ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްދީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރޭވުމަކުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ފިއްޓޭ ޕީއެންސީއަށް ވެއްދި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މެމްބަރު ޝުޖާއު ވިދާޅުވި ގޮތުގައި މިކަން ކޮށްފައިވަނީ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙާ ގުޅިގެން ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި، ފިތުނަ އުފެއްދުމުގެ މަޤްޞަދުގައެވެ.

ފިއްޓޭވެސް ޕީއެންސީ ދަފްތަރުގައި!

މެމްބަރު ޝުޖާއު ތުހުމަތުކުރެއްވި ގޮތުގައި މި ޢަމަލުގެ އަޑީގައި ތިބީ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ. އަދި މިކަން ކުރުމަށް އެމްޑީޕީއަށް އެހީތެރިވެދިނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިންކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

ޕީއެންއެފަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އިސްވެ އުފައްދާފައިވާ ޕާޓީއެކެވެ.

އިސީން ފިއްޓޭގެ ފޯމު ބާޠިލްކޮށް މައްސަލަ ބަލަނީ

ފިއްޓޭ އަށް ނޭނގި ޕީއެންސީ ގައި ރަޖިސްޓަރީކުރި ފޯމު އިލެކްޝަންސް ކޮމިޝަނުން ބާޠިލްކޮށްފައިވާއިރު، އެ މައްސަލަ ތަޙުޤީޤުކޮށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފައިވެއެވެ. އަދި ފިއްޓޭގެ މެންބަރުކަން ނުގެއްލޭކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަރުދަނާކުރަމުންދާކަމަށް އީސީން ވަނީ ބުނެފައެވެ.


ކުރިންވެސް ފިއްޓޭ ވަނީ އެމްއެންޕީއަށް ނޭނގި ރަޖިސްޓަރީކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފިއްޓޭ އަށް ނޭނގި ޕީއެންސީ ވެއްދި މައްސަލައާއި ގުޅިގެން، ފިއްޓޭ ނިސްބަތްވާ ޕާޓީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ.