ކުޅުދުއްފުށި ސިޓީގައި ދެވަނަ ސްވިމިން ޓްރެކެއް އަޅަން ބޭނުންވާ ސާމާނު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ.

ސްވިމިން ޓްރެކް އެޅުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެނައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަވާޒް އަސަދު ވިދާޅުވީ، ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށާއި މިކަން ވުޖޫދަށް ގެނައުމުގައި އެހީތެރިކަން ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

Ad
rt

އޭނާ އިތުރަށް ވިދާޅުވީ، މިއީ ކުޅުދުއްފުށީގައި ކުޅިވަރާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި އަދި މިކަމުގެ ސަބަބުން މިދާއިރާއިން އިތުރަށް ކުރިއެރުން ލިބޭނެކަމާމެދު ޝައްކެއްނުކުރާ ކަމަށެވެ.

ދެވަނަ ސްވިމިން ޓްރެކެއް އަޅަން ބޭނުންވާ ސާމާނު ލިބުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ ފާއިތުވި 2 އަހަރު ސްވިމިން އެސޯސިއޭޝަނާއި ސިޓީ ކަންސިލް ގުޅިގެން އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ބާއްވާ، މުބާރާތާއި ގުޅިގެން ކުރެވުނު މަޝްވަރާތަކާއިއެކު، ސިޓީ ކައުންސިލުން އެދުނުގޮތަށް ސްވިމިން އެސޯސިއޭޝަނުން މިއަދުވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ސްވިމިން ޓްރެކެއް ފޯރުކޮށްދެއްވާފައި ކަމަށެވެ.

މި ޓްރެކް ރާވާ، ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުން މިއަހަރު ކުރިއަށްގެންދިއުމަށް ރާވާފައިވާ ބޯޒިޔާރަތް ބީޗް ތަރައްގީކުރުމުގެ މަޝްރޫއަށްފަހު އެސަރަހައްދުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި ޓްރެކް ފޯރުކޮށްދެއްވާފައިވާތީ ސިޓީ ކައުންސިލުން ވަނީ ސްވިމިން އެސޯސިއޭޝަނަށާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް ޝުކުރު އަދާކޮށްފައެވެ.

ކުޅުދުއްފުށީގައި ފުރަތަމަ ސްވިމިން ޓްރެކެއް އަޅާފައި ވަނީ 2020 ވަނަ އަހަރުއެވެ.