ތިލަދުންމަތީ ދެކުނުބުރީ (ހދ) އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ކައުންސިލުން ފާސްކޮށްފައިވާތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން އިލެކްޝަން ކޮމިޝަން (އީސީ) އަށް އަންގައިފިއެވެ.
22 އޯގަސްޓް 2024 ގައި ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ވަހީދު ވަނީ އެ ޖަލްސާގައި ހުށަހަޅާފައެވެ. މި މައްސަލާގައި ވޯޓަށް އެހުމުން 8 މެމްބަރަކު ވަނީ ރައީސްކަމުން ސިރާޖު ވަކިކުރަން ފެންނަ ކަމަށް ވޯޓި ދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދީފައި ވަނީ ދެ މެމްބަރުންނެވެ.
އެލްޖީއޭއިން 12 ނޮވެމްބަރު 2024 ގައި އީސީ އަށް ފޮނުވާފައިވާ ސިޓީއެއްގައި ހދ.އަތޮޅު ކައުންސިލްގެ ނިންމުން އެ އޮތޯރިޓީއަށް ފޮނުވާފައިވާކަމަށް ވަނީ ބުނެފައެވެ.
''ހދ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ހުސްވުމާއި ގުޅޭ'' ސުރުޚީގެ ދަށުން ލިޔެފައިވާ އެ ސިޓީގައި އެކަމާއި ގުޅޭ ލިޔުންތައް ސިޓީއާއި އެކު އީސީ އަށް ފޮނުވާފައިވާކަމަށް ވެސް ބުނެފަވެއެވެ.
ހދ.އަތޮޅު ކައުންސިލްގެ ރައީސްކަމުން ސިރާޖު ވަކިކުރަން ފާސްކޮށްފި
ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއަތުގެ ގަވާއިދުގެ 8 މާއްދާގައި ކައުންސިލުގެ މެންބަރުން މަޤާމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައި، ''މަޤްބޫލު އުޒުރެއް ނެތި ވިދިވިދިގެން 7 (ހަތެއް) ޖަލްސާއަށް ހާޒިރުނުވުން'' ބަޔާންކޮށްފަވެއެވެ. އަދި މަޤްބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކައުންސިލުން ގަބޫލުކުރާ އެހެން ސަބަބެއް މެދުވެރިވުމުން ކަމަށް ވެސް ބުނެފަވެއެވެ.
މީގެ އިތުރުން އެ ޤަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެގެން ކައުންސިލުގެ މެންބަރެއްގެ މަޤާމް ހުސްވެއްޖެނަމަ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް ޓަކައި، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ދިމާވިކަން ކައުންސިލަށް އެނގޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަމުގެ މަޢުލޫމާތާއި ލިޔެކިޔުން ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެ ކަމަށް ވެސް ބަޔާންކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!