ކުޅުދުއްފުށީ ނޮލެޖް ސެންޓަރގައި ޔޫތު މެންޓަލް ހެލްތު ސެންޓަރއެއް ތަރައްޤީކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމެޓެޑު އާއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މަސައްކަތުގެ ތެރެއިން ނޮލެޖް ސެންޓަރ އިމާރާތުގެ އެ ސަރަހައްދު ރިނޮވޭޓް ކުރުމާއިއެކު ދެ ކޮންސަލްޓޭޝަން ރޫމާއި، ފާހާނާ އަދި ލޮބީ އޭރިއާ ތަރައްޤީކޮށް ފަރުނީޗަރ ލައި ފުރިހަމަކުރެވޭނެ ކަމަށެވެ.
ގިބްސް ލޮޖިސްޓިކްސް އާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 97 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 611,096.40 ރުފިޔާ އަށެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައިވާގޮތުން އިއްޔެ އިން ފެށިގެން މި މަސައްކަތް ފަށަން ޖެހެއެވެ. އަދި މި މަސައްކަތް 19 އޭޕްރިލް 2025 ގެ ނިޔަލަށް ފުރިހަމަ ކުރަން ޖެހެއެވެ.
މި ސެންޓަރުގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ނަފްސާނީ މައްސަލަތައް ތަހަންމަލް ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!