އިނގިރޭސި ވިލާތުގެ ފިރިހެންކުދިންނަށް މިހާރު ކިޔާ އެންމެ މަގުބޫލު ނަމަކަށް މުޙައްމަދު ވެއްޖެއެވެ.

އެގޮތުން އިނގިރޭސިވިލާތާއި ވޭލްސްގައި 2023 ވަނަ އަހަރު އުފަންވި ފިރިހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވާ ނަމަކީ މުޙައްމަދު އެވެ.

Ad
rt

އިނގިރޭސި ވިލާތުގެ އޮފީސް ފޮރ ނެޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ހާމަކޮށްފައިވާގޮތުން 4،600 އަށް ވުރެ ގިނަ ކުދިންނަށް މުޙައްމަދު ކިޔާފައި ވެއެވެ.

މުޙައްމަދު މި ނަމަކީ 2016 ވަނަ އަހަރުން ފެށިގެން ވެސް އެންމެ މަޤްބޫލު 10 ނަމުގެ ތެރޭގައި ހިމެނޭ ނަމެކެވެ. ހަމައެއާއެކު މިއަހަރު މުޙައްމަދު މި ނަން ވަނީ މީގެ ކުރިން އެންމެ މަޤްބޫލު ނަމެއްގެ ގޮތުގައި އޮތް ނޫޙުގެ ނަން ފަހަތަށް ޖައްސާލައިފައެވެ.

އަންހެން ކުދިންގެ ނަންތަކަށް ބަލާއިރު، އެންމެ ގިނަކުދިންނަށް ކިޔާފައިވަނީ އޮލިވިއާ އެވެ. ދެވަނައަށް އަމީލިއާ އަދި ތިންވަނައަށް އައިލާ ނަން އޮތްއިރު، މި ތިން ނަންތަކަކީ 2022 ވަނަ އަހަރުން ފެށިގެން ބަދަލުނުވެ ހުރި ނަންތަކެވެ.

2023 ވަނަ އަހަރު އަންހެން ކުދިންނަށް ހައިފަން ޖަހައިގެން ކިޔާ ނަންތަކުގެ މަޤްބޫލުކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން 19،140 އަށް ވުރެ ގިނަ ނަން ހައިފަން ޖަހައިގެން ކިޔާފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ 12،330 އާ އަޅާބަލާއިރު އިތުރުވުމެކެވެ.

އޯއެންއެސްއިން ބުނާގޮތުގައި ޕޮޕް ކަލްޗަރގެ ސަބަބުން ނަން ކިޔުމުގެ ޓްރެންޑަށް ބަދަލު އަންނަމުންދެއެވެ. މިގޮތުން ބިލީ އައިލިޝް އަދި ލާނާ ޑެލް ރޭ ފަދަ ލަވަކިޔުންތެރިންނާއި، ކާޑަޝިއަން-ޖެނަރ ޢާއިލާގެ ދަރިންގެ ނަންތަކާއި، މާގޮޓް ރޮބީ އަދި ސިލިއަން މަރފީ ފަދަ ފިލްމީ ތަރިންގެ ނަންތަކުގެ މަޤްބޫލުކަން އިތުރުވެފައިވާކަމަށް ބުނެއެވެ.

އިނގިރޭސިވިލާތުގައި މުޙައްމަދު މި ނަމުގެ މަޤްބޫލުކަން އިތުރުވަމުން ދިއުމަކީ އެ ޤައުމުގައި މުސްލިމުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ވާ ކަމެއް ކަމަށް ބައެއް ރިޕޯޓްތަކުން ދައްކައެވެ.

އޮފީސް ފޮރ ނެޝަނަލް ސްޓެޓިސްޓިކްސްއިން ކޮންމެ އަހަރަކު އުފަންވާ ކުދިންގެ ނަންތަކުގެ ތަފާސްހިސާބު ނެރެއެވެ. މި ތަފާސްހިސާބުތަކުން އެ ޤައުމުގެ ޘަޤާފީ އަދި އިޖްތިމާޢީ ބަދަލުތައް ދެނެގަނެވެއެވެ.