ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި "ތިލައުތުރު ފުޓްސަލް މުބާރާތް 2024" ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިހަވަންދޫއިން ހޯދައިފިއެވެ

އުތީމާއި އިހަވަންދޫ ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައި ވަނީ ކެލާ ފުޓްސަލް ދަނޑުގައެވެ. ދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ފޯރިގަދަ މި މެޗު އިހަވަންދޫއިން ކާމިޔާބުކުރީ އުތީމުގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިހަވަންދޫ އަށް ޖަހައިދިނީ އިބްރާހިމް ހާމިދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއެއް ހޮވިފައިވަނީ ވެސް އޭނާއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

އިބްރާހީމް ހާމިދު – އިހަވަންދޫ

މުހައްމަދު މަދީހު – އިހަވަންދޫ

މުހައްމަދު ޝަމާއިލް – ބާރަށް

މުހައްމަދު ޒަޔާން – ބާރަށް

މުހައްމަދު މަޒީން – އުތީމް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް (ކިންގް އޮފް ދި ޓޯނަމަންޓް) ހޮވުނީ އިހަވަންދޫ ޓީމްގެ ކެޕްޓަން މުހައްމަދު މަދީހުއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖަހައިގެން ރަން ބޫޓު ހޯދީ އުތީމް ޓީމްގެ ކެޕްޓަން މުހައްމަދު މަޒީން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އިހަވަންދޫ ޓީމްގެ ކޯޗް ނޫޝާން އަބްދުލް ރައްޒާގު ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އިހަވަންދޫއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 (ތިރީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ޓީމަށް ވަނީ 15،000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ފެއާޕްލޭ ޓީމަށް ވަނީ 10،000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.