ހއ. ތަކަންދޫ ބަނދަރުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލެއްގެ ގޮތުގައި ތަކަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ތަކަންދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު މިއަދު އެ ރަށަށް އަރާވަޑައިގެންނެވި ހިސާބުންވެސް ބަނދަރުގެ ޖާގައިގެ މައްސަލަ ފާހަގަކުރެވިގެންދިޔަ ކަމަށެވެ.

އެ މަސައްކަތަކީ މި އަހަރުގެ ބަޖެޓުގެ ތެރޭގައި، ކުރަން ނިންމާފައި ހުރި މަސައްކަތްތަކުގެ ތެރޭގައި، ޕްލޭން ކުރެވިފައިވެސް އޮތް ކަމެއްކަމަށާއި، އެހެންނަމަވެސް، އެ ރަށަށް ވަޑައިގަތުމުން ޙަޤީޤަތުގައި ތަފާތުތަކެއް ފެނިގެންދިޔަ ކަމަށެވެ.

''އަޅުގަނޑު މިރަށަށް އަޅުގަނޑު އައުމުގައި، ދޭން ބޭނުންވި އެންމެ މުހިންމު މެސެޖަކީ، ކުރިން އެ ސޮއިކުރެވި، ނަމަވެސް، އެކަށީގެންވާ ގޮތަކަށް ތިޔަބޭފުޅުން ބޭނުންވާގޮތަށް ނުހިނގާ މި އޮތް މަޝްރޫޢު، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ފަށަން ޖެހިފައި އޮތް، ނުހިނގާ އޮތް މަޝްރޫޢު އިރާދަކުރެއްވިއްޔާ، މި އަހަރުގެ ކުރިއަށް އޮތް ދެތިންމަސް ތެރޭގައި ފަށާނެ ވާހަކަ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި އެ މަސައްކަތްތައް ފަށައިގަތުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ރޯދަމަހަށްފަހު ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ.

އެ މަސައްކަތް ނިންމާއިރު، ރަށުގެ ގުދުރަތީ ރީތިކަމަށް އަސަރު ނުކުރާނެ ގޮތުގެ މަތީން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ނިންމަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.