ހއ. އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އިހަވަންދޫ ހުރަވީ ވޮލީ ކޯޓާއި ހިންނަ ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
މި ދެތަނަކީ ވެސް ސަރުކާރުގެ އެހީތެރިކަމާއެކު އިހަވަންދޫ ކައުންސިލުން ތަރައްގީކޮށްފައިވާ ދެތަނެވެ.
މީގެ އިތުރުން ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އިހަވަންދޫ ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު، ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
އިއްޔެ އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ކުޅުވަރުގެ ދާއިރާއިން އެރަށަށްވީ ވައުދުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދަނޑުގެ މަޝްރޫޢުގެ އިތުރުން ވެސް ކުޅިވަރާބެހޭ ވަރަށްގިނަ ކަންކަން އެރަށަށްކޮށްދޭން ވައުދުވެވަޑައިގަތް ކަމަށެވެ..
''ކެމްޕެއިންގައި ވަޢުދުވިން، ކުޅިވަރާބެހޭ ވަރަށްގިނަ ކަންކަން، މި ރަށުގައި އަޅުގަނޑު ކުރިއަށް ގެންގޮސްދޭނެ ކަމަށް. މަލްޓިޕަރޕަސް ކޮމްޕްލެކްސްއެއް، އެކި ކުޅިވަރުތައް ހިމެނޭގޮތަށް ހަދައިދޭން. އެހެންވީމާ، މިއަދު މި ފެށިގެންދާ މަސައްކަތަކީ، މި ރަށުގެ ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް، އަޅުގަނޑު ކެމްޕެއިންގައި ވީ ވަޢުދު ފުއްދުމުގެ ޢަމަލީ މަސައްކަތުގެ ސިލްސިލާ. އޭގެތެރެއިން އެކި ކުޅިވަރުތަކަށް ބޭނުންވާ، އެކި ފެސިލިޓީޒްތައް ޤާއިމުކުރުމަކީ، މި ދައުރުގެ ތެރޭގައި، ބަހައިލެވިގެން، ތަރުތީބުކުރެވިގެން އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ކޮށް ނިންމާނެ ކަންތައްތައް ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!