ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގައި ނަގާ ކުނި ނެގުމުގެ ފީ، ކަރަންޓު ބިލުގައި ހިމަނާގޮތަށް އެ ކުންފުނިން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.

މި ނިންމުން ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅަކާ ގުޅިގެންނެވެ.

Ad
rt

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވެމްކޯއިން އަތޮޅުތަކުގެ ރަށްރަށުގައި ފޯރުކޮށްދޭ، ގޭބިސީތަކުން ކުނިނަގައި ދިނުމުގެ ޚިދުމަތުގެ ބިލު، ޔޫޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ބާތިލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ވެމްކޯއިން ބުނެފައިވަނީ، މި އަހަރުން ފެށިގެން ވެމްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ކުނި ނެގުމުގެ ފީ ނަގާނީ ކަރަންޓު ބިލާއެކުގައި ކަމަށެވެ.

މި ބަދަލާ ގުޅިގެން، ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދޭނީ އަދި ޚިދުމަތުން ބިލުކުރާނީ ހަމައެކަނި ވެމްކޯގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފައިސާ ދެއްކުމުގެ އިންތިޒާމުތައް ރަށްރަށުގައި ހުންނަ ވެމްކޯގެ އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެކަމަށާއި، އަވަސްޕޭ ޕޯޓަލް މެދުވެރިކޮށްވެސް ފައިސާދެއްކޭނެކަމަށް ވެމްކޯއިން ހާމަކޮށްފައިވެއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ކޮބައިކަން ވެމްކޯއިން ސާފުކޮށްދީފައި ނުވިނަމަވެސް، މި ނިންމުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެޅުނު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

މި ބަދަލާއެކު، ކުނި ނެގުމުގެ ޚިދުމަތަށް ވަކިން ފައިސާ ދެއްކުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.