ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގުމަކާ ނުލައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށް ހުށަހެޅި ފޯމު ބާޠިލްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން މިއަދު ހާމަކޮށްފި އެވެ.

އީސީން މިއަދު ބުނީ މި މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ފޯމު ބާޠިލްކޮށް، މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް އިތުރަށް ތަޙުޤީޤު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފިއްޓޭގެ މެންބަރުކަމުގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

Ad
d

މި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރިއެވެ.

ފިއްޓޭ މިނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އޭނާއަށް އެނގުމަކާ ނުލައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ ޕީއެންސީއަށް ވައްދާފައެވެ. އެއިރު މިނޫހުން އީސީގެ ޕޯޓަލް އިން ބެލިއިރު ފިއްޓޭ އޮތީ ޕީއެންސީގައެވެ. ނަމަވެސް، މިހާރު އީސިގެ ދަފްތަރުން ދައްކަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. މީގެ ކުރިން، 2022 ވަނަ އަހަރުވެސް ފިއްޓޭ ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެންބަރެއްގެ ގޮތުގައި ނޭނގި ރަޖިސްޓަރީކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ. ޤާނޫނުއަސާސީއަށް މިފަހުން ގެނެވުނު ބަދަލާ ގުޅިގެން، މިފަދަ ޢަމަލަކުން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުޞަތު އޮތްކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

Ad
df

މި މައްސަލައަކީ މީހުންގެ ޒާތީ މަޢުލޫމާތު ހުއްދަ ނެތި ބޭނުންކޮށްގެން، ސޮއި ފަދަ މަޢުލޫމާތު ފޯޖުކޮށްގެން ކުރާ ކަމެއްކަމަށް ބެލެވޭއިރު، މިފަދަ މައްސަލަތަކުގައި ޖިނާއީ ތަޙުޤީޤެއް ނުކުރާތީ އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުވަމުންދެއެވެ.