ގޫގުލްއިން ކެނެޑާގެ ނޫސްތަކާއި މީޑިއާ ވަސީލަތްތަކުގެ ކޮންޓެންޓް ބޭނުންކުރުމަށް 100 މިލިއަން ކެނޭޑިއަން ޑޮލަރު (69 މިލިއަން އެމެރިކާ ޑޮލަރު) ދޭން އެއްބަސްވެއްޖެއެވެ. މިއީ އިޝްތިހާރުގެ އާމްދަނީ ގެއްލިގެންދާތީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ ފައިސާއެވެ.

ކެނެޑާއިން 2023 ގައި "އޮންލައިން ނިއުސް އެކްޓް" ގާނޫނެއް ފާސްކޮށްފައިވެއެވެ. މިއީ އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކެކޭ އެއްފަދައިން، ޓެކް ޕްލެޓްފޯމްތަކުން ނޫސްތަކަށް ބަދަލު ދިނުމަށް މަޖުބޫރުކުރާ ސިޔާސަތެކެވެ.

Ad
rt

ގޫގުލް އާއި މެޓާއިން ކެނެޑާގެ އިޝްތިހާރުގެ އާމްދަނީގެ 80 ޕަސެންޓް ކޮންޓްރޯލްކުރެއެވެ. އަދި މި ދެ ކުންފުނިން ނޫސްތަކުގެ ކޮންޓެންޓް ހިލޭ ބޭނުންކޮށް، އެތަންތަނުގެ އާމްދަނީ ދަށްކޮށްލާކަމަށް ތުހުމަތުކުރެވެއެވެ.

މި ފައިސާ ބެހުމަށް ޚާއްސަކޮށް އުފައްދާފައިވާ ކެނޭޑިއަން ޖަރނަލިޒަމް ކަލެކްޓިވްއަށް ވަނީ ޖަމާކުރެވިފައެވެ. އަދި 2025 ގެ ނިޔަލަށްވެސް މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ގޫގުލްއިން ވަނީ ނިންމާފައެވެ.

ނިއުސް މީޑިއާ ކެނެޑާގެ ރައީސް ޕޯލް ޑީގަން ބުނި ގޮތުގައި މިއީ އެހެން ގައުމުތަކާ އަޅާބަލާއިރު މާ ރަނގަޅު އެއްބަސްވުމެކެވެ. އަދި ކެނެޑާގެ ނޫސްތަކަށް ކޮންމެ ނޫސްވެރިއަކަށް 20،000 ކެނޭޑިއަން ޑޮލަރާ ހަމައަށް ލިބޭނެކަމަށް ލަފާކުރެވެއެވެ.

މި މައްސަލަ ފެށިގެން އައީ ކެނެޑާގެ އޮންލައިން ނިއުސް އެކްޓް، 2023 ގައި ފާސްކުރުމަށްފަހު، މީޑިއާގެ ކޮންޓެންޓް ބޭނުންކުރުމާ ގުޅިގެން ބަދަލު ދިނުމަށް ގޫގުލް އިންކާރުކުރުމުންނެވެ. އޭރު ގޫގުލްއިން ބުނީ ކެނެޑާގެ އޮންލައިން ނޫސްތަކުގެ ލިންކްތައް ބްލޮކްކުރާނެ ކަމަށެވެ. އަދި މެޓާއިން ފޭސްބުކް އާއި އިންސްޓަގްރާމްގައި ކެނެޑާގެ ނޫސްތަކުގެ ކޮންޓެންޓް ބްލޮކްކުރަން ފެށިއެވެ. ނަމަވެސް ދިގު މަޝްވަރާތަކަކަށްފަހު ގޫގުލްއިން އެއްބަސްވުމަކަށް އާދެވުނެވެ. މި ފައިސާއަކީ ދުނިޔޭގައި މީޑިއާ ދާއިރާއަށް ގޫގުލްއިން އެއްފަހަރާ ދޭ އެންމެ ބޮޑު އެއް ޢަދަދެވެ.