ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސިއްޙީ ވަޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުއެވެ.

އެ ރަށުގައި އަޅާ ހޮސްޕިޓަލްގެ ޢިމާރާތް އެޅެންދެންވެސް ޚިދުމަތްތަކަށް ރަނގަޅު ފެންވަރެއްގެ ކުރިއެރުންތައް ގެނައުމަކީ ކުރަށްވާނެ ކަމެއްކަމަށް އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

''ޑައިލިސިސް ޚިދުމަތް ޤާއިމުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެދަނީ ނިމެމުން. އިރާދަކުރެއްވިއްޔާ، ރަމަޟާން މަސް އަންނަންވާއިރަށް، މާނައަކީ ފެބުރުވަރީ މަސް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ، ޑައަލިސިސްގެ ޚިދުމަތް ރަށުގައި ޤާއިމުކުރެވިގެން ދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

އިހަވަންދޫގައި އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ ޔޑރ. މުޙައްމަދު މުޢިއްޒު އެރަށަށްވީ ވަޢުދުތަކުގެ ތެރެގައި ހިމެނޭ ވައުދެކެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ)ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު ވަނީ ސޮއިކޮށްފައެވެ.