ރ. ފައިނު ނެރު ފައިކަށްޓަށް އަރައި، ބަނޑުފިލައިން ފަޅައިގެން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ފައިނު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކަށްޓަށް އަރައި، ބަނޑުފިލައިން ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ދޯންޏަކަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

Ad
rt

މިއަދު މެންދުރުފަހު 13:46 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބުނު ގޮތުގައި "މިނާ" ނަމަކަށް ކިޔާ ސަޕްލައި ދޯނީގެ ބަނޑުފިލައިން ގާތްގަނޑަކަށް ދެ ފޫޓުގެ ތަނެއް ފަޅައިގެން ގޮސް ދިޔަވަމުންދިޔަކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް، ޑައިވަރުންގެ ޓީމަކާއެކު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ދޯނީގައި ހެދެމުންދިޔަ ދިޔަގަނޑު ހިއްކުމަށް ޕަންޕު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނެވެ. މީގެ އިތުރުން، ޑައިވަރުންގެ ޓީމުން ވަނީ ދޯނީގެ ބަނޑުފިލައިން ފަޅައިގެން ގޮސްފައި ހުރި ތަނުގައި ފިލާ ޖަހައި ބައްދާދީފައެވެ.