ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު މިއަދު އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްފައި ވަނީ މިއަދު ހަވީރު އުތުރުން ހދ. ކުޅުދުއްފުށީ ސިޓީގައެވެ.

Ad
rt

އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށްވެސް އިސްކަމެއްދެއްވާ ކަމެއްކަމަށާއި، މިއަދު ފުރިހަމަވެގެން މިދިޔައީ އެމަނިކުފާނުގެ ވައުދުފުޅެއްކަމުގައެވެ. އަދި އާބާދީގެ ނިސްބަތުން އެރަށަކަށްބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ، ރައްޔިތުންނާހަމައަށް އެ ޚިދުމަތްތައް، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފޯރުކޮށްދިނުމަށް ކަމާގުޅުން ހުރި ވުޒާރާތަކުން މަސައްކަތް ކުރައްވާނެކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރަމްގެ ތެރެއިން ރާއްޖޭގެ އަތޮޅުތައް 6 ޒޯން އަކަށް ބަހާލައިގެން ލީޑަރުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާއިރު، އެގޮތުން ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި ހިމެނޭ ސްޕޯޓްސް ކައުންސިލަރ އާއި ޔޫތު އެސޯސިއޭޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ސްޕޯޓްސް ކައުންސިލާސް އާއި ޔޫތު އެސޯސިއޭޓުންގެ ޒިންމާތަކާއި އެމީހުންގެ ރޯލަކީ ކޮބައިކަމާއި ކުޅިވަރާ ބެހޭ ވުޒާރާގެ މެންޑޭޓުގައިވާ ކަންތައްތަކަކީ ކޮބައިކަން ހިއްސާކޮށް އަހުލުވެރިކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.