އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި އިއްޔެ ވަނީ "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" އެއް ބާއްވާފައެވެ. މި ފޯރަމްގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކާއި، އިންޑިއާގެ ބައެއް ފިލްމީތަރިން ވެސް ބައިވެރިވިއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އިއްޔެ މި ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފޯރަމާއިގުޅޭގޮތުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވަރަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.
މިގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މިހާރު ނިމުމާ ކައިރިވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހއ. އަދި ހދ. އަތޮޅުތަކުގެ ރަށްތަކުގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ވެސް މި ފޯރަމްގެ ތެރެއިން ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުގެ ތަފްސީލް ނުދެއްވިނަމަވެސް، ވަޒީރު ވިދާޅުވީ، ފޯރަމްގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.
ބޮޑުތިލަދުންމަތީގެ ހއ. އަތޮޅުގައި ކުރިން ތިން ރިސޯޓު ހިންގި ނަމަވެސް މިވަގުތު ހިންގަމުން އަންނަނީ މަނަފަރު އައިލެންޑް ރިސޯޓާއި، އައިލެންޑް ހައިޑަވޭ ދޮނަކުޅި ރިސޯޓެވެ. އަލިދޫގައި ހިންގި ރިސޯޓު ހުއްޓިފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.
ހދ. ގައި މިވަގުތު ހިންގަމުން އަންނަނީ ހޮނޑާފުށި އައިލެންޑް ރިސޯޓާއި މަކުނުދޫގެ ބޮޑު ފަޅު ތެރޭގައި އޮތް ދިއްޕަރަފުށީގައި ތަރައްގީކޮށް، މިއަހަރު އޭޕްރިލް މަހު ހުޅުވި "ސޮނޭވާ ސީކްރެޓް" ރިސޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!