ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގައި ޓާފް އަޅައިގެން ތަރައްގީކުރި ބޮޑު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި "ނޮޅިވަރަމް ކައުންސިލް ކަޕް 2024" ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

އިއްޔެ ހަވީރު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ރަސްމީކޮށް އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެ ރަށަށް ވަޑައިގެން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

Ad
rt

ނޮޅިވަރަމްގައި އެ ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމާއިއެކު އެކަމާއި ހިތްހަމަ ނުޖެހިގެން އެ ދަނޑުގައި އަޅަން އެ ރަށަށް ގެންގޮސްފައި ހުރި ޓާފްތަކުގައި ދެފަހަރެއްގެ މަތިން އަލިފާން ޖަހައި ރޯކޮށްލިއެވެ.

މިފަދަ ސަބަބުތަކާއި ގުޅިގެން އެ މަސައްކަތް ނުނިމި އިތުރަށް ދިގުލާފައިވަނިކޮށް، އެ މަސައްކަތް ނިންމުމަށް މި ސަރުކާރުން އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުއެވެ. އާރުޑީސީއާއި ހަވާލުކުރެވުނުތާ ހަތް މަސްދުވަހުގެ ތެރޭ އެ ޕްރޮޖެކްޓް ވަނީ ނިންމާފައެވެ.

މި ދަނޑު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފެށިގެން ދިޔުމާއި ގުޅިގެން ސްޕޯޓްސް މިނިސްޓަރ ވިދާޅުވީ އާރުޑީސީއާއި ހަވާލުކޮށްގެން ހަތްމަސް ދުވަހުގެ ތެރޭ ނޮޅިވަރަމް ފުޓްބޯޅަ ދަނޑު ނިންމައި ބޭނުން ކުރަން ފެށުނީތީ އުފާކުރާކަމަށެވެ. ނޮޅިވަރަމްގެ ޒުވާނުންގެ ގިނަ ދުވަސްވީ އުންމީދެއް ހަގީގަތަކަށް ހައްދަވައި ދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވި އެއްބާރުލެއްވުމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ޕްރޮޖްކެޓް ކާމިޔާބުކަމާއިއެކު ނިންމާލުމުގައި އާރުޑީސީ އިން ދެއްވި އެއްބާރުލުމަށް ވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ޑާކް ސިޓީއާއި ކުރެދި އެފްސީއެވެ. މި މެޗު 7-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޑާކް ސިޓީންނެވެ. މި މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ އެމްއެމްއެސް އާއި ކަންމަތި ސްޕޯޓސް ކްލަބެވެ.