ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ "މައިކަޕް 2024" ފުޓްބޯޅަ މުބާރާތުގައި ހަ ރަށަކުން ޓީމްތައް ބައިވެރިވެއްޖެއެވެ.
މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތު މި މަހުގެ ތިންވަނަ ދުވަހަށް ހަމަވީއިރު، މުބާރާތް ބާއްވާ އިހަވަންދޫއިން ވަނީ ހަތަރު ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންވީކޭ، ކްލަބް އިރަމާ، ކުޅިމަގު އަދި ސެންސިޓީއެވެ.
ދެން މި މުބާރާތުގައި ވާދަކުރާ ފަސް ރަށުގެ ތެރެއިން ކޮންމެ ރަށަކުން ވެސް ބައިވެރިވެފައި ވަނީ އެއް ޓީމެވެ. އެ ޓީމްތަކަކީ ތުރާކުނު ރެކްރިއޭޝަން ކްލަބް، އުލިގަން، ހޯރަފުށިން ހޯރަ ޔުނައިޓެޑް، ދިއްދޫ އެޗްއެން ސްޕޯޓްސް އަދި ހދ.ނޮޅިވަރަމް އިން ބީބީ ބްރަދާސްއެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ "ބިއުޓިފުލް ބުލޫ" އެވެ. މި މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތުގެ ހުރިހާ މެޗެސް ވެސް ކުޅޭނީ އިހަވަންދޫގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 100000 (އެއްލައްކަ) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 35000 (ތިރީސްފަސްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިހަވަންދޫ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ 2007 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އެހީތެރިކަމާއިއެކު އެ ރަށުގައި ހިންގަން ފަށާފައިވާ މުބާރާތެކެވެ.