ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. މި ޖަލްސާގައި ޖުމްލަ 10 މެމްބަރުން ބައިވެރިވިއެވެ.
ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ވަހީދު ވަނީ އެ ޖަލްސާގައި ގޮވާލާފައެވެ. މި މައްސަލާގައި ވޯޓަށް އެހުމުން 8 މެމްބަރަކު ވަނީ ރައީސްކަމުން ސިރާޖު ވަކިކުރަން ފެންނަ ކަމަށް ވޯޓި ދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދީފައި ވަނީ ދެ މެމްބަރުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަމުން ވަހީދު އިތުރަށް ވިދާޅުވީ މަގުބޫލް އުޒުރެއް ނެތި ވިދިވިދިގެން 7 ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ އެ މެންބަރެއްގެ މެންބަރުކަމުން ވަކިވާނެ ކަމަށާއި، ރައީސް 7 ޖަލްސާއަށްވުރެ ގިނަ ޖަލްސާއަށް ހާޒިރުވެފައި ނުވާކަމަށެވެ.
ވަހީދު އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ މުއްދަތުގައި ރައީސް ނެތުމުގެ ސަބަބުން ކައުންސިލު ހިންގުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި ވާކަމަށެވެ. އަދި މި ނަމްބަރަށް ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ އެހެން މެމްބަރުން ވެސް ވަނީ ރައީސް މަގާމުގައި ހުރެ ސިރާޖު، އަތޮޅު ކައުންސިލް ހިންގުމުގައި ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށެވެ.
ނައިބް ރައީސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައުންސިލަށާއި އަތޮޅުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށްބުނެ އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުރި އަބްދުއްސައްތާރު ހަސަން ވެސް ވަނީ މި މަހުގެ 15 ވަނަ ދުވަހު އެ މަގާމުން ވަކޮކޮށްފައެވެ. ސައްތާރަކީ ހަނިމާދޫ ކައުންސިލްގެ ރައީސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!