ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ދިއްދޫއާއި މާރަންދޫ ބައްދަލުކުރާއިރު ވަށަފަރުން ކެލާ އާއި ވާދަކުރަން ޖެހިއްޖެއެވެ.
ހއ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ މާރަންދޫއިންނެވެ. މާރަންދޫއިން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދި ކެލާއަށް ހަތަރު މެޗުން ހިބިފައި ވަނީ 7 ޕޮއިންޓެވެ. މި ގްރޫޕުން ކަޓައިގެން ދިޔައީ ބާރަށާއި ފިއްލަދޫގެ އިތުރުން ހޯރަފުއްޓެވެ.
ގްރޫޕް ބީގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދީ ވަށަފަރުންނެވެ. ވަށަފަރުން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުގެ ދެވަނަ ހޯދައިގެން ސެމީގެ ޖާގަ ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫއެވެ. ދިއްދޫއިން ވަނީ ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ކަޓައިގެން ދިޔައީ އުތީމައި އިހަވަންދޫގެ އިތުރުން މުރައިދޫއެވެ.
ހއ.އަތޮޅުގެ ފަހު މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު މާރަންދޫއިން ވަނީ 3-2 ގެ ނަތީޖާއިން ފިއްލަދޫ ބަލިކޮށްފައެވެ. މި ގްރޫޕްގައި ބާރަށާއި ކެލާ ބައްދަލުކުރި މެޗު ކާމިޔާބު ކުރީ ބާރަށުންނެވެ. ބާރަށުން މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ.
ގްރޫޕް ބީގައި ވަށަފަރުން ވަނީ 2-1 ގެ ނަތީޖާއިން އިހަވަންދޫ މައްޗަށް ކުރި ހޯދާފައެވެ. މި ގްރޫޕްގައި ދިއްދޫއާއި އުތީމް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ދިއްދޫއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!