ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ 6000 މެމްބަރުން ވަގަށް އެމްޑީޕީއަށް ވެއްދިކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ޕީއެންސީން، އެމްޑީޕީގެ މެމްބަރުން ވަގަށް އެ ޕާޓީއަށް ވައްދާކަމަށް ތުހުމަތުކުރަމުން އަންނާތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޝުޖާޢުގެ ވިދާޅުވެފައި ވަނީ ވަގަށް ޕާޓީ އަށް މީހުން ވައްދާ ވާހަކަ އެމްޑީޕީން ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

''ޕީޕީއެމް ގެ 6000 މެމްބަރުން ވަގަށް އެމްޑީޕީއަށް އަށް ބަދަލު ކޮށްލީ ރޯމާ ދުވާލު. އެވާހަކަ އެދުވަހު ކަރުން ހަންދަންދެން ދެއްކީމަ އަހަރެމެންނަށް 'ބުލީ' ކުރީ'' ޝުޖާޢު ވިދާޅުވެފަވެއެވެ.

ނޭނގި ޕީއެންސީ އަށް ވައްދާފައިވާކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެމީހުންގެ ނަމުގައި އީސީއަށް ހުށަހެޅި ފޯމުކަމަށް ބުނެ ފޯމުގެ ފޮޓޯ ވެސް އަންނަނީ މީސްމީޑިއާގައި ދައުރުކުރަމުންނެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަަނަ އަހަރުން ފެށިގެން ހުންނެވި އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ކުރައްވާ ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައިވާ މައްސަލައެއް އޭނާ ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ. ފޯމް ހުށަހަޅާފައި ވަނީ އެހެން މީހެއްގެ ފޮޓޯ ޖަހައިގެންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.