ކުރީގެ އަދަދާއިގުޅޭ:

" އަރޫ؟" ދާއިންއަށް އަރޫޝާ ގެ ނަމުން ގޮވައިލެވުނީ ނުހަނު ބާރަށެވެ. އޭރު ބަނޑުގައި އަތް އަޅައިގެން ދާއިންގެ ގައިގައި އޭނާ ލެނގިލައިފިއެވެ. ކުއްލިއަކަށް ދާއިންއަށް ފެނުނީ މުށިތައްމަތީގައި ހުރި ލޭ ތިކިތަކެވެ. އެއާއެކު އަރޫޝާ ހަބަރު ހުސްވެގެން އޭނާގެ ގައިގައި ތަތްވެއްޖެއެވެ.

Ad
rt

މެރިފައިވާ ދެ ލޯ އަރޫޝާއަށް ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރުވެސް ލޮލުގެ އެސްފިޔަތައް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ސީލިންގުގައި ހަރުކޮށްފައި ހުރި ބޮތްކަށް ބަލަހައްޓައިގެން އޮއްވާ ކުއްލިއަކަށް އޭނާގެ ކަންފަތުގައި ޖެހުނީ ދާއިންގެ އަޑެވެ.

" އަރޫ؟ މިހާރު ކިހިނެއް؟" ދާއިން ބުނެލިއެވެ.

އަރޫޝާގެ ބޮލުގައި ފިރުމާލަމުން ދާއިން އަރޫޝާގެ އަތްތިލަ މަތީގައި އަތް ބާއްވާލިއެވެ. ނަމަވެސް ހަށިގަނޑުގައި ހުރި ވަރުބަލިކަމާއި ލޮޑުކަމުގެ ސަބަބުން އަރޫޝާ އޮތީ އަނގައިން ބުނާ ހިތް ނުވެފައެވެ. ބޮލަށް ބަރުވެފައި ހުރުމުން އަނެއްކާ ވެސް އޭނާ ލޯ މަރައިލީ ދާއިންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތިއެވެ.

" އައިވީ ގުޅާފައި ބުނި އަދި އެއްވެސް އެއްޗެއް ނުދޭށޭ. ހޭލެވުނީމަ ނަރުހުންނަށް ހަބަރު ވެލާށޭ ބުނީ. ލޭގެ ޓެސްޓްތަކެއް ވެސް ހެދި. ނަތީޖާ މިހާރު ލިބިދާނެ ކަންނޭނގެ. " ދާއިން ބުނެލިއެވެ.

ދާއިން ދައްކާ ވާހަކަތަކަށް އެއްވެސް ރައްދެއް ދިނުމެއްނެތި އަރޫޝާ ހަމަ އޮތީއެވެ.

" އަހަރެން މި ހުރީ ވަރަށް ބިރުން. އަރޫ ތިހާ ބަލިވާންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނު. މިއަދު ހަމައެކަނި އަހަރެން އުފާވަނީ، އަރޫ އަހަރެންގެ ކައިރީގަ ހުރީމަ. އަހަންނާ ދުރުގައި ހުއްޓާ އަރޫ ބަލިވެއްޖެއްޔާ އަހަންނަށް ހަމަ ނިދި ވެސް ނުލިބޭނެ." ދާއިން ބުންޏެވެ.

ދާއިން، އޭނާގެ އަތުގެތެރޭގައި އޮތް އަރޫޝާގެ އަތަށް ބޮސްދިނުމަށްފަހު އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން މި ދަނީ ނަރސިން ސްޓޭޝަނަށް. ފަހަރެއްގައި މިހާރު ނަތީޖާ ވެސް ލިބިދާނެ. " ދާއިން އެހެން ބުނެ މަޑުމަޑުން ތެދުވިއެވެ.

" މި އަންނަނީ އިނގޭ." ގުދުވެލުމަށްފަހު ދާއިން ބުނެލީ އަރޫޝާގެ ބޮލުގައި އަތް ޖައްސާލައިގެން ހުރެއެވެ. އެ ވަގުތު އަރޫޝާ މަޑުމަޑުން ބޯ ޖަހާލިއެވެ. އަރޫޝާގެ ފަރާތުން އިޝާރާތެއް ލިބުން ވެގެން ދިޔައީ ދާއިންގެ ހިތަށް ފިނިކަން ލިއްބައިދިން ކަމަކަށެވެ.

ދާއިން ދިޔުމާއެކު އަރޫޝާ ދެ ލޯ ހުޅުވާލިއެވެ. އަދި އެތައް އިރެއް ވަންދެން އޭނާ އެހެން އޮތެވެ. އޭނާއަށް ލަފާކުރެވޭ ގޮތުން ދާއިން ދިޔަ ފަހުން މިހާރު 45 ވަރަކަށް މިނިޓް ވެދާނެއެވެ. ދާއިން ރޫމަށް ނައިސް ލަސްވުމުން އަރޫޝާ ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެއްޖެއެވެ. އެކަނި އޮންނަން ބިރުވެސް ގަނެއްޖެއެވެ. ދާއިންއަށް ގުޅަން އެތައް ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ފޯނު ވީ ހިސާބެއްވެސް އޭނާއަކަށް ނޭނގެއެވެ.

ހާސްވެފައި އޮތް އަރޫޝާ ސިހުނީ ދޮރު ހުޅުވުނު އަޑަށެވެ. އޭރު ޑޮކްޓަރަކާއި ނަރުހެއް އެ ކޮޓަރި ތެރެއަށް ވަންނަނީއެވެ.

" މިހާރު ކިހިނެއް؟" ހެވިފައި ހުރެ ޑޮކްޓަރ ސުވާލުކޮށްލުމުން ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް އަރޫޝާ ހީލިއެވެ.

" އެހީތެރިޔާ ކޮބައިތޯ؟" ޑޮކްޓަރ އެހިއެވެ.

އޭރު އޭނާ ހުރީ އަތުގައި އޮތް ފައިލްގައި ހުރި ކަރުދާސްތައް ބަލާށެވެ. ފަހަރަކު ރިޕޯޓަކަށް ބަލައިލުމަށްފަހު، ފައިލް ފަޒޫސިސްޓާގެ އަތަށް ދިއްކޮށްލަމުން ޑޮކްޓަރ އަރޫޝާއާ ދިމާލަށް ބަލައިލިއެވެ. އޭރު އަރޫޝާ އޮތީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ.

" ޕްރެގްނެންސީ ޕޮޒިޓިވް ނަތީޖާއެއް މި އޮތީ. އެކަމަކު އެޗް.ސީ.ޖީ ލެވެލް ވަރަށް ބޮޑަށް ދަށްވެފައި ހުރީ.އެހެންވީމަ ވަރަށް އަވަހަށް ސްކޭނެއް ކުރަން އެބަ ޖެހޭ!" ޑޮކްޓަރ އެހެން ބުނުމާއެކު އަރޫޝާގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ލިބުނު ހަބަރާއެކު އޭނާ ވެސް އޮތީ ހުއްޓިފައި ކަހަލައެވެ. ޑޮކްޓަރާއެކު ފަޒޫސިސްޓާ ނިކުމެގެން ދިޔައިރު ވެސް އަރޫޝާއަށް ހަމަ އޮވެވުނީއެވެ.

" ދާއިން؟ ދާއިންއަށް އެނގުނީބާ؟ ދިޔަ ގޮތަށް މިހާ ގިނަ އިރު ވީ އިރު ވެސް ދާއިން އެނބުރި މި ނައީ އޭނައަށް މި ހަބަރު ލިބުނީމަ ބާ؟" އަރޫޝާއަށް ހިތާހިތާ ސުވާލު ކުރެވުނެވެ. އޭރު އޭނާގެ ލޮލުގެ ހިމަކޮޅުން ފެންތައް ފައިބަން ފަށައިފިއެވެ.

މަޑުމަޑުން ބަނޑުގައި އަތްޖައްސާލެވުނީ ގިސްލަމުންނެވެ. އޭނާގެ ހަށިގަނޑުގެ ތެރޭގައި ކުޑަކުޑަ ފުރާނައެއް އޮތްކަން އެނގުމުން ހިތަށް ކުރެވުނީ ބަޔާންކުރަން ދަތި އިހްސާސްތަކެކެވެ. ކޮންމެ ފަދަ ހާލަތެއްގައި އޭނާ ހުރި ނަމަވެސް، އެ ފުރާނައަކީ މާތްﷲ އޭނާއަށް ދެއްވި އަމާނާތެކޭ ހިތަށް އެރުމާއެކު ހިތަށް ފިނިކަން ލިބިއްޖެއެވެ.

" އަހަރެން... އަހަރެން މަންމައަކަށް ވަނީތަ؟ އަހަރެންގެ ބަނޑުގައި ދަރިޔަކު؟" އަރޫޝާއަށް ބުނެވުނެވެ.

ވަގުތަކީ ފަޒޫސިސްޓާ އައިސް ވަތް ވަގުތެވެ.

" ކޮބައިތޯ ފިރިމީހާ؟ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސްކޭން ރޫމަށް ދާން ޖެހޭނެ. ވީލްޗެއާ ހިފައިގެން އަޅުގަނޑުމެންގެ މުވައްޒިފެއް އަންނާނެ. އެކަމަކު އެހީތެރިޔަކު ކައިރީގައި ކޮންމެހެން ވެސް ހުންނަން ޖެހޭނެ. " ފަޒޫސިސްޓާ ބުންޏެވެ.

ދޭނެ ޖަވާބެއް ނޭނގިފައި އަރޫޝާއަށް އޮވެވުނީ އެ ކުއްޖާގެ މޫނަށް ބަލާށެވެ.

" އޭރު ނާސިން ސްޓޭޝަންއަށް ގޮސް ޕޭޝަންޓްގެ ރިޕޯޓް ރަނގަޅުތޯ ސުވާލު އެ ކުރީ ފިރިމީހާ ތޯ؟" ފަޒޫސިސްޓާ އެހިއެވެ.

އެއާއެކު އަރޫޝާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ފިރިމީހާކަމަށް ހީކުރީ. އޭނަ ވަރަށް ހާސްވެފައި ހުރީމަ އަޅުގަނޑު ބުނިން ބަނޑުބޮޑު ވާހަކަ. ގަބޫލު ވެސް ނުކުރެވިފައި ކަންނޭނގެ ހުރީ. ހަމަ ޔަގީންތޯ ވެސް އެހި. " ފަޒޫސިސްޓާ ވާހަކަ ދެއްކީ އައިވީ ޑިސްކަނެކްޓްކޮށްލަން ހުރެގެންނެވެ.

ތެޅިތެޅި އޮތް ހިތަކައިގެން އަރޫޝާ އެ ކުއްޖާގެ މޫނަށް ބަލައިލަމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

" އޭނަ... އޭ..ނައެއް ދެން ނާންނާނެ." އެ ވަގުތު އަރޫޝާއަށް ރޮވިއްޖެއެވެ.

ކަންބޮޑުވެފައި ހުރި ފަޒޫސިސްޓާ ވަގުތުން އަރޫޝާގެ އަތުގައި ހިފާލިއެވެ. ވަގުތަކީ ވީލްޗެއާ ހިފައިގެން ސްޓާފަކު އެ ތަނަށް ވަތް ވަގުތެވެ.

" މި ވަގުތު އެހީތެރިޔާ ކޮންމެހެން ވެސް ބޭނުންވާނެ. ގުޅައިދެވިދާނެ! އެޑްމިޝަން ފޯމުގައި އެ ބޭފުޅާގެ ނަންބަރު އޮންނާނެ. އަޅުގަނޑު ވަރަށް އަވަހަށް ގުޅާފައި މި އަންނަނީ. " ސިސްޓާ ބުންޏެވެ.

ފަޒޫ ސިސްޓާ އެނބުރި އަންނަން ދެން އަރޫޝާ އޮތީ ކަންބޮޑުވެފައެވެ. ދާއިން ފޯނު ނުނަގާ ކަމަށާ އިތުރު މީހެއްގެ ނަންބަރު ދިނުމަށް ސިސްޓާ އެދުނެވެ. ނަމަވެސް އަރޫޝާ ދޭނީ ވަކި ކާކުގެ ނަންބަރެއް ހެއްޔެވެ؟ އޭނާގެ ހުރީ ވަކި ކާކު ހެއްޔެވެ؟

ކުއްލިއަކަށް އަރޫޝާގެ ބަނޑަށް އިންތިހާއަށް ތަދުވާން ފެށިއެވެ. ދެ ލޯ މަރައި ފިއްތާލަމުން އޭނާ ދެ އަތުން ބަނޑުމަތީގައި އަތް އެޅުމާއެކު ވަރަށް ބާރަށް އޭނާއަށް ރޮވިއްޖެއެވެ.

" މަންމާ..." އަރޫޝާއަށް ރޮއިގަނެވުނެވެ.

އެ ވަގުތު ލެއިން ބެޑްޝީޓް ފޯވަމުންދާ މަންޒަރު ފެނި، ސިސްޓާ ވަރަށް ބާރަށް ދޮރާ ދިމާލަށް ދުއްވައިގަތެވެ. އަދި އިތުރު ނަރުހުންނަށް ގޮވައި އެ ކޮޓަރިއަށް ހާޟިރު ކުރުވިއެވެ.

" އަަހަރެން މި ދަނީ ޑޮކްޓަރއަށް ގުޅަން. ޕޭޝަންޓްގެ ހާލަތު ވަރަށް ސީރިއަސް." ފަޒޫ ސިސްޓާ އެހެން ބުނެ، ބޭރަށް ނިކުތީ އިތުރު ދެ ނަރުހަކު އެ ކޮޓަރިއަށް ވަނުމުންނެވެ. އެ ވަގުތު ހަބަރު ހުސްވެގެން އަރޫޝާގެ ގައިން ބާރު ދޫވެއްޖެއެވެ.

މި ފަހަރު އަރޫޝާއަށް ލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ އޮޕަރޭޝަން ތިއޭޓާގައެވެ. ޑޮކްޓަރުން އޭނާގެ ވަށައިގެން ހަރަކާތްތެރިވާ މަންޒަރު އޭނާއަށް ފެންނަނީ ވަރަށް ނުސާފު ކޮށެވެ. ބޮލަށް އެނބުރުން އަރާފައި ހުރުމުގެ ސަބަބުން ލޯ ހުޅުވައިގެން އޮންނާނެ ހިތްވަރެއް ވެސް ނުލިބުނެވެ. އަނެއްކާ ވެސް އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ.

އެތައް އިރެއްގެ ފަހުން އަރޫޝާ ހޭވެރިކަންވެއްޖެއެވެ. ލޯ ހުޅުވާލެވުމާއެކު، ކައިރީގައި އިނީ ކާކުތޯ އޭނާއަށް ބަލައިލެވުނެވެ. އެއާއެކު ސިހިފައި، ދެ ލޯ ބޮޑު ވެގެން ދިޔައީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. ވަރުބަލިކަމާއި ނިދީގެ އަސަރުގައި އޮވެ، އޭނާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

" ތި އުޅެނީ ދާއިން ކޮބައިތޯ އަހަން ވެގެންތަ؟ އެކަމާ ނުވިސްނާ. އޭނަ މިތާ އުޅެފައި އެ ދިޔައީ. އަދި އަންނާނެ. " އާބިދު ބުންޏެވެ.

" ދޮ..ދޮގު ތި ހަދަނީ. އޭނައެއް ނާންނާނެ. އޭނަ ނައިސް އަހަރެންގެ ކައިރިއަށް އާބިދު ފޮނުވީ ކީއްކުރަން؟ އާބިދު ވެސް ދޭ! އަހަންނަށްޓަކައި އެއްވެސް ބުރައެއް އުފުލާކަށް އާބިދަކަށް ނުޖެހޭނެ. " ކުރަކި ވެފައިވާ އަޑަކުން އަރޫޝާ ބުނެލިއެވެ.

އަރޫޝާގެ ވާހަކަތަކަށް ރައްދެއް ނުދެވި އުޅެނިކޮށް ކުއްލިއަކަށް އެ ތަނަށް އައިސްވަނީ ނަރުސް ކުއްޖެކެވެ. ޑިޔުޓީ ބަދަލުވުމާއެކު މި ވަގުތު ޑިޔުޓީގައި ހުރި ރާޔާ ސިސްޓާއެވެ.

" މިހާރު ކިހިނެއް؟ " ރާޔާ ސިސްޓާ އޯގާތެރިކަމާއެކު އަހާލިއެވެ.

" މި ވަގުތު ހޫނު ކަޅުސައި ތައްޓެއް ކަހަލަ އެއްޗެއް ދެވޭތޯ ބަލާ! އަދި ދެ ގަޑިއިރެއްހާ ފަހުން ކާ އެއްޗެއް ދޭންޖެހޭނީ. އިނގޭ! " ރާޔާ ސިސްޓާ ވާހަކަ ދެއްކީ އާބިދާއެވެ.

އާބިދު ބޯ ޖަހާލުމާއެކު ސިސްޓާ އަވަސްވެގަތީ އަރޫޝާގެ ވައިޓަލްސް ޗެކް ކުރުމަށެވެ. އޭރު އާބިދު ފޯނު ނަގައިގެން މެސެޖެއް ލިޔާތަން އަރޫޝާއަށް ފެނުނެވެ. ނޭވާ ހިފަހައްޓާލައިގެން އޮތް އަރޫޝާގެ ހިތަށް އޭރުވެސް އެތައް އެއްޗެއް އަރާ ފައިބަމުން ދެއެވެ.

" އެބޯޝަން ހެދީމަ އަދި ސްކޭނެއް ކޮއްލަން ޖެހޭ! ފަހަރެއްގައި މިރޭ ވެސް ސްކޭންއަށް ދާން ޖެހިދާނެ. ދެން... އަވަހަށް ބްލެކްޓީއެއް ބޯލާ އިނގޭ." ސިސްޓާ އެހެން ބުނެ، އަވަސް އަަވަހަށް ނިކުމެގެން ދިޔައެވެ.

" އެބޯޝަން؟ އަހަރެންގެ ދަރިފުޅު؟ " ހައިރާންވެފައި އަރޫޝާ ބުނެލިއެވެ.

އެއާއެކު އާބިދު ބޯޖަހާލިއެވެ. އެއާއެކު އަރޫޝާއަސް ރޮވެން ފެށިއެވެ. އޭނާ އަވަސް އަވަހަށް އަނގަމަތީގައި އަތް އަޅައިގެން އޮވެ، އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

" އަރޫ!" ޖެހިލުންވެ ހުރެ އާބިދު ގޮވާލިއެވެ.

ނަމަވެސް އަރޫޝާ ބަލައެއް ނުލިއެވެ. އޭނާ އެހެން އޮވެ، ގިސްލަމުން ދާކަން އާބިދުއަށް އެނގުނެވެ.

" އަހަރެން މި އަންނަނީ ކެންޓީނަށް ގޮސް." އާބިދު އެހެން ބުނެ އަވަސް އަވަހަށް ނިކުމެއްޖެއެވެ. އޭރު އާބިދު ވެސް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

" ހަލޯ! އޭ.. ދާއިން! ކަލޭ އާދޭ ހެޔޮނުވާނެ. އެ ކުއްޖާ ފަކީރު ރޮއިރޮއި އަަވަދިވަނީއޭ." ހާސްވެފައި ހުރެ އާބިދު ބުނެލިއެވެ.

އާބިދުގެ އަޑު އިވުނު ނަމަވެސް އަނގައިން ބުނަން އުނދަގޫ ވެފައި ދާއިންއަށް އިރުކޮޅަކު ހުރެވުނެވެ.

" މަގޭ ކުރި މެސެޖު ވެސް ނުބަލައޭ އޮތީ." އާބިދު ބުންޏެވެ.

" ހޭ އެރީތަ؟" ދާއިން ސުވާލު ކުރީ މާޔޫސްވެފައިވާ އަޑަކުންނެވެ.

" އާނއެކޭ. ކަޅުސައި ދޭން ވެސް ބުނެފި. ކަލޭ އާދޭ ދެން. މަ މިދަނީ ކެންޓީނަށް." އާބިދު ބުނެލީ ތަންކޮޅެއް ބާރަށެވެ.

" އޭނައާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް މަގޭ ގަޔަކު ނެތޭ. " ދާއިން ބުންޏެވެ.

" އަރޫއަށް އަދި ބޯ ހިއްލައިވެސް ނުލެވޭނެ. މަ ކިހިނެއް އޭނައަށް ސައިދޭނީ؟ އަދި ދެ ގަޑިއިރު ފަހުން ކާން ވެސް ދޭން ޖެހެޔޭ. ކަލެއެއްނު އޭނަ މި ތަނަށް ގެނައީ! " އާބިދު ބުންޏެވެ.

" އެކަމަކު އާބިދުއަށް އެނގެއެއްނު އަހަރެންގެ ހާލަތު. އަހަރެން ބޭނުމެއް ނޫނޭ އަރޫގެ ކުރިމައްޗަށް ދާކަށެއް. ކީއްވެގެންކަން މަ ބުނީމެއްނު. " ދާއިން ދެކޮޅު ހެދިއެވެ.

" އޭ! ކަލޭމެން ދެ މީހުން އެކަމާ ފަހުން ބަހުސް ކުރަން ވިޔަސް މިހާރު އިހަށް ކަލޭ ހޮސްޕިޓަލަށް އާދޭ. އަރޫ ދޫކޮށްލީމަ ދެން އެކަމާ ތި ދެ މީހުން ވާހަކަ ދައްކާ. އިންސާނިއްޔަތަށްޓަކައި ވެސް އެ ކުއްޖާއަށް އެހީތެރިވާން ޖެހޭނެދޯ؟ މަ ފެނުނީމަ ވެސް އޭނަ ހުރީ ހައިރާންވެފަ. ދާއިން ދެނެއް ނާންނާނެޔޭ ވެސް ބުނި." އާބިދު އެއްފައްޗަކަށް ޖުމްލަތައް އަމުނާލިއެވެ.

" އަރޫއަށް އެނގޭނެ އަހަންނަށް ވާނެ ގޮތް. " ދާއިން ބުންޏެވެ.

" އޭ ދެން ގޮތްދޫކޮށްފައި މާ އިމޯޝަނަލް ނުވެ އަންނާށޭ! އެ ކުއްޖާ މި ތަނުން ނެރެވެން ދެން ކަލޭ ޖެހޭނެ ދޯ ބަލަން. އޯކޭ މަ މި ހުންނަނީ ކެންޓީނު ދޮރުމަތީގަ.ކަލޭ ނައްޔާ، އަރޫ އެކަނި ބާއްވާފަ މަ ދާނަން. އާދޭ!" އާބިދު ބުނެލީ ބާރަށެވެ.

އާބިދުގެ އިންޒާރު އަޑު އެހުމަށްފަހު މާ ލަސްތަކެއް ނުވެ، ދާއިން އަތުވެއްޖެއެވެ.

" މި ވަގުތު ދާއިންއާއެކު މަ އެ ތަނަށް ވަނީމަ ކަމަކު ނުދާނެ. ސީރިއަސްކޮށް މި ބުނީ. ދާއިން އެކަނި ވަދޭ. މަ ދިޔައީމަ އަރޫ ކޮމްފޮޓަބަލްއެއް ނުވާނެ." އާދޭހާއެކު އާބިދު ބުނެލިއެވެ.

އާބިދުގެ އަތުގައި ހުރި ސައި ޕެކެޓް ހިފައިގެން ދާއިން ހޮސްޕިޓަލަށް ވަނީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ. އޭރު ވެސް އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔައީ، އަރޫޝާ ހަބަރު ހުސްވެގެން، އިމަރޖެންސީގައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދި މަންޒަރެވެ. އަރޫޝާގެ ހާލަތު އެހާ ގޯސްވާކަށް އޭނާ ދުވަހަކު ވެސް ނޭދެއެވެ. އަރޫޝާއަށް އެއްވެސް ހާލެއްގައި ދެރައެއް، އަނިޔާއެއް ލިބޭކަށް ދާއިން ފަހަރެއްގައި ވެސް ބޭނުމެއް ނުވެއެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ދާއިންއަށް ފުރަތަމަ ވެސް ބަލައިލެވުނީ އެނދުގައި އޮތް އަރޫޝާއަށެވެ. އޭރު ވެސް އަރޫޝާގެ ދެ ލޯ ހުޅުވެނީ ހަމަ ކިރިޔާއެވެ. އަރޫޝާގެ މޫނަށް ދެ ވަނަ ފަހަރަށް ބަލައިލާނެ ހިތްވަރެއް ދާއިންއަކަށް ނުލިބުނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)