މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ކަނޑުދަތުރުގެ ޚިދުމަތް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ފަދައިން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރު ފަތުރުގެ ނިޒާމް "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ދަތުރުތައް ހދ. އަތޮޅުގެ ރަށްތަކަށްވެސް މި މަހުގެ 11 ވަނަ ދުވަހު ވަނީ ފަށާފައެވެ.
އުނގޫފާރުގައި ދެއްކެވި ވާހަކަފުޅުގައި މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރު ފަތުރުގެ ނިޒާމް "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ދަތުރުތައް ފުރަތަ ފެށީ 11 ޖޫން 2022 ގައި ހދ. އަތޮޅުންނެވެ. އެއަށްފަހު 3 ޖުލައި 2022 ގައި ހއ. އަތޮޅުގައި ރަސްމީކޮށް މި ޚިދުމަތް ފަށާފައިވާއިރު، ށ. އަތޮޅުގައި ގައި 6 ސެޕްޓެމްބަރ 2022 ގައި މިޚިދުމަތް ވަނީ ފަށާފައެވެ.
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ސަރުކާރުން ހަވާލުކުރެއްވީ 14 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) އަދި ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ،އއ،އދ، އަދި ވ) ޒޯން 4 (މ،ފ،ދ،ތ އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ)، އާއިއެކު، ޖުމްލަ 20 އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް އާރް.ޓީ.އެލްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް 2 ގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށް ފުރަތަމަ އަހަރުގެ ތެރޭގައި އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމްލަ 46 ރަށެވެ. އެއަށްފަހު 13 ޖުލައި 2023 ގައި ހުވަދު އަތޮޅުގައި ވެސް މި ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!