ކަންތައްކުރާނެ ގޮތަކާމެދު އަރޫޝާ ހުންނަނީ އަބަދު ސުވާލު އުފެދިފައެވެ.

" އަދިވެސް ހަމަ ގަބޫލެއް ނުކުރާނަންތަ؟ ރުޅި އައިސްފައިތަ؟" ދާއިން އަރޫޝާއާ ކުޑަކޮށް ގާތްވެލަމުން ބުންޏެވެ.

" އަރޫ އަހަންނަށް އިތުބާރެއް ނުކުރަންތަ؟" އަނެއްކާ ވެސް ދާއިން ބުނެލިއެވެ.

" އެއާއެކު އަރޫޝާގެ ދެ ލޮލުގެ ތެރޭގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ކޯތާފަތްމައްޗަށް ފައިބަން ފެށިއެވެ. ބާރުބާރަށް ދާއިންގެ ގައިގައި ބައްދައިގަންނަމުން އަރޫޝާ ގިސްލާން ފެށިއެވެ.
" އަހަރެން ދެރަވަނީ... ދާއިންއާ އަހަރެން ވަކިވާން ޖެހިދާނެތީ... އަހަރެން ބިރުގަންނަނީ... ދާއިން އަހަރެން ދޫކޮށްލަފާނެތީ... އަބަދުވެސް ހިތަށް އަރަނީ އަހަރެމެން ދެ މީހުންނަކަށް ދުވަހަކު ވެސް ނުގުޅެވޭނެޔޭ. ހުޅުވޭ ކޮންމެ ދޮރެއް އެބަ ބަންދުވެޔޭ. ކޮންމެވެސް ކަމެއް މެދުވެރިވެގެން ދެ މީހުން ދުރުވާނެޔޭ." އަރޫޝާ ބުންޏެވެ.

އަރޫޝާގެ އަޑުން އޭނާ ހިތްދަތިވެފައި ހުރިވަރު ދާއިންއަށް އިހްސާސް ކުރެވުނެވެ. އަރޫޝާގެ ގައިގައި އަތް ޖައްސާލަމުން ދާއިން އޭނާ ދުރުކޮށްލިއެވެ. އަދި ކަރުނަޔާއެކު އަރޫޝާގެ މުޅި މޫނުމަތީގައި ތަތްލައިފައި ހުރި އިސްތަށިތައް ނުހަނު ލޯބިން އެއްފަރާތް ކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" އަރޫ. އަހަރެމެން ދެ މީހުން ދުރުވާނެ އެއްވެސް ސަބަބެއް ނެތޭ. މިހާރަކު ނެތޭ. ދެން އަހަރެމެން ވަކިކުރެވޭނެ އެއްވެސް މީހަކު ވެސް ނުހުންނާނެ. ހުރިހާ މަގެއް މިވަނީ ކޮށި ސާފުވެފައި. ބަލައިލާ ކޮންމެ ދިމާލަކުން މި ފެންނަނީ އަމާންކަން. މި ތެދުވެރި ލޯތްބަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނެތޭ. އިތުބާރުކޮށްބަލަ. " ދާއިން ވާހަކަ ދައްކާ ވަރަކަށް އަރޫޝާ އިތުރަށް ދެރަވާ ކަހަލައެވެ.

އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ވެސް ހައްތަހާދަނީ އިތުރުވަމުންނެވެ. ހަގީގަތަށް އެ ވާހަކަ ކިޔައިދޭން އޭނާ އަދިވެސް ބޭނުމެވެ. ނަމަވެސް ދާއިން ދެރަކޮށްލުމަށްވުރެ ސިއްރު، ސިއްރެއްގެ ގޮތުގައި ބޭއްވުން އެންމެ ރަނގަޅުކަމުގައި އޭނާ ދެކުނެވެ.

" އަހަރެން ދެން އެނބުރި އަންނާނީ އަރޫ އިއްދަ ހަމަވީމަ. އެހެން ނޫނީ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފާނެ." ދާއިން އެހެން ބުނެ އަރޫޝާގެ ނިތްކުރީގައި ބޮސްދިނެވެ.

" ހަމަ އަސްލުވެސް. ދެން އަންނާނީ ކައިވެންޏަށް." ދާއިން ބުންޏެވެ.

ދާއިން އެ ދިން ހަބަރަކީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހުގެ ވާހަކައެވެ. ނަމަވެސް އެ އަޑު އިވި، ހިނިތުންވެލާކަށް ވެސް އަރޫޝާއަކަށް ނޭނގުނެވެ. ނަމަވެސް ދާއިންގެ ހިތްހަމަޖެހުމަށްޓަކައި އޭނާ ގަދަކަމުން ހީލީއެވެ.

" ފަތިހު އަހަރެން ނައްޓާލާނަން. އަރޫ އެ ގަޑީގައި ނިކުންނާނަންތަ؟" އަރޫޝާގެ މޫނުގައި އަތުން ހިފަހައްޓާލަމުން ދާއިން އެހިއެވެ.

އެއާއެކު ކުޑަކުއްޖަކު ފަދައިން އަރޫޝާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ކިހިނެއްވީ؟ މާ ދެރަވާނެ ދޯ އަހަރެން ދާތަން ފެނުނީމަ." ހީލަމުން ދާއިން އެހެން ބުނެ، އަނެއްކާ ވެސް އަރޫޝާގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު އަރޫޝާއަށް ދެ ލޯ މަރައިލެވުނެވެ. އޭނާ ހުރީ ދާއިންގެ ގައިން ދޫކޮށްލާ ހިތް ނުވެފައެވެ.

ވިސްނުންތަކާއި ފިކުރުތައް ސިކުނޑިއަށް ޖަމާވަމުން ދާ ވަރަކަށް އަރޫޝާގެ މޫނުމަތި ދަނީ މިލާ މޯޅިވަމުންނެވެ. އެންމެ ލޯބިވާ މީހާ ލިބުނު ނަމަވެސް އޭނާއަށް ކަމެއް ވަންހަނާ ކުރަން ޖެހުމުގެ ސަބަބުން، ނަފްސާނީ ގޮތުން އަރޫޝާ ވަރަށް ބޮޑަށް ބަލިކަށި ވެއްޖެއެވެ. އަމިއްލަ ނަފްސު، ތިމާއަށް މަލާމާތް ކުރާހެން ހީވެ، ދުނިޔެ މަތިން ފޫހީވާން ފަށައިފިއެވެ.

" އޭ! ހާދަ ފާޑަކަށް ތި އިންނަނީ؟ ހަގު އަނބި ގޮވައިގެން ހަނީމޫނަށް ދިޔައީމަ ދެރަވެފައިތަ ތި އިންނަނީ؟" އަރޫޝާގެ ކަންފަތުގައި ޖެހުނީ ނީޒާގެ އަޑެވެ.

ދޮރުން ވަދެގެން އައި ނީޒާއަށް ބަލައިލުމަށްފަހު އަރޫޝާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

" އަސްލުވެސް އަހަރެން އަޑުއެހީމޭ އަރޫގެ ފިރިމީހާ، ޒައިނާ ގޮވައިގެން ފުރި ވާހަކަ. " ނީޒާ ބުންޏެވެ.

" ރަށުތެރޭގައި އަހަރެމެންގެ ވާހަކަ ވަރަށް ދެކެވޭ ދޯ. އެހެންވީމަ އަހަރެމެންގެ ދިރިއުޅުމަށް ފާރަލާ ކިތަންމެ ބަޔަކު މި ރަށުގައި އުޅޭނެތާ." އަރޫޝާ ބުނެލިއެވެ.

" އާނ އުޅޭތީތާ އަހަރެން ފެންނަ އިރަށް މީހުން ވަރުވަރު އެ އަހަނީ. އަހަންނާއެކު އަރޫ މިތާ ވޯކް ކުރާތީ އަރޫ މަ ކައިރީ ދައްކަފާނެކަމަށް ތޯއްޗެ." ނީޒާ އެހެން ބުނެ ގޮނޑީގައި އިށީނެވެ.

" ދެން ނީޒާ ކައިރީ މީހަކު އަހަރެންގެ ވާހަކަ އަހައިފިއްޔާ ބުނެލަދޭތި ނަދީމްއަކީ މިހާރު އަހަރެންގެ ފިރިއެއް ނޫނޭ. އަހަރެމެން ޑިވޯސް ވާހަކަ ބުނެލާތި." އަރޫޝާ އެހެން ބުނުމާއެކު ނީޒާއަށް ދެ ބުމަ ހިއްލައިލެވުނެވެ.

ނީޒާގެ މޫނުމަތިން ހައިރާންކަން ފެނުމާއެކު އަރޫޝާ ލުއި ގޮތަކަށް ހީލިއެވެ.

" އޭނަ ދެން ހިއެއް ނުވެ ރާއްޖެ އަންނާނެ ހެންނެއް ވެސް. " އަރޫޝާ ބުނެލިއެވެ.

" އެކަމަކު އަރޫ ވާ ހިތްވަރު ގަދަ. އަހަރެން ނަމަ ތިހެން މީހުންގެ ތެރެއަށް ނިކުންނާނެ ހިތްވަރެއް ނުވެސް ލިބޭނެ." ނީޒާ ބުންޏެވެ.

" ނީޒ! ނަދީމްއަކީ އަހަރެން ލޯބިވެގެން އިން މީހެއް ނޫނޭ. އަހަރެން ކޮން ދެރައެއް ވާންވީ؟ " އަރޫޝާއަށް އެހެން ބުނެވުމާއެކު އޭނާގެ ހަނދާނަށް އައީ ނީޒާ، ދާއިންދެކެ ލޯބިވާކަމެވެ. އެއާއެކު އަރޫޝާއަށް ފުންކޮށް ވިސްނާލެވުނެވެ.

އެކަމަށް ވެސް ހައްލެއް ހޯދަން އޭނާ މިހާރު ހުރީ ބޭނުންވެފައެވެ. ނީޒާއަށް އޮޅުވާލާކަށް އޭނާގެ ހިތެއް ނޭދުނެވެ.

" ނީޒް. އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފައި. " އަރޫޝާ ބުނެލިއެވެ.

އެއާއެކު އަރޫޝާއާ ދިމާލަށް ބަލަހައްޓައިގެން އިން ނީޒާގެ މޫނުމަތީގެ ޝުއޫރުތައް ބަދަލު ވެއްޖެއެވެ. ސުވާލުގެ ނަޒަރަކުން އޭނާ އަރޫޝާއަށް ބަލަމުން ގެންދިޔައެވެ.

" އަހަންނަކަށް ނޭނގެ މި ކަމުގައި އަހަރެން ކުއްވެރިވާނެ ކަމެއް.. " އަރޫޝާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" ދެން؟ ކިޔާބަލަ ތަންކޮޅެއް ސާފުކޮށް. އަހަރެން މި ހިތަށް އަރަނީ އަރޫ ކުއްވެރިވާންވީ ކީއްވެބާއޭ؟ ދެން ކިޔާބަލަ." ކެތްމަދުވެފައި ހުރެ ނީޒާ ބުންޏެވެ.

" ނީޒް ބުނީމެއްނު ދާއިންދެކެ ލޯބިވާ ވާހަކަ." އަރޫޝާ އެހެން ބުނުމާއެކު ނީޒާ ހިނިގަނޑެއް ޖަހާލިއެވެ.

" އަދިވެސް ދާއިން ގާތު އެ ވާހަކައެއް ނުބުނަން ދޯ. އެކަމާތަ؟ އެކަމަކާ ކުއްވެރިއެއް ނުވާނެއެއްނު. އަހަންނަށް ދާއިންގެ ނަންބަރު ދިނީމަ އަހަރެން އަމިއްލައަށް ވެސް އެކަން ކޮއްފާނަމޭ. " ދާއިންގެ ނަން އަޑު އިވުމުން ވެސް ނީޒާ އިނީ ހިތްހަމަޖެހިފައިކަން އަރޫޝާއަށް އެނގުނެވެ.

" ނޫނެކޭ. އެއީ އެއްނޫނޭ. ނީޒާ! ޕްލީޒް އަހަރެންދެކެ ރުޅި ނާންނައްޗޭ. މި ވާހަކަ ކުރިން ނުބުނީ އަހަރެން އޭރު ނަދީމްއާ އިނދެގެން ހުރީމަ. " އަރޫޝާ ނިޒާގެ އަތްމަތީގައި އަތް ޖައްސާލަމުން ބުންޏެވެ. މިފަހަރު ނީޒާގެ މޫނުމަތީގައި ކުޅެލީ ހައިރާންކަމުގެ އަސަރުތަކެވެ.

" އަސްލު އަހަރެން މި ރަށަށް އައިއްސުރެ އަހަންނާ ދާއިންއާ ދެމެދު ނަމެއް ދެވިފައި ނެތަސް ގުޅުން އޮވޭ. " އަރޫޝާ ވާހަކަ ދެއްކީ ސީދާ ނީޒާގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެއެވެ.

އަރޫޝާގެ ޖުމްލައިން ނީޒާއަށް ދެ ލޯ ކުޑަކޮށްލެވުނެވެ.

" އަހަރެމެން ދެ މީހުންނަށް ވެސް ލޯބިވާކަން އިހްސާސްވީ ދާއިން ރިސޯޓަށް ދިޔަފަހުން. އެކަމަކު އޭރު މަންމަމެން އަހަންނާ ނަދީމް ކައިވެނި ކުރުވަން އަހަރެން އެއްބަސް ކުރުވައިފި. ނަދީމް އެ އިނީ ނަދީމްގެ އަސްލު ލޯބިވެރިޔާއާ. އަދިވެސް ދާއިން އެ އިންތިޒާރު ކުރަނީ އަހަންނަށް. މިހާރު އަހަންނަކީ މިނިވަނެއް. ދާއިން މިހާރު ހުރީ އަހަންނާ ކައިވެނި ކުރަން ބޭނުންވެފައި." އަރޫޝާ ކިޔައިިދިނެވެ.

" އަރޫ؟ ބޭބެ އިނދެ ވަރި ކުރީމަ ކޮއްކޮއާ އިންނަން ތި އުޅެނީ؟ ތިއީ ހާދަ ހުތުރު ކަމެކޭ. އަރޫ ލަދެއް ވެސް ނުގަނޭތަ؟" ނީޒާ ބުންޏެވެ.

އެއާއެކު އަރޫޝާގެ ދެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.

" މީހުން ކޮންމެ އެއްޗެއް ކިޔަސް، އަހަންނަކަށް މި ނޫން ގޮތެއް ނެތް. އަހަރެންގެ ދިރިއުޅުމަށް މި އަންނަ ބަދަލުތަކާއި ހާލަތްތަކަކީ އަހަރެންގެ އަތްމަތީގައި އޮންނަ ކަންކަމެއް ނޫން. ފުރަތަމަ ކައިވެންޏަކީ ބޭނުން ވެގެން ކުރި ކައިވެންޏެއް ނޫން. މިއަދާ ޖެހެންދެން ވެސް އަހަންނާ ނަދީމްއަކީ ހަމަ ދެ ބީރައްޓެހިން. އަހަރެންގެ ހިތަކު އޭނައާ މެދު އެއްވެސް ލޯތްބެއް ނެތް. ދެން އަހަރެން ލޯބިވާ މީހާ އާ ކައިވެނި ކުރުމަކީ މައްސަލައެއްތަ؟" އަަރޫޝާ ބުންޏެވެ.

އަރޫޝާގެ ވާހަކަތައް އަޑު އެހި ނަމަވެސް ނީޒާ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އޭނާގެ މޫނުމަތިން އެކަން އަރޫޝާއަށް ވެސް ފާހަގަ ކުރެވުނެވެ.

" އަހަންނަށް އެނގޭ ނީޒް އަހަރެންދެކެ ހިތްހަމަ ނުޖެހޭނެކަން. ނީޒްއަށް އެނގޭތަ؟ އަހަރެން، އޭރު ދާއިން ކައިރީ ނީޒްގެ ވާހަކަ ދެއްކިން. އެކަމަކު... އޭނަ ގަބޫލެއް ނުވި. " އަރޫޝާ ބުންޏެވެ.

" ގަބޫލެއް ނުވާނެތާ އޭނަ ބޭނުންވަނީ ހަމަ އަރޫއެއްނު. ބޭބެ އިނަސް އޭނައަށް އޯކޭ ދޯ؟ " މަލާމާތުގެ ރާގަކަށް ނީޒާ ބުންޏެވެ.

" އަހަރެން ހީކުރީ ތިއީ އަހަރެންގެ އިހްސާސްތައް އަޑުއަހާނެ އެކުވެރިއެއް ކަމަށް. އަހަރެން އަބަދުވެސް ގަބޫލުކުރީ އެ ގޮތަށް." އަރޫޝާ ދެ ލޮލުން ކަރުނަ ފުހެލަމުން ބުންޏެވެ.

" އަހަރެން ދާއިން ދެކެ ލޯބިވާ ވާހަކަ އެވަރަށް ދެއްކި އިރު ވެސް އަރޫޝާއަކަށް ތި ވާހަކަ ތަކެއް ނުބުނެވުނު. އެންމެ ފަހަރަކު ވެސް ބުނެލަން ރަނގަޅު ދޯ އެއީ ތިމަންނަ އެންމެ ލޯބިވާ މީހާއޭ. " ނީޒާ ބުންޏެވެ.

" އޭރު އަހަންނަކީ މީހެއްގެ އަނތްބެކޭ. ކަންތައްވާނެ ގޮތެއް އަހަންނަށް އެނގޭނެތަ؟ މި ދުވަސް އަންނާނެކަމެއް އޭރަކު ނޭނގެ. އަހަރެން މަސައްކަތްކުރީމޭ ނީޒް ކަހަލަ ރަނގަޅު ކުއްޖަކަށް ދާއިން ގުޅުވޭތޯ. އެކަމަކު އޭނަ ބޭނުން ނުވީ. އޭނަ އިންކާރު ކުރީ. ނީޒް ދެރަ ވެދާނެތީ އެ ވާހަކަ ވެސް ބުނަން ނުކެރުނީ." އަރޫޝާ ބުންޏެވެ.

ނަމަވެސް ކޮމްޕިޔުޓަރަށް ބަލައިލަމުން ނީޒާ މަސައްކަތް ފެށީ އަރޫޝާއާ އިތުރަށް ވާހަކަ ދެއްކުމެއް ނެތިއެވެ. ނީޒާގެ އެ އަމަލުތަކުން އަރޫޝާ އިންތިހާއަށް ދެރަވިއެވެ. އެހެންވެ، އޭނާ އިރުކޮޅަކު އެހެން އިނުމަށްފަހު، ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.

ނަދީމް އިނީ އޭނާއަށްޓަކައި ރިޒާ ހާއްސަކޮށްފައި ހުރި ކޮޓަރީގައެވެ. އެއީ ނަދީމް ބޭނުންވާ ގޮތަށް މަސައްކަތް ކުރެވޭ ގޮތަށް ހަދާފައި ހުރި ކޮޓަރިއެކެވެ.

މޭޒުމަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން ނަދީމް އެ ދިމާލަށް ބަލައިލިއެވެ. މަސައްކަތް ހުއްޓާލުމަށްފަހު އޭނާ ގޮސް ފޯނަށް ބަލައިލީ މުހިއްމު ކޯލެއްތޯއެވެ. ގުޅަނީ ރިޒާއެވެ. މިއަދު އެ ފޯނަށް ރިޒާ އެ ގުޅަނީ ފަސްވަނަ ފަހަރެވެ.

" އަހަރެން ފޯނު ނުނެގީމަ، އަހަރެން ބިޒީކަން ބައްޕައަށް އެނގެން ވާނެ. އަހަންނަކީ ވަރަށް ބޮޑު މަސައްކަތެއް ކުރާ މީހެއްކަން ބައްޕައަށް އެނގެއެއްނު. ފުރަތަަމަ މެސެޖެއް ކޮއްފަ އަހަރެން ބިޒީތޯ ބަލައިލަބަލަ. " ނަދީމް ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.

މީގެ ކުރިން ނަދީމް އެފަދަ ގޮތަކަށް ދުވަހަކު ވެސް ރިޒާއާ މުހާތަބް ކޮށްފައެއް ނުވެއެވެ. ނަދީމްގެ ރާގު ހުރި ގޮތުން ރިޒާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

" ބައްޕަ ހިއެއް ނުކުރަން، ބަފަޔަކު ދަރިޔަކަށް ގުޅަން އެޕޮއިންޓްމަންޓެއް ބޭނުންވާނެ ކަމަކަށް." ރިޒާއަށް ބުނެވުނީ އަސަރާއެކުއެވެ.

" އަހަރެން ތިހެންނެއް ނުބުނަމެއްނު. " ފަރުވާކުޑަ ރާގަކަށް ނަދީމް ބުންޏެވެ. ރިޒާއަށް އެއްޗެއް ބުނަން ނުކެރިފައި އިރުކޮޅަކު ހުރެވުނީ ދެރަވީ ވަރުންނެވެ.

" ބައްޕަ މި ގުޅަނީ ވަރަށް ބޮޑު ބޭނުމަކު. ވަރި ސާބިތު ކުރާ ފޯމް ފުރަން ވެގެން، ނަދީމްގެ އައިޑީކާޑާއި އެހެނިހެން މައުލޫމާތު ބޭނުން ވެގެން." ރިޒާ ބުންޏެވެ.

" ވަރި ސާބިތު...؟ ހާދަ އަވަސް އަރުވާލައިގެން؟" ނަދީމް ބުނެލީ ހިތްހަމަ ނުޖެހިގެންނެވެ.

" އަވަހެއް ނޫނެއްނު. މިހާރު ވަރިކުރިފަހުން ދެ ހަފްތާވީ. އެނގޭތަ ކޯޓުން ބޭރުގައި ވަރުކުރީމަ ފައިސާ ދައްކަންޖެހޭނެކަން؟ މިއީ ކުޑަކަމެއް ނޫނޭ. " ރިޒާ ބުންޏެވެ.

" ހުއް؟ ފައިސާ ދައްކަން ޖެހޭތީތަ ބައްޕަ ހިތްހަމަ ނުޖެހުނީ؟ އަހަރެން ފޮނުވަފާނަން އޭގެ ޑަބަލް ވެސް." ނަދީމް ބުނެލީ މަލާމާތުގެ ރާގަކަށެވެ.

" މިއަދު ނަދީމްއަށް ޑޮލަރު މަތީ އުދުހެވޭތީ މި ބައްޕަގެ ނިކަމެތިކަން ހަނދާން ނެތިއްޖެ. ތިވަރު ކޮށްފައި ތި ހުރީ އެންމެ ފަސްހާސް ރުފިޔާއަކުން ނޫނޭ. މި ގުޅީ އެ ލާރި ބޭނުން ވެގެންނެއް ނޫން. މި ގުޅީ ދާއިން އަރޫޝާއާ އިންނަން ބޭނުންވާތީވެ، އަވަހަށް ވަރި ސާބިތު ކުރާ ފޯމު ހުށަހަޅަން ވެގެން. ނަދީމްގެ މައުލޫމާތު ބޭނުން ވާތީ. މި ނަންބަރަށް އެ މައުލޫމާތުތައް ފޮނުވައިދީ. ބައްޕަ ދެން އިރާދަކުރެއްވިއްޔާ ނަދީމްގެ އެޕޮއިންޓްމަންޓެއް ބޭނުމެއް ނުވާނެ." ރިޒާ ފޯނު ކަނޑާލިއެވެ.

" ވަޓް؟ ދާއިންއާ އަރޫ؟ ނޯ! ނޯ!" ނަދީމްއަށް ބުނެވުނެވެ.

ކައިރީގައި ހުރި ގޮނޑީގައި އޭނާއަށް ހިފަހައްޓާލެވުނީ ތުރުތުރުއަޅާ ހާލުގައެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

އެޑިޓަރުގެ ނޯޓު: މިވާހަކަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެމުންދާ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ސަލާ އަށް ދިމާވެފައިވާ ސިއްހީ ހާލަތަކާއި ގުޅިގެން މި ވާހަކަ ވަގުތީ ގޮތުން މެދު ކަނޑާލެވިފައިވާކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އުންމީދަކީ މާތްﷲ ގެ ރަޙްމަތްފުޅުން ލަސްތަކެއްނުވެ ކިޔުންތެރިންނާއި ހަމައަށް ސަލާއަށް އެނބުރިއާދެވުމެވެ. އަދި ދުޢާ އަކީ ވެސް އެޔެވެ. މިވާހަކަ އަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، މިވާހަކައިގެ އައު އެޕިސޯޑެއް ގެނެސްދިނުން ލަސްވެގެންދާކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ.

(ނިމުނީ)