މިއަދު މީހުން ރުޅިއައިސްގެން ކެކިއުތުރު އަރަނީއެވެ. އެއީ ގަބޫލު ކުރެވޭ ކަމެކެވެ. ޖަޒުބާތުގެ ހަތްދުވަސް މިފެށުނީއެވެ. ހިނދުކޮޅަކުން އެކަން ހިނދި ނިމި ހިނގައިދާނެއެވެ. އެއީ މިހާތަނަށް ކަން ހިނގާފައިވާ ގޮތެވެ.
މިއަދު ގިނަމީހުން މިދައްކަނީ އެންމެހަރުކަށި އަދަބު ދިނުމުގެ ވާހަކައެވެ. އެއީ ވެސް އަޑުއުފުލަންޖެހޭ އަޑެކެވެ. އެކަމަކު ދަންނަވަންތޯއެވެ.
ކުޑަކުއްޖެއްގެ ގޮތުގައި ޖިންސީ ޝިކާރައިގެ ވިކްޓިމްއަކަށްވި ފަރާތެއްގެ ގާތުން އަޅުގަޑު އެވާހަކަ އަހާލީމެވެ. އޭނާބުނިގޮތުގައި އެންމެ ބޭނުންވަނީ އެއަނިޔާވެރިޔާ އޭނާގެ ކުށް ގަބޫލު ކުރުމެވެ. އަދި އެފަދަ އަނިޔާއެއް އިތުރު ކުއްޖަކަށް ނުލިބޭނެކަން ކަށަވަރު ކުރުމެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ފަހުގެ ގާނޫނު، ގާނޫނު ނަމްބަރު 19/2019 ގެ 49 ވަނަ މާއްދާގައި ބުނާގޮތުން، "ދައުލަތުގެ ފަރާތުން ކުޑަކުދިންނާ ގުޅޭ ކަންކަން ނިންމުމުގައި، އެކުދިންގެ ޚިޔާލު ހޯދޭނެ ނިޒާމެއް ދައުލަތުން ގާއިމުކުރަންވާނެއެވެ." އެކަން މިއަންނަ ފެބްރުއަރީ މަހުގެ 20 ށް އޮންނަންޖެހޭނީ ނިމިފައެވެ. މިކަން ގޮސްފައި އޮތް ހިސާބެއް އެނގިވަޑައިގަންނަވާތޯއެވެ.
ހަމައެގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގައި ބުނާގޮތުން، "... ކޮންމެ ސިޓީ ކައުންސިލެއް އަދި ރަށު ކައުންސިލެއްގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން މަސައްކަތްކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެމަސައްކަތްތައް އެމުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނައި، އެފަރާތަށް އެކަށީގެންވާ ތަމްރީނު ދޭންވާނެއެވެ." މިއީ ވެސް ފެބްުރުއަރީ 20 ށް ނިމެންޖެހޭނެ ކަމެކެވެ.
މި ދެކަންތައް އިންތިޒާމު ކުރެވުނަސް ހާލަތު ބަދަލުވުމަށް ވަރަށް ބޮޑު ބާރަކަށްވާނެއެވެ. މި ދެކަންތައް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ޕްރެޝަރުކުރަންވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!