ގޮލާން އުސްބިންތަކުން އިސްރާއީލުގެ އަސްކަރިއްޔާ އަނބުރާ ގެންގޮސްފިނަމަ، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އާއެކު ފުރިހަމައަށް އެއްބާރުލުން ދިނުމަށް ސީރިއާގެ އައު ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ބުދަ ދުވަހު ބުނެފިއެވެ.

ސީރިއާގެ ޚާރިޖީ ވަޒީރު އަސަދް އަލް-ޝައިބާނީ އަދި ދިފާއީ ވަޒީރު މުރްހަފް އަބޫ ޤަސްރާ، އދ. ގެ އިސް ވަފުދަކާއެކު ދިމިޝްޤުގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ މިކަމާ ބެހޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އދ. ގެ ފަރާތުން ބައިވެރިވީ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ޕީސް އޮޕަރޭޝަންސް ޖީން-ޕިއޭރ ލަކްރޯ އަދި ޔޫއެންޑީއޯއެފްގެ ވަގުތީ އިސްވެރިޔާ މޭޖަރ ޖެނެރަލް ޕެޓްރިކް ގޯޗެޓްއެވެ.

Ad
rt

ސީރިއާގެ ސަރުކާރުގެ ނޫސް އިދާރާ ސަނާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 1974 ވަނަ އަހަރުގެ އެއްބަސްވުމާ އެއްގޮތަށް ބޯޑަރު ސަރަހައްދު ބެލެހެއްޓުމަށް ސީރިއާގެ ފަރާތުން އެއްބާރުލުން ދޭނެކަން މި ބައްދަލުވުމުގައި ކަށަވަރުކޮށްދިނެވެ. އަދި އދ. ގެ ވަފުދުގެ ފަރާތުން މި މައްސަލަ ހައްލުކުރުމަށާއި އެ ސަރަހައްދުގައި ހަމަޖެހުން ގާއިމްކުރުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދިންކަމަށްވެސް ސަނާއިން ބުންޏެވެ.

މި ބައްދަލުވުން ބޭއްވުނީ އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އެ ޤައުމުގެ އަސްކަރިއްޔާ "މުއްދަތެއް ނެތް ގޮތަށް" އެ ސަރަހައްދުގައި ބާއްވާނެ ކަމަށް ބުނި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޑިސެމްބަރު 2024 ގައި މި ސަރަހައްދަށް ވަދެ ކޮންޓްރޯލް ހޯދީ 1974 ވަނަ އަހަރު ސީރިއާ އާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށެވެ. މިއީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިން ފެށިގެން އިސްރާއީލުން ހިފާފައިވާ ގޮލާން ހައިޓްސްގެ ސަރަހައްދުގެ އިތުރުން އަލަށް ހިފި ސަރަހައްދެކެވެ. މި ސަރަހައްދު ހިފުމަކީ ވަގުތީ ކަމެއް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނި ނަމަވެސް، އަސްކަރިއްޔާ އަނބުރާ ގެންދާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ގާތްގަނޑަކަށް 25 އަހަރު ވަންދެން ސީރިއާގެ ވެރިކަން ކުރެއްވި ބަޝާރް އަލް-އަސަދް ވަނީ ޑިސެމްބަރު 8 ގައި ދިމިޝްޤުގެ ވެރިކަން އިދިކޮޅު ބާރުތަކުގެ ބާރުގެ ދަށަށް ދިޔުމާ ގުޅިގެން ރަޝިއާއަށް ފިލާވަޑައިގެންފައެވެ. މިހާރު ސީރިއާގެ ވެރިކަން ހިންގަވަނީ އަހުމަދު އަލް-ޝަރާއާގެ ވެރިކަމުގެ ދަށުން އުފެދުނު އައު އިދާރާއިންނެވެ.