އަންހެން ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރުދެއްކުމުގެ މައްސަލަތައް ގިނަވެފައިވާކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންހެން ނޫސްވެރިންނާ ދިމާކޮށް އެ މީހުންނާ ފުރައްސާރަކޮށް ބިރުދެއްކުމަށް ކުރެވޭ އަމަލުތައް އެ ޖަމްއިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެފަދަ އަމަލުތައް އިތުރުވަމުން ދިޔުމަކީ އެ ޖަމްއިއްޔާއިން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Ad
rt

ހަމައެހެންމެ ނޫސްވެރިކަމުގެ މަސައްކަތްތަކާއި ގުޅިގެން ޒާތީ ގޮތުން ޖައްސާލައި، ބިރުދެއްކުމަކީ އެ ޖަމްއިއްޔާއިން އެއްވެސް މިންވަރަކަށް ގަބޫލުކުރާނޭ ކަންކަމެއް ނޫން ކަމަށާއި، އެފަދަ އަމަލުތަކަކީ ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއަޅައި ރޫހާނީ ގޮތުން އެ މީހުން ބަލިކޮށްލައި ފަހަތަށް ޖައްސުވަން ބައެއް ފަރާތްތަކުން ގެންގުޅޭ އުކުޅުތަކެއް ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

"އަންހެން ނޫސްވެރިނަށް އެ މީހުން ކުރާ ނޫސްވެރިކަމުގެ މަސައްކަތްތަކާ ވިދިގެން ފުރައްސާރަކޮށް ދިމާކުރުމުގެ އަމަލުތައް ހިންގުން މިދިޔަ ދެތިން މަހެއްހާ ދުވަސްތެރޭ ކަންބޮޑުވާ މިންވަރަކަށް ގިނަވެފައިވާކަން ފާހަގަކުރެވެ އެވެ. ހާއްސަ ގޮތެއްގައި ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އަންހެން ނޫސްވެރިންނަށް، ފުރައްސާރަކޮށް ދިމާކޮށް ބިރުދައްކާފައިވާ ހަތަރު މައްސަލައެއް މި ޖަމްއިއްޔާގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ."

ނޫސް ބަޔާނުގައި ވެއެވެ.

ހަމައެހެންމެ އެ ނޫސްބަޔާނުގައި ވަނީ އަންހެން ނުސްވެރިންނަށް މި ފަހުން އެކިގޮތްގޮތުން ކުރިމަތިވެފައިވާ ބައެއް މައްސަލަތައް ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:

-ރިވާޔާ ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް ވިޔަފާރި ވެރިއަކާ ކުރި ސުވާލަކާ ގުޅިގެން، އެ ވިޔަފާރިވެރިޔާ އާއިދާއަށް ފުރައްސާރަކޮށް އެކްސްގައި ޕޯސްޓުތަކެއްކޮށްފައިވާ މައްސަލަ.

- އަސްލު ޓީވީގެ އަންހެން ނޫސްވެރިއެއް ކަމަށްވާ ޝާމާ ޝުއައިބު، ފުލުހުން މަގުމަތީ ހިންގި އޮޕަރޭޝަނެއްގެ ފޮޓޯއެއް ނެގުމުން އޭނާއަށް ފުލުހުން މަޖުބޫރުކޮށް އެ ފޮޓޯ އޭނާގެ ފޯނުން ފުހެލި މައްސަލައެއް

- ސަންގު ޓީވީގެ ނޫސްވެރިއާ ލައިޝާ އަހުމަދު ޒަކީއަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިމާކޮށް ފުރައްސާރަކޮށް އިންޒާރު ދިނުން

- މިހާރު ނޫހުގެ ނޫސްވެރިޔާ އަދި މި ޖަމްއިއްޔާގެ އެކްސްކޯ މެންބަރު އާސިމާ ނިޒާރު ލިޔުނު ލިޔުމަކާ ވިދިގެން އޭނާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ދިމާކޮށް ބިރުދައްކައި ހެދުން.

ހަމައެހެންމެ މީޑިއާގެ ދާއިރާ އާއި ނޫސްވެރިކަމުގައި އަންހެނުން ހަރަކާތްތެރިވާލެއް މަދުއިރު އަންހެން ނޫސްވެރިންނަށް ސީދާ ފުރައްސާރަކޮށް، ބިރުދެއްކުން އިތުރުވުމަކީ އެ ދާއިރާއަށް އަންހެނުން ނިކުންނަން ފަސްޖެހޭނޭ ކަމެއްކަމަށް ނޫސްބަޔާނުގައި ވެއެވެ. އަދި އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެމްޖޭއޭ އިން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް ވެސް ނޫސްޔާނުގައި ވެއެވެ.