ދެ އަހަރުގެ ކުއްޖަކު "ރޭޕް"ކުރި މައްސަލައިގައި ތުހުމަތުވާ ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު ބެލެވޭ ގޮތުން ފުލުހުން މިއަަދު ހައްޔަރު ކުރީ އެ ތުއްތު ކުއްޖާގެ ކާފައާއި މުނިކާފަ އެވެ.
ދެކުނުގެ ރަށެއްގައި ހިނގާފައިވާ އެހާދިސާއާއި ގުޅިގެން މިއަދު މެންދުރު ފަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ތުހުމަތު ވަނީވެސް އެދެމީހުންގެ މައްޗަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެފަދަ އަނިޔާއެއް އެކުއްޖާ އަށް ލިބިފައިވާކަން އާއިލާ އަށް އެނގުނީ އެކުއްޖާގެ ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ޓެސްޓުތަކުންނެވެ.
ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް ޖެންޑާާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވެ ފިޔަވަޅު އެޅުން ލަސްވިއިރު، އެފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަށް މާލޭގައި މިއަދު އެއްވުމެއް ބާއްވައި، ޒުވާނުންވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!