އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ހަތް ދަޢުވާއެއް އުފުލައިފިއެވެ.
މި ދަޢުވާތައް އުފުލިކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ބުނީ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް މިއަދު (5 ފެބްރުވަރީ 2025) ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މިގޮތުން މަޝްއަރު ގްރޫޕުގެ ވެރިޔާ ޢަލީ ފާރިޝް (މ. ހަވީރީފިނި) ގެ މައްޗަށް ހަތް ދަޢުވާއެއް އުފުލާފައިވާކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެ ދެ ދަޢުވާ އަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ ހަ ދަޢުވާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ.
ޢަލީ ފާރިޝްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ ހަ ދަޢުވާއެއް އުފުލި ސަބަބަކީ އޭނާ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން ޢުމްރާއަށް ގެންގޮސްދީފައިނުވާތީއާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވާތީކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ދަޢުވާކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންނެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި ޢުމްރާއަށް ދިއުމަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނެއެވެ.
ޕީޖީން ބުނެފައިވާ ގޮތުގައި ޢަލީ ފާރިޝް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދަޢުވާގައި އެދިފައިވާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މަޝްއަރު އުމްރާ ގްރޫޕުގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދޭން އެދިއްޖެ
ޢަލީ ފާރިޝްގެ މައްޗަށް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ އުފުލި ސަބަބަކީ، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެ، އެ ފައިސާ، ޢަލީ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި، ޢަލީ ފާރިޝްގެ ޙިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަރކޮށްފައިވާތީކަމަށް ޕީޖީން ވަނީ ފާހަގަކޮށްފައެވެ.
ޕީޖީން ބުނިގޮތުގައި ޢަލީ ފާރިޝް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރެވެ.
މި މައްސަލައަކީ ތަޙުޤީޤު ހިނގަމުންދާ މައްސަލައެއްކަން ޕީޖީން ބުނީ، ޢަލީ ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މަޝްޢަރު ޕްރައިވެޓް ލިމިޓެޑުން ޢުމްރާއަށް ގެންދިއުމަށް މީހުން ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ޚިޔާނާތްތެރިވިބައިގެ ތަޙުޤީޤު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިގައި ޢަލީ ފާރިޝްގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށެވެ.
މި ދަޢުވާތައް އުފުލުމާއެކު ޕީޖީ އޮފީހުން ބުނެފައި ވަނީ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫން ކަމަށެވެ.
''ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.'' ޕީޖީ އޮފީހުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!