ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ''މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް މުއިއްޒު ހީކޮށްގެން ނުވާނެ: އުމަރު'' މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރެއް ހިއްސާކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއްކަމަށެވެ. އަދި އެއީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެއްކަމަށްވެސް ވިދާޅުވިއެވެ.
"އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރަސީއާ ދުރު ބައެއްކަމަށް ބުނެ ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ ޢަމަލެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
''މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް މުއިއްޒު ހީކޮށްގެން ނުވާނެ'' ކަމަށް ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެފައި ވަނީ، ޗެނަލް13 އިން ގެނެސްދިން ޕްރޮގްރާމެއްގައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރަށްވާނެކަން ޢިއުލާންކުރަށްވާފައިވާ ޢުމަރު ވަނީ މީގެ ކުރީން ވެސް ދެ ފަހަރަކު ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!